about 2 hours 0
ލީވާން އަލީ ނާސިރު
ޕްރައިމް ފާޓިލައިޒާސްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ގުދަން ހުރި ގޮތް: އެ ގުދަނުގައި ރައްކާކޮށްފައި ހުރީ ފާޓިލައިޒާސްގެ ބާވަތްތައް -- ފޮޓޯ: އަދަދު
about 2 hours 0
ކެމިކަލް ގުދަންތައް މާލެއިން ހުސްކުރުމުގެ އުސޫލުގެ ދޯހަޅިކަމުގެ ސަބަބުން މާލޭގައި ކެމިކަލް ގުދަން އަދިވެސް އޮޕަރޭޓްކުރަމުންދާކަން ހާމަވެއްޖެ އެވެ.
ކެމިކަލް ގުދަންތައް މާލޭގައި އޮޕަރޭޓްކުރަމުންދާކަން ހާމަވީ އެކި ބާވަތްތަކުގެ ގަސްކާނާ (ފާޓިލއިޒާސް)، ޕެސްޓިސައިޑްސް އަދި ދަނޑުވެރިކަމަށް ބޭނުންކުރާ އެކި ސާމާނު ގުދަންކޮށްފައި ހުރި ޕްރައިމް ފާޓިލައިޒާސްގެ ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއެކުގަ އެވެ.
މިކަމާ ގުޅިގެން ޕްރައިމް ފާޓިލައިޒާސް ހިންގާ ޕްރައިމް މޯލްޑިވްސްގެ ޑިރެކްޓަރު އަދި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އަދަދު އަށް ވިދާޅުވީ ފާޓިލައިޒާސްތައް ރައްކާކޮށްފައި ހުރި ތަނަކީ އެމްއެންޑީއެފް އިން ގަވާއިދުން އިންސްޕެކްޓްކުރާ ތަނެއް ކަމަށެވެ.
"އެތަނަކީ އެ ޒާތުގެ އެއްޗެހި (ފާޓިލައިޒާސް) ރައްކާކުރާ ތަނަކަށްވާތީވެ، ރެގިއުލާކޮށް އެމްއެންޑީއެފް އިން ވެސް އައިސް ޗެކްކުރާވެސް ގުދަނެއް އެ ގުދަނަކީ އެނގޭތޯ. ރާއްޖެއަށް ފާޓިލައިޒާސް އެތެރެކުރެވޭނީ އެގްރޯކެމިކަލްސް ކަހަލަ އެއްޗެހި އެތެރެކުރެވޭނީ ކޮންމެ ޝިޕްމަންޓަކުން ވަކިން ދައުލަތުގެ އެކި އިދާރާތަކުން ހުއްދަ ނަގައިގެން" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފާޓިލައިޒާސްތައް މާލޭގައި ވިއްކުމަށް އެ އެއްޗެހި މާލެ ގެނެސް ގުދަން ކުރެވޭނެކަން އުސޫލުގައި ބަޔާންކޮށްފައިވާއިރު، އެ އުސޫލުގައި ގުދަން ކުރާނެ ވަކި ލިމިޓެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.
މާލެއަށް ފާޓިލައިޒާސް ނުގެނެސް އެ ވިޔަފާރި ކުރެވޭނެ ގޮތް ނުވިސްނޭކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ މިހާރު އުސޫލު އޮތް ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ.
"ތިލަފުށީގައި ހުއްޓަސް އަޅުގަނޑުމެން ޖެހެނީ އެ އެއްޗެހި ހަމަ މާލެއަށް ގެނެސްގެން މާލެއިން އެ އެއްޗެހި ވިއްކާނީ. މި މަސައްކަތް ކުރާ އެންމެންވެސް މަސައްކަތްކުރާ އުސޫލަކީ އެއީ. ސަރުކާރަކުން އަޅުގަނޑަށް އެނގިގެނެއް ކަނޑައަޅާފައެއް ނެތް މާލޭގައި ގުދަން ކޮށްފައި ބެހެއްޓޭނެ ވަކި ލިމިޓްތަކެއް ކަނޑައަޅާފައެއް. އެހެންވީމަ މާލެއަށް ނުގެނެސް އެ ވިޔަފާރި އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑަށް އެނގޭ އެންމެ ރަނގަޅު ގޮތަކީ އެއީއެއް ނޫންކަން" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން މަހެއްގެ މައްޗަށް އެތައް ކޮންޓައިނަރެއްގެ ފާޓިލައިޒާސް ގެނެސްފައި ހުންނައިރު ތިލަފުށީގައި ސަރުކާރުން ހަމަޖައްސާފައިވާ 40 ފޫޓުގެ ކޮންޓެއިނަރުގައި އެކަނި އެ ތަކެތި ގުދަންކޮށްގެން ވިޔަފާރި ކުރަން ދަތިވާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ދެން އާންމު އުސޫލެއްގެ ގޮތުން ގުދަންކުރަން އޮންނަނީ ތިލަފުށީގައި. ދެން ތިލަފުށީގައި ސަރުކާރުން ހަމަޖައްސާފައި ހުންނަ 40 ފޫޓު ކޮންޓެއިނަރު މިކޮޅަށް ދީފައި ހުރޭ. ދެން މިކޮޅަކީ މަހެއްގެ މައްޗަށް އެތައް ކޮންޓެއިނަރެއް އެތެރެކުރާ ތަނެއް އަސްލު. ކޮންމެ ގޮތެއްވިޔަސް ފިހާރަތަކާއި އަޅުގަނޑުމެންގެ ޑިސްޓްރިބިއުޝަން ހުންނަނީ މާލޭގައި" އޭނާ ވިދާޅުވި އެވެ.
ކެމިކަލްތައް ގުދަން ކުރެވޭ ތަންތަނަކީ އިންޝުއާ ކޮށްފައި ހުންނަން ޖެހޭ ތަންތަނަށްވާން ޖެހޭއިރު، ޕްރައިމް ފާޓިލައިޒާސްގެ ގުދަން ހުރީ އިންޝުއާ ނުކޮށެވެ. އުސޫލުގައި ބުނާގޮތުން ނުރައްކާތެރި ކެމިކަލް ގުދަންކޮށްފައި ބަހައްޓާ ތަނަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާގޮތައް ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕޮލިސީއަކުން އިންޝުއާކޮށްފައި ހުންނަން ޖެހެ އެވެ.
މީގެއިތުރުން ކެމިކަލް ރައްކާކުރާ ގުދަން ހަދާފައި ހުންނަން ޖެހޭ ގޮތުގެ އުސޫލު 2019 ގައި ކަނޑައެޅިއިރު އެ ގުދަންތައް މީހުން ދިރިއުޅޭ ތަންތަނާ ދުރުގައި ހަދަން އޮންނަނީ ލާޒިމުކޮށްފަ އެވެ. އޭޣެއިތުރުން ގުދަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިމަނާފައިވާ ގިނަ އުސޫލު ގުދަންތަކުގައި ނުހުންނަކަން ފާހަގަވެ އެވެ.
ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަން ކުރުމުގައި އަމަލު ކުރަން ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރޭތޯ ބަލައި މީހުން ހޭލުންތެރި ކުރަން ހާއްސަ އޮޕަރޭޝަނެއް މި ވެރިކަމުގައި އޮކްޓޯބަރު 1، 2024 ގައި ފެށި އެވެ.
ދިވެހިރާއްޖެއަށް އެކި ބޭނުންތަކުގައި އެތެރެ ކުރެވޭ ނުރައްކާތެރި ކެމިކަލްތައް އެތެރެ ކުރުމުގެ ހުއްދަ ދިނުމާއި، އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާ ކުރުމަކީ ޑިފެންސް މިނިސްޓްރީން ރެގިއުލޭޓްކުރާ ކަމެކެވެ.
މިދިޔަ ވެރިކަމުގައި އަބަދަށް ހިޔާ މަގުގައި ހުރި ކެމިކަލް ގުދަނުގައި ހިނގި އަލިފާންގަނޑު ފެތުރި ހަ ގުދަނަކާއި 14 ގެއެއް ރޯވެ، 46 އަހަރުގެ އަންހެނަކު މަރުވި އެވެ. އެ ހާދިސާއާ ގުޅިގެން ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފެށި އެވެ.
ނަމަވެސް މިދިޔަ ވެރިކަން ނިމި މި ވެރިކަމުގެ ތެރޭގައި ވެސް ކެމިކަލް ގުދަންތައް މާލެއިން އަދިވެސް ހުސްނުވާކަން އަލިފާނުގެ ހާދިސާތައް ހިނގުމުން އެނގި ދަނީ ހާމަވަމުންނެވެ.
Comment