30 ސެޕްޓެންބަރު 2025 - 17:56 1
މުހައްމަދު ޝަހްޒާން
ވ. ރަކީދޫއަށް މުއިއްޒު ވަޑައިގެންނެވުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ނުކުމެ ތިބި ރައްޔިތުން -- ފޮޓޯ: ރައީސް އޮފީސް
30 ސެޕްޓެންބަރު 2025 - 17:56 1
ވ. ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމާ ގުޅޭގޮތުން ކައުންސިލުގައި އެއްވެސް އިރެއްގައި މަޝްވަރާ ކުރެވިފައި ނުވާ ކަމަށާއި އެ ރަށު ރައްޔިތުން ރާއްޖޭގެ އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކައުންސިލުގެ ފަރާތުން ރަސްމީކޮށް އެދިފައި ވެސް ނުވާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ރަކީދޫ ކައުންސިލުން މުއިއްޒުއަށް ފޮނުވި ސިޓީއެއްގައި ބުނީ ރަކީދޫ ރައްޔިތުން ރާއްޖޭގެ އެހެން ސަރަހައްދަކަށް ބަދަލު ކުރުމާ ގުޅޭގޮތުން ރަސްމީ ސިފައެއްގައި އެ ކައުންސިލުން މަޝްވަރާ ކޮށްފައި ނުވާނޭ ކަމަށެވެ.
"ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރުމާ ގުޅޭގޮތުން އެއްވެސް އިރެއްގައި މި ކައުންސިލުން ރަސްމީ ސިފައެއްގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނޭ ކަމަށާއި މިކަމަކީ މުޅި ރަކީދޫގެ ޖުމްލަ އާބާދީ އާއި ގުޅިފައިވާ ކަމަށްވީ ހިނދު މި ކައުންސިލުން ދަންނަވަން އޮތީ ރަކީދޫގެ ރައްޔިތުން އެހެން ތަނަކަށް ދިރިއުޅުން ބަދަލު ކުރުމާ ބެހޭގޮތުން މި ކައުންސިލުގެ ބައްދަލުވުމަކަށް ހުށަހަޅައި މަޝްވަރާ ވެސް ކޮށްފައި ނުވާނެ އެވެ،" ރަކީދޫ ކައުންސިލުން މުއިއްޒުއަށް ފޮނުވި ސިޓީގައި ބުންޏެވެ.
އެ ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ރަކީދޫ ރައްޔިތުން ރާއްޖޭގެ އެހެން ސަރަހައްދަކަށް ބަދަލު ކޮށްދިނުމަށް އެ ރަށުގެ ބައެއް ރައްޔިތުން މުއިއްޒުގެ އަރިހުން އެދުނީ އެ މީހުންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ނަމަވެސް މިމަހުގެ 20 ވަނަ ދުވަހު ރަކީދޫއަށް ރައީސް ކުރެއްވި ދަތުރުގައި އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މީގެ ކުރިން އެ ރަށު ކައުންސިލާއި ޑަބްލިއުޑީސީއާ ބައްދަލު ކުރެއްވި ކަމަށާއި ކައުންސިލުން ވެސް އަދި ޑަބްލިއުޑީސީން ވެސް އެ ރަށު ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވާން އެދުނު ކަމަށެވެ.
"މި ރަށުގެ ކައުންސިލާއި ޑަބްލިއުޑީސީއާ ކުރިން ބައްދަލުވި. އެފަހަރު ވަރަށް ކްލިއާ މެސެޖެއްގެ ގޮތުގައި އަޅުގަނޑަށް ދެއްވި މެސެޖަކީ މި ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވޭ މާލެ ކައިރީ ތަނަކަަށް ބަދަލުވާން. އެހެންވީމާ އެކަމުގައި އެކަމުގައި ދެން އަޅަންވީ އަމަލީ ފިޔަވަޅު އެޅުމަށްޓަކައި ހުރިހާ ރައްޔިތުންނާއެކުގައި މިތަނަށް އައިސް ބައްދަލުކޮށްލަން ބޭނުންވީ،" މުއިއްޒު ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރަކީދޫ ކައުންސިލުގެ ރައީސް، އަބްދުالله ރަޝީދު އަދަދު އަށް ވިދާޅުވީ އެ ރަށު ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ކައުންސިލުގެ ފަރާތުން ރައީސްގެ އަރިހުގައި އެދިފައި ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލު ކޮށްދިނުމަށް ރަކީދޫ ކައުންސިލުންނާއި ޑަބްލިއުޑީސީން ރައީސްގެ އަރިހުގައި އެދުނު ކަމަށް އެ ވިދާޅުވަނީ އެ ރަށު ކައުންސިލްގެ ނައިބުރައީސް، އޭނާގެ އަމިއްލަ ހައިސިއްޔަތުން ރައީސްގެ އަރިހުގައި ދެންނެވި ވާހަކައަކަށް ރިއާޔަތްކޮށް ކަމަށެވެ.
މިފަހުން މުއިއްޒު ވ. އަތޮޅަށް ކުރެއްވި ދަތުރުގައި ރަކީދޫއަށް ވަޑައިގަތުމުގެ ކުރިން އެ ރަށު ކައުންސިލާއި ޑަބްލިއުޑީސީގެ ފަރާތުން އެ އަތޮޅު ރަކީދޫއަށް ދިޔުމަށް މުއިއްޒު އެދިވަޑައިގެންނެވި ކަމަށް ރަޝީދު ވިދާޅުވި އެވެ.
އެ ދަތުރުގައި ފެރިދޫއަށް ވަޑައިގަތީ ރަށު ކައުންސިލުގެ ނައިބުރައީސް ކަމަށާއި ރައީސްގެ އަރިހުގައި އޭނާ ވާހަކަދެއްކެވީ އަމިއްލަ ހައިސިއްޔަތުން ކަމަށް ރަޝީދު ވިދާޅުވި އެވެ.
"ނޫން ކައުންސިލުގެ ފަރާތުން އެދިފައެއް ނޯންނާނެ... ނައިބު ވެސް އެ ވާހަކަ ދެއްކެވިއިރުގައި އެއްވެސް ވަރަކަށް ރައްޔިތުންނާ އެކަމުގައި މަޝްވަރާ ނުކޮށް މިއޮތީ ރައީސްއާ ހަމައަށް މީތީ ގެންދެވިފައި،" ރަޝީދު ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ރަކީދޫގެ ޖުމުލަ އާބާދީއަކީ 377 މީހުން ކަމަށާއި މުޅި ރަށުގެ އާބާދީއާ ގުޅުންހުރި ކަމެއް ރަށުގައި މިހާރު ދިރިއުޅޭ 61 މީހުންނަށް ނުނިންމޭނެ ކަމަށެވެ. އެހެންކަމުން އެ ރަށު ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރާނަމަ މުޅި ރަށުގެ އާބާދީއާ އެކަމުގައި މަޝްވަރާ ކުރަންޖެހޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
އެ ރަށަށް މުއިއްޒު ކުރެއްވި ދަތުރުގައި އެ ރަށުގައި ދިރިއުޅޭ ބައެއް ރައްޔިތުން ވަނީ އެ ރަށުގެ ރައްޔިތުން މާލެ ކައިރި ސަރަހައްދަކަށް ބަދަލު ކޮށްދިނުމަށް ރައީސްގެ އަރިހުގައި އެދިފަ އެވެ. އެކަމާ ގުޅިގެން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރަކީދޫގެ ރައްޔިތުން ރާއްޖޭގެ އެހެން ރަށަކަށް ބަދަލު ކުރާނީ އެ ރަށު ރައްޔިތުންގެ މުޅި އާބާދީގެ 80 ޕަސެންޓު މީހުން އެކަމަށް ތާއީދު ކުރާނަމަ ކަމަށެވެ.
Comment