Advertisement

19 އަހަރުން ދަށުގެ އަންހެން ތަށި ކެޔޮދޫއަށް، ފިރިހެން ތަށި ސީއެޗްއެސްއީއަށް

11 ނޮވެންބަރު 2023 - 14:28 0

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ސީއެޗްއެސްއީ - ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


19 އަހަރުން ދަށުގެ އަންހެން ތަށި ކެޔޮދޫއަށް، ފިރިހެން ތަށި ސީއެޗްއެސްއީއަށް

11 ނޮވެންބަރު 2023 - 14:28 0

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ވ. ކެޔޮދޫ ސްކޫލުން ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ހޯދައިފި އެވެ.

ސްކޫލް ވޮލީބޯޅަ މުބާރާތުގެ އެންމެ ސީނިއާ އުމުރުފުރާކަމަށްވާ 19 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލުގައި ކެޔޮދޫ ސްކޫލުން ނުކުތީ މ. އަތޮޅު މަދަރުސާއާ ދެކޮޅަށެވެ. މި މެޗު ކެޔޮދޫ ސްކޫލުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު 25-20 އިން ކާމިޔާބުކޮށް މ. އަތޮޅު މަދަރުސާއިން ފެށުން ރަނގަޅުކުރި ނަމަވެސް ކެޔޮދޫ ސްކޫލުން ވަނީ ފަހަތުން އަރާ ތިން ސެޓު ހޯދައި މެޗު ކާމިޔާބުކޮށްފަ އެވެ. އެޓީމުން ސެޓުތައް ގެންދިޔައީ 25-14، 25-12 އަދި 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކެޔޮދޫ ޓީމްގެ އާމިނަތު ރައިޝާ އިބްރާހިމް އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ވެސް ރައިޝާ ހިމެނެ އެވެ. ދެން ހިމެނެނީ ކެޔޮދޫ ސްކޫލްގެ ނަހުވާ ނޫހު މުހައްމަދު، އާމިނަތު ރައިހާނަތު ފާއިޒު، މަރިޔަމް ނަޖުވާ ނިޒާރުގެ އިތުރުން މ. އަތޮޅު މަދަރުސާގެ ފާތިމަތު އިބާ ތާހިރު، ފާތިމަތު އީމާ އަދި ސީއެޗްއެސްއީގެ މަނާލް އިސްމާއިލް ރަޝީދު އެވެ.

މިބައިގެ އެންމެ މޮޅު ކޯޗަކީ ކެޔޮދޫ ސްކޫލްގެ ކޯޗު އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

ފިރިހެން ބައިގެ ތަށި ސީއެޗްއެސްއީ އިންވެސް ހޯދީ ފައިނަލުގައި މ. އަތޮޅު މަދަރުސާ ބަލިކޮށްގެންނެވެ. ސީއެޗްއެސީ އިން ފައިނަލް ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މެޗުގެ ފުރަތަމަ ސެޓު 22-25 އިން ކާމިޔާބުކުރީ މ. މުލީގެ މ. އަތޮޅު މަދަރުސާ އިންނެވެ. ޖެހިގެން އައި ދެ ސެޓު 25-19 އަދި 25-21 އިން ސީއެޗްއެސްއީ އިން ހޯދި ނަމަވެސް މ. އަތޮޅު މަދަރުސާ އިން އިތުރު ހިތްވަރެއްލާ 23-25 އިން ހަތަރު ވަނަ ސެޓު ހޯދި އެވެ. މެޗުގެ ނަތީޖާ ކަނޑައެޅުމަށް ކުޅުނު ސެޓު ސީއެޗްއެސްއީ އިން ގެންދިޔައީ 15-10 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސީއެޗްއެސްއީގެ އަހުމަދު ނާވީ އާދަމް އެވެ. ޑްރީމް ޓީމްގައި ހިމެނެނީ ނާވީގެ އިތުރުން، ސީއެޗްއެސްއީގެ މުހައްމަދު ސައިފް އަހުމަދު، އަހުމަދު އައިހަމް އާމިރު، ސުވާލިހު އާދަމް، މުހައްމަދު ފާއިޝް ފަހީމްގެ އިތުރުން މ. އަތޮޅު މަދަރުސާގެ އަހުމަދު އިމްތިޔާޒު އަފީފް އަދި މުހައްމަދު އިހުސާން އަހުމަދު އެވެ.

ފިރިހެން ބައިގެ އެންމެ މޮޅު ކޯޗަކީ ސީއެޗްއެސްއީގެ ކޯޗު ސަފްވާން އަހުމަދު އެވެ.

ފިރިހެން ބައިގެ ތިން ވަނަ ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުންނެވެ. އަދި އަންހެން ބައިގެ ތިން ވަނަ ހޯދީ ސީއެޗްއެސްއީ އިންނެވެ.