14 އޮގަސްޓު 2024 - 22:42 2
މުހައްމަދު ޝަހްޒާން
ހާއްސަ އޮޕަރޭޝަނެއްގައި ފުލުހުން މާލޭގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު
14 އޮގަސްޓު 2024 - 22:42 2
ގޭންގުތަކަށް ނިސްބަތްވާ މީހުންނަށް އިންތިހާބީ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭ ގޮތަށާއި އިންތިހާބީ މަގާމުތަކުގައި ތިބި ގޭންގު މީހުންގެ މަގާމު ގެއްލޭ ގޮތަށް، ގޭންގު ހަަދައިގެން އެކިއެކި ކުށްތައް ކުރުން ހުއްޓުވުމަށް ހާއްސަ ބިލެއް ސަރުކާރުން ޑްރާފްޓު ކޮށްފި އެވެ.
ސަރުކާރުން ޑްރާފްޓު ކުރި ބިލުގަައި ގޭންގުތަކަކީ ކޮބައިކަމާއި ގޭންގުތަކަށް ނިސްބަތްވާ މެންބަރުންގެ އިތުރުން އެ ގޭންގުތަކުގެ ލީޑަރުން ކަނޑައެޅުމަށް ހާއްސަ ކޮމެޓީއެއް އެކުލަވައިލުމަށް ހިމަނައިފައިވެ އެވެ. އެ ކޮމެޓީގައި ހިމެނެނީ:
އެ ކޮމެޓީން ގޭންގު މެންބަރެއް ކަމަށް ކަނޑައަޅާ މީހުންނަށް އިންތިހާބީ އެއްވެސް މަގާމަކަށް ކުރިމަތި ލުން އެ ގާނޫނުގެ ދަށުން މަނާ ކުރަން ބިލުގައި ހިމަނާފައިވެ އެވެ. އަދި، ގޭންގު މެންބަރެއް ކަމަށް ކަނޑައަޅާ މީހަކު އިންތިހާބީ މަގާމެއްގައި ހުރިނަމަ، އެ މީހެއްގެ މަގާމު ގެއްލޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.
އެ ގާނޫނު ދަށުން ކަނޑައަޅާ ގޭންގުތަކާއި އެ ގޭންގުތަކަށް ނިސްބަތްވާ މީހުންގެ އިތުރުން އެ ގޭންގުތަކުގެ ލީޑަރުންގެ ފޮޓޯ އާއެކު ވަނަވަރު ކޮންމެ ހަ މަހަކުން އެއް ފަހަރު އާންމު ކުރުމަށް ބިލުގައި ހިމަނާފައިވެ އެވެ.
އެ ލިސްޓުގައި ހިމެނޭ އެއްވެސް މީހަކާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ހިމަނާފައިވެ އެވެ. އަދި، އެ ލިސްޓުގައި ހިމެނޭ މީހުންނަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް ދިނުން މަނާ ކުރުމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
ޑްރާފްޓު ބިލުގައި ގޭންގެއް ކަމަށް ބަލާނެ ސިފަތަކުގެ ގޮތުގައި ލިޔެފައި ވަނީ ރަށެއްގެ ނުވަތަ ސިޓީއެއްގެ ވަކި ސަރަހައްދަކީ ވަކި ބަޔަކަށް ނިސްބަތްވާ ތަނެއްކަން ދައްކަން އެ ސަރަހައްދެއްގެ މަގުތަކުގައި އެ ބަޔަކު ރަމްޒު ކޮށްދޭ ގްރެފިޓީ އާއި ކުރެހުން ކުރެހުމުގެ އިތުރުން ވަކި ސަރަހައްދެއް އެއީ ވަކި ބަޔަކަށް ނިސްބަތްވާ ތަނެއްކަމަށް ސިފަވާ ގޮތަށް އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރާ މީހުންނެވެ.
އޭގެ އިތުރުން އެ ސަރަހައްދުތަކަށް ގޮސް އުޅޭ ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރާ މީހުންނަކީ ތަކުރާރުކޮށް ޖިނާއީ ކުށްތަކަށް އަރައިގަންނަ ބަޔަކަށް ވުމާއި ވަކި ސަރަހައްދެއްގައި ގުރޫޕު ހަދައިގެން އުޅޭއުޅުމުގައި އެ ބަޔަކު އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަމަލުތަކާއި އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލުތައް ހިންގުމުގައި މަސްއޫލުވެ އުޅޭ ބައެއްކަން ފުލުހުންގެ ރިކޯޑުތަކުން އެނގެން އޮންނަ ފަރާތްތަކަކީ ވެސް ގޭންގުތައް ކަމުގައި ބެލޭނެ ކަމަށް އެ ބިލުގައި ލިޔެފައިވެ އެވެ.
ގޭންގު ކުށްތައް ހުއްޓުވަމުގެ މަގުސަދުގައި މަޖިލީހަށް ހުށަހަޅަން ޑްރާފްޓު ކޮށްފައިވާ އެ ބިލުގައި ގޭންގުތަކުން ކޮންޓްރޯލް ކުރާ ނުވަތަ އެމީހުން އާންމުކޮށް އެކަކު އަނެކަކާ ބައްދަލުކޮށް ހަދާ ތަންތަނަށް ކޯޓު އަމުރަކާ ނުލައި ވަދެ އެތަންތަނަށް އެއްވެސް މީހަކަށް ވަދެ ނުނިކުމޭ ގޮތަށް ބަންދު ކުރުމުގެ ބާރު ފުލުހުންނަށް ދޭން ހިމަނާފައިވެ އެވެ.
ހަމަ އެހެންމެ، ގޭންގުތަކުން ގޭންގު އަމަލުތައް ހިންގުމަށް ބޭނުން ކުރާ ދުއްވާ އުޅަނދުފަހަރު ކޯޓު އަމުރަކާ ނުލައި އެ އުޅަނދެއް ތިން މަސްދުވަހަށް ޓޯ ކުރުމުގެ ބާރު ފުލުހުންނަށް ދޭން ހިމަނާފައިވެ އެވެ.
އެ ބިލު ގާނޫނަކަށް ވުމަށް ފަހު ގޭންގަކަށް ނިސްބަތްވާ މީހެއް ކަމުގައި ކަނޑައަޅާ މީހުންގެ ތެރެއިން މީހެއްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި ނަމަ އެ މީހެއްގެ ނަން މަތީގައި ހުރި ވިޔަފާރިތަކާއި ބޭންކު އެކައުންޓުތައް ތަހުގީގު ނިމެންދެން ހިފެހެއްޓުމުގެ ބާރު ވެސް ފުލުހުންނަށް ދޭން ހިމަނާފައިވެ އެވެ.
އޭގެ އިތުރުން ގޭންގު މެންބަރުންގެ ގޮތުގައި ކަނޑައަޅާ މީހުން އުޅޭ ނޫޅޭ ގޮތް މޮނިޓާ ކުރުމުގެ ބޭނުމަށް އެ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެވޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.
Comment