Advertisement

ބޮޑުފިނޮޅު ވިއްކާލަން ސަރުކާރުން އުޅެނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ މެންބަރު ގޮވާލީ އެކަން ވަގުތުން ހުއްޓާލުމަށް

11 ޖުލައި 2024 - 20:19 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބޮޑުފިނޮޅުގެ ދިފާއުގައި މިއަދު ކުރި މުޒާހަރާގައި ކެޔޮދޫ ދާއިރާގެ މެންބަރު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މިރާޝް ނާޝިމް


ބޮޑުފިނޮޅު ވިއްކާލަން ސަރުކާރުން އުޅެނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ މެންބަރު ގޮވާލީ އެކަން ވަގުތުން ހުއްޓާލުމަށް

11 ޖުލައި 2024 - 20:19 0

ވ. އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ވިއްކާލަން ސަރުކާރުން އުޅެނީ ގާނޫނާ ހިލާފަށް ކަމަށާއި އެކަން ވަގުތުން ހުއްޓާލުމަށް ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ނިއުޝާދު ގޮވާލައްވައިފި އެވެ.

ވ. ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅަށް އެ އަތޮޅު ރައްޔިތުންނާއި ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބޭނުންކުރާ ފަރާތްތަކުން މިއަދު ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި ބައިވެރިވެވަޑައިގެން، އެ ތަނުގައި ހުންނަވައި "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ނިއުޝާދު ވިދާޅުވީ ބޮޑުފިނޮޅު ވިއްކާލަން އުޅޭ ވާހަކަ އަޑުއެހީ ވެސް ހަބަރަކުން ކަމަށާއި އެ ނިންމުން ސަރުކާރުން ނިންމީ އަތޮޅު ކައުންސިލާ ވެސް އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށެވެ.

"އަޅުގަނޑު ގޮވާލަނީ ސަރުކާރަށް ލާމަރުކަޒީ ގާނޫނާ އެއްގޮތަށް މިކަން ކުރުމަށް، އަދި ކައުންސިލާ މަޝްވަރާ ކޮށްގެން ފިނޮޅު ރައްޔިތުންނަށްޓަކައި ބާއްވައިދިނުމަށް،" އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ނިއުޝާދު ވިދާޅުވި އެވެ.

ވ. އަތޮޅު ތިނަދޫއާ އެއް ބިތެއްގައި، އެ ރަށާ 7.7 ކިލޯމީޓަރު ދުރުގައި އޮތް އެ ފިނޮޅު ވިއްކާލީ 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާގެ ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްއަށެވެ.

ނަމަވެސް އެ ފިނޮޅު ވިއްކާލުމުގެ އެއްބަސްވުމެއްގައި އަދި ސަރުކާރާ އެކު ކާނި ހޮޓެލްސްއިން ސޮއި ކޮށްފައެއް ނުވެ އެވެ.

އެ ފިނޮޅު ވިއްކާލުމާ ދެކޮޅަށް މިއަދު ކުރި މުޒާހަރާގައި ވ. ކެޔޮދޫ، ތިނަދޫ، ފުލިދޫ އަދި ފެލިދޫގެ ރައްޔިތުންނާއި އެ ރަށްރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބައިވެރިވެ އަޑު އުފުލި އެވެ.

ނިއުޝާދު ވިދާޅުވީ ބޮޑުފިނުޅު ވިއްކާލުމަކީ އެ އަތޮޅު ރައްޔިތުންނަށާއި ސަރަހައްދީ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

"ވ. އަތޮޅުގެ 80 ޕަސެންޓު ރައްޔިތުންނަކީ މިހާރު ގެސްޓުހައުސް ވިޔަފާރި ކޮށްގެން އާމްދަނީ ހޯދައިގެން ދިރިއުޅެމުންދާ [ބައެއް]، މަސްވެރިކަމެއް ވ. އަތޮޅަކު މިހާރު ނޯވޭ، އެހެންވީމާ ގާތްގަނޑަކަށް 2000 އެނދު ހަމައެކަނި ފަތުރުވެރިކަމަށް [ވ. އަތޮޅުގައި] އެބަ ބޭނުން ކުރޭ، އެހެންވީމަ އަޅުގަނޑުމެންނަށް މި ބެލެވެނީ ދައުލަތަށް ޓެކުހުގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ވ. އަތޮޅުން އެކަނި ދައްކާނެ ކަމަށް،" ނިއުޝާދު ވިދާޅުވި އެވެ.

ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅަށް މިއަދު މެންދުރުފަހު 2:30 ހާއިރުން ފެށިގެން ކުރަމުންދިޔަ މުޒާހަރާ ސުލްހަވެރިކަމާއެކު ނިންމާލައިފައި ވަނީ ހަވީރު ފިނި ޖެހުނު ފަހުންނެވެ.

މުޒާހަރާ ކުރިއަށްދިޔަ ވަގުތު ފުލުހުންގެ ލޯންޗެއް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި އެވެ. ނަމަވެސް މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފައެއް ނުވެ އެވެ.