Advertisement

ނޭޕާލް ބަލިކޮށް ކިރްގިސްތާން ފައިނަލަށް

23 ޖުލައި 2024 - 07:01 0

އަތޫފް އާތިފް

އަތޫފް އާތިފް


ނޭޕާލް ބަލިކޮށް ކިރްގިސްތާން ފައިނަލަށް

23 ޖުލައި 2024 - 07:01 0

ރާއްޖޭގައި މިހާރު ކުރިއަށްދާ ކާވާ ސެންޓްރަލް ޒޯން 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕުގައި ސީދާ ތިން ސެޓުން ނޭޕާލް ބަލިކޮށް ކިރްގިސްތާނުން ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފި އެވެ.

ސެމީ ފައިނަލް ދެވަނަ މެޗުގައި ރޭ ކިރްގިސްތާނުން ނޭޕާލްގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. ކިރްގިސްތާނުން ވަނީ ލީގު ބުރުގައި ވެސް ނޭޕާލްގެ މައްޗަށް ކުރިހޯދައިފަ އެވެ. އެ ޓީމުން މުބާރާތުގެ ލީގު ބުރުގައި ކުޅުނު މެޗުތަކުން ބަލިވީ ހަމައެކަނި ސްރީ ލަންކާ އަތުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ހޯލުގައި މިރޭ ކުޅުނު ސެމީ ފައިނަލު މެޗުގެ ސެޓުތައް ކިރްގިސްތާނުން ގެންދިޔައީ 25-14, 25-22 އަދި 25-13 އިންނެވެ.

ލީގު ބުރުގެ މެޗުތަކުގައި ނޭޕާލުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މިރޭގެ މެޗު އެ ޓީމުން ފެށީވެސް ދަށް ކޮށެވެ. އެގޮތުން އަމިއްލަ ގިނަ ގޯސްތަކެއް އެ ޓީމުގެ ފަރާތުން ފެނުނުއިރު, ކިރްގިސްތާން ޓީމު ފެނިގެންދިޔައީ އިތުބާރާއެކު ކުޅުނު މަންޒަރެވެ. އެއާއެކު ފުރަތަމަ ސެޓު ކިރްގިސްތާނުން ގެންދިޔައީ 25-14 އިންނެވެ.

އެކަމަކު ދެވަނަ ސެޓުގައި ނޭޕާލުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ރަނގަޅު ފައިޓެއް ކިރްގިސްތާނަށް ދީފަ އެވެ. އެއާއެކު, މި ސެޓު ފަށައިގެން ކިރްގިސްތާނަށް ބޮޑު ލީޑެއްގައި އޮވެގެން ކުޅެވޭ ގޮތް ވަނީ ނުވެފަ އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ނޭޕާލް ޓީމުން ހެދި ގޯސްތަކުގެ ފައިދާ ނަގާ މި ސެޓު ކިރްގިސްތާނުން ކާމިޔާބުކުރީ 25-22 އިންނެވެ.

ތިންވަނަ ސެޓުގައި ނޭޕާލް ޓީމު ފެނިގެންދިޔައީ ފުރަތަމަ ސެޓެކޭ އެއްގޮތައް ދަށް ކޮށެވެ. އެއާއެކު މި ސެޓު ކިރްގިސްތާނުން ވަނީ ފަސޭހަކަމާއެކު 25-13 އިން ކާމިޔާބު ކޮށްފަ އެވެ.

މި މުބާރާތުގެ ފައިނަލުގައި ކިރްގިސްތާން ވާދަކުރަން ޖެހޭނީ ސެމީ ފައިނަލް ފުރަތަމަ މެޗުން ރާއްޖޭގެ މައްޗަށް ކުރިހޯދި ސްރީ ލަންކާއާ ދެކޮޅަށެވެ. މި ދެ ޓީމު ލީގު ބުރުގައި ކުޅުނު މެޗު ކާމިޔާބުކުރީ 3-2 ސެޓުން ލަންކާ އެވެ.