Advertisement

ވީއައިއޭ އިން ފުރި އެއާ އޭޝިއާގެ ބޯޓަކަށް މައްސަލައެއް ދިމާވެގެން އަނބުރާ ޖައްސައިފި

30 ނޮވެންބަރު 2025 - 15:58 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއާ އޭޝިއާގެ މަތިންދާ ބޯޓެއް ---- ފޮޓޯ: އަދަދު


ވީއައިއޭ އިން ފުރި އެއާ އޭޝިއާގެ ބޯޓަކަށް މައްސަލައެއް ދިމާވެގެން އަނބުރާ ޖައްސައިފި

30 ނޮވެންބަރު 2025 - 15:58 3

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި އެއާ އޭޝިއާގެ ބޯޓަކަށް މައްސަލައެއް ދިމާވެގެން އަނބުރާ ޖައްސައިފި އެވެ.

މެލޭޝިއާގެ ކުއަލަ ލަމްޕޫރަށް ދަތުރުކުރަން އޮތް މި ބޯޓު ފުރީ މިއަދު ހެދުނު 10:55 ގަ އެވެ. މި ނޫހުން ވާނީ މަތިންދާ ބޯޓު ޓްރެކް ކުރާ ވަސީލަތްތައް ބޭނުންކޮށްގެން އެ ބޯޓު ފުރައިގެން ކުރި ދަތުރު ތަހުލީލުކޮށްފަ އެވެ.

ފްލައިޓު ރާޑަރުގެ ޑޭޓާތަކުން ދައްކާ ގޮތުގައި ބޯޓު ފުރި އިރުން ފެށިގެން ސްޕީޑުގެ މައްސަލަތަކެއް ދިޔައީ ދިމާވަމުންނެވެ. މިހެން ގޮސް ބޯޓު އަނބުރާލީ ފުރިތާ 30 މިނެޓު ފަހުންނެވެ. އަނބުރާލުމަށްފަހު ވީއައިއޭގައި ޖެއްސެއްދެން އިތުރު ގަޑިއިރެއްވަރު މާލެ އަތޮޅު އިރުން ބޭރުގައި ބުރު އެޅި އެވެ.

މިހެން ބުރު އަޅަމުން ދަނިކޮށް ދެތިން މިނެޓު ތެރޭ ބޯޓު ބާރު ސްޕީޑުގައި 2،000 އެއްހާ ފޫޓު ތިރިއަށް ޖެހުނު ކަން ވެސް ފުލައިޓުގެ ޑޭޓާ ތަކުން ދައްކަ އެވެ. ބޯޓުން ނައްޓާލައިގެން އެނބުރި ހުޅުލޭގައި ޖެއްސުމާއި ދެމެދު ވީ ދެ ގަޑިއިރެއްހާއިރު ބޯޓުގެ ސްޕީޑު އެއްވަރެއްގައި ހިފެހެއްޓިފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓަށް ދިމާވި މައްސަލައަކީ ލޭންޑިން ގިއަރު މަތި ނުވުމެވެ. އަނބުރާ ޖެއްސީ އެކަން ކުރުމަށް މަސައްކަތް ކޮށް ކާމިޔާބު ނުވެގެން ކަމަށްވެ އެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ އެއްވެސް އިދާރާއަކުން އަދި އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ. މިއަދު މެންދުރުފަހު ވީއައިއޭއަށް ޖެއްސި ބޯޓު އަދި ވެސް އޮތީ އެ އެއާޕޯޓުގަ އެވެ. މިއީ އެއާ އޭޝިއާގެ އެއާބަސް އޭ-320 މަރުކާގެ ބޯޓެކެވެ.

އެ މަރުކާގެ ބޯޓުތަކުގެ ފްލައިޓު ކޮންޓްރޯލް އަށް ދިމާވަމުންދާ މައްސަލައެއް ހައްލުކުރުމަށް ހުރިހާ ބޯޓެއްގެ ސޮފްޓްވެއާ އަޕްޑޭޓްކުރަން މިދިޔަ ހުކުރު ދުވަހު އެއާބަސް ކުންފުނިން ވަނީ އެއާލައިންތަކަށް އަންގާފަ އެވެ.