Advertisement

ކުށްވެރިންނަށް ފޯނު ފަދަ ސާމާނު ފޯރުކޮށްދޭ އިތުރު އޮފިސަރެއް ހައްޔަރު ކޮށްފި

17 ޖުލައި 2024 - 20:39 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހޯމް މިނިސްޓަރު އިހުސާން އަލީ. އޭނާ ވިދާޅުވީ ޔުނިފޯމު ވިއްކައިލުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް -- ފޮޓޯ: ހޯމް މިނިސްޓަރީ


ކުށްވެރިންނަށް ފޯނު ފަދަ ސާމާނު ފޯރުކޮށްދޭ އިތުރު އޮފިސަރެއް ހައްޔަރު ކޮށްފި

17 ޖުލައި 2024 - 20:39 0

ކުށްވެރިންނަށް ފޯނާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުންދިޔަ އިތުރު ކަރެކްޝަންސްގެ އޮފިސަރެއް ހައްޔަރު ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިހުސާން އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ އެ އޮފިސަރު ހައްޔަރު ކޮށްފައި ވަނީ މީގެ ދެތިން ދުވަހެއް ކުރިން ކަމަށެވެ.

"މީގެ ތުރީ ފޯ ޑޭސް ކުރިން އަނެއްކާވެސް ޕޮލިސް އިންޓެލިޖެންސަށް އައި މައުލޫމާތެއްގެ އަލީގައި ޖަލުގައި މަސައްކަތް ކުރާ އިތުރު ކުއްޖަކު އަޅުގަނޑުމެން ވާނެ މިހާރު ހައްޔަރަށް ނަގާފައި، އޭނާގެ ލޮކަރު ތެރެއިން ވެސް ފެނުނު ފޯނާއި ޗާޖަރުތަކާ ބައިވަރު އެއްޗެހި އިނގޭތޯ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ހޯމް މިނިސްޓަރީގެ ދަށުން މަސައްކަތް ކުރާ ހުރިހާ މުއައްސަސާތަކަކާ ބައްދަލުކޮށް ޔުނިފޯމު ވިއްކާލާ އެއްވެސް މީހަކު ބަލައި ނުގަންނާނެ ކަމަށް ބުނެފައި ވާނެ ކަމަށެވެ.

ޖަލަށް ފޯނާއި އެހެނިގެން ސާމާނު ވައްދާ މައްސަލަ ބަލަން ފެށީ އެ ވިސްނުމުގެ ތެރެއިން ކަމަށް އިހުސާން ވިދާޅުވި އެވެ.

ކުށްވެރިންނަށް ފޯނުގެ އިތުރުން މަސްތުވާތެކެތި ވެސް ފޯރުކޮށްދެމުންދިޔަ 18 އޮފިސަރަކު މިދިޔަ މަހު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެ އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރު އެކަނި ވެސް 73.3 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ފައިސާ ޖަމާކޮށްފައި ހުރީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ މީހުންނާއި، ކުށުގެ ވެށީގައި އުޅޭ ކަމަށް ފުލުހުންނަށް ފާހަގަކުރެވިފައިވާ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރު އިހުސާން ވިދާޅުވީ، މި މައްސަލައިގެ ތެރެއިން ކަރެކްޝަންސް އޮފިސަރުންނަށް ރިޝްވަތު ދިން މީހުންގެ މައްސަލަތައް ވެސް ބަލައި ގާނޫނު ތަންފީޒުކުރާނެ ކަމަށެވެ.