15 އޮގަސްޓު 2024 - 21:04 1
ސާއިފް ޝިޔާދު
ފަތުރުވެރިންތަކެއް ފުރުވާލުމަށް ގައިޑަކު އެމީހުން ގޮވައިގެން ދަނީ. އެއާޕޯޓް ސާވިސް ޗާޖު އުވާލައި އޭގެ ބަދަލުގައި ޑިޕާޗާ ޓެކްސް ނަގަން ފެށީ ޖެނުއަރީ 2022, ގައި --- ފޮޓޯ: އަދަދު ފައިލް
15 އޮގަސްޓު 2024 - 21:04 1
އަންނަ ޑިސެމްބަރު އެކަކުން ފެށިގެން ރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ މީހުންގެ އަތުން ނަގަމުންދާ ޓެކުހާއި ފީތައް ބޮޑުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
މިކަން އަދި ހާމަނުކުރި ނަމަވެސް ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޓެކުހާއި ފީތައް ބޮޑުކުރާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ބަދަލު ގެންނާނީ ޑިސެމްބަރު އެކަކުން ފެށިގެންނެވެ.
ރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ މީހުން އެއާޕޯޓު ޑިވެލޮޕްމަންޓު ފީ (އޭޑީއެފް) އަދި ޑިޕާޗާ ޓެކްސް ދައްކަން ޖެހެ އެވެ.
މި ދެ ޓެކްސް ނަގާ ރޭޓުތަކަކީ އިކޮނޮމިކް ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު، ބިދޭސީންގެ އަތުން 30 އެމެރިކާ ޑޮލަރު، އަދި ބިޒްނަސް ކުލާހުން ދަތުރުކުރާ މީހުން އަތުން 60 ޑޮލަރުގެ އިތުރުން ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުން އަތުން 120 ޑޮލަރެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި ޓެކުހާއި ފީތައް ބޮޑުކުރާނެ ރޭޓެއް އަދި ނިންމާފައި ނުވެ އެވެ. އެ މަޝްވަރާތައް ހިނގަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި ފީތައް ބޮޑުކުރަން ސަރުކާރުން ހުށަހަޅަނީ ދަތުރުކުރާ ދިވެހިންނަށް ބޮޑު އަސަރެއް ނުކުރާނެ ގޮތަށް ކަމަށް ފިނޭންސްގެ ކަރުދާހުގައި ލިޔެފައިވެ އެވެ.
"އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިކޮނޮމީ ކްލާސް ފިޔަވައި އެހެން ކްލާސްތަކުން ދަތުރުކުރާ ދިވެހިން މި ބަދަލުތަކާ އެއްގޮތަށް ޓެކްސް ދައްކަން ޖެހޭ ގޮތަށް ހެދުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.
މި ބަދަލާއެކު ކުރިއަށް އޮތް ތިން އަހަރު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް އަހަރަކު 115 މިލިއަން ޑޮލަރަށްވުރެ ގިނައިން އިތުރުވާނެ ކަމަށް ފިނޭންސުން ވަނީ އަންދާޒާކޮށްފަ އެވެ.
އެގޮތުން, 2025 ގައި 1.6 ބިލިއަން ރުފިޔާ, 2026 ގައި 1.8 ބިލިއަން ރުފިޔާ އަދި 2027 ގައި 1.9 ބިލިއަން ރުފިޔާ މި ބަދަލުތަކާއެކު އާމްދަނީއަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment