Advertisement

ތިޔަހެން ނުހައްދަވާ؛ "ތިޔަ ވިއްކާލަނީ މިއަތޮޅު ފަތުރުވެރިކަމުގެ ލޮލުގެ ކޮއި"

12 ޖުލައި 2024 - 11:10 1

ވ. ބޮޑުފިނޮޅު

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވ. ބޮޑުފިނޮޅުގެ ހިމާޔަތުގައި އެތަނުގައި އިއްޔެ ކުރި މުޒާހަރާ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ތިޔަހެން ނުހައްދަވާ؛ "ތިޔަ ވިއްކާލަނީ މިއަތޮޅު ފަތުރުވެރިކަމުގެ ލޮލުގެ ކޮއި"

12 ޖުލައި 2024 - 11:10 1

ވ. ބޮޑުފިނޮޅު

އެއީ ވ. ކޮޅުދިއްފުށި ފަޅުގެ މެދުގައި އުފެދިފައި އޮތް މާފިނޮޅެކެވެ. ދެ ފަރާތުން އެ ފިނޮޅަށް އަރާ ރާޅު ކުރާ ސަލާމުގެ އަޑު ގެނބުރާ ހަމައަށް މިއުޒިކެއް ފަދައިން ކަންފަތަށް އިވިއިވި ހުއްޓެވެ.

ދޯނީގެ ހަނިވަތް މަތީގައި އިނދެފައި މޫދަށް ފުންމައިލިއިރު ވެސް 15 ވަރަކަށް ފަތުރުވެރިން ފިނޮޅުގައި ހިތްއުފާ ކުރަމުންދިޔަ އެވެ. އެތަނުގެ ގުދުރަތީ ރީތިކަމާއި ލާސާނީ ފުރިހަމަކަމުންނެވެ.

އެއީ ވ. ތިނަދޫއާ އެއް ބިތެއްގައި، އެ ރަށާ 7.7 ކިލޯމީޓަރު ދުރުގައި އޮތް ބޮޑުފިނޮޅަށް ކޮންމެ ހަފުތާއަކު ޒިޔާރަތްކުރާ އެތައް ހާސް ފަތުރުވެރިންނެއް ކުރާ ތަޖުރިބާ އެވެ. ވ. އަތޮޅަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޑައިރީތަކުގައި އަބަދަށް ވެސް ދިވެހިރާއްޖެ ސިފަ ކޮށްފައި އޮންނާނެ ގޮތެވެ.

ނަމަވެސް ދިވެހި ސަރުކާރުން މިހާރު ވަނީ ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ވިއްކާލަން ނިންމައިފަ އެވެ. ފިނޮޅު ވިއްކައިލަން ނިންމާފައިވަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ކާނި ހޮޓެލްސްއަށެވެ.

ބޮޑުފިނޮޅު. އެތައް ހާސް ފަތުރުވެރިންނެއް ކޮންމެ އަހަރަކު ވެސް މި ފިނޮޅަށް ޒިޔާރަތްކުރޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އެ ނިންމުން ސަރުކާރުން ނިންމާފައި ވަނީ ވ. އަތޮޅު ކައުންސިލާ ވެސް މަޝްވަރާ ކުރުމެއް ނެތި ކުއްލިއަކަށެވެ. އެ ފިނޮޅަކީ ކޮންމެ ދިޔަވަރެއް އޮތް ކަމުގައިވިޔަސް ވެސް ގިރާނުލައި އޮންނަ ހަމައެކަނި ފިނޮޅެވެ. އަނެއްކޮޅު ބޮޑުފިނޮޅަކީ ވ. އަތޮޅު ރައްޔިތުންގެ އިތުރުން މާލެ އަތޮޅުން ފެށިގެން އަރި އަތޮޅާ ދެމެދު ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކުން ފަތުރުވެރިންނަށް ވިއްކާ އަގުބޮޑު ޕެކޭޖެކެވެ.

ގުޅި ލާމެހިފައިވާ އެ ދެ ސަބަބާ ހުރެ އެ ފިނޮޅު ވިއްކާލަން ސަރުކާރުން ނިންމި ނިންމުމަށް ކިޔަމަންތެރިކަމާއެކު ބޯޖަހާކަށް ވ. އަތޮޅުގެ ރައްޔިތުން ބޭނުމެއް ނުވެ އެވެ. އެމީހުންގެ ނަޒަރުގައި ބޮޑުފިނޮޅު ވިއްކާލުމަކީ މުޅި ސަރަހައްދުގެ ފަތުރުވެރިކަމުގެ ހުޅުކޮޅު ސަރުކާރުން ނިވައިލުމެވެ.

ބޮޑުފިނޮޅު ވިއްކާލައިފި ނަމަ މިލިއަނުން ގެއްލުންވާނެ

ޖުމުލަ 19 ރަށުގެ މައްޗަށް އެކުލެވިގެންވާ ވ. އަތޮޅަކީ ރާއްޖޭގެ ނިސްބަތުން އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ އެއް އަތޮޅެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށުގައި 52 ގެސްޓުހައުސް ހިންގަ އެވެ. އެނދުގެ އަދަދަށް ބަލާނަމަ މިހާރު ވެސް ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާ އެނދުގެ އަދަދު 650 އަށްވުރެ ގިނަ އެވެ.

އޭގެއިތުރުން ވ. އަތޮޅުގައި މިހާރު ވެސް ފަސް ރިސޯޓެއް ހިންގަ އެވެ. ހުރިހާ ރިސޯޓުތަކެއްގެ ހިސާބު އެއްކޮށްލުމުން ފަތުރުވެރިކަމަށް އެ އަތޮޅުން ކުއްޔަށް ދޫކުރާ އެނދުގެ އަދަދު 2000 އާ ގާތްކުރެ އެވެ.

އެ ހުރިހާ ފަތުރުވެރިންގެ އިތުރުން، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރިތައް ހިންގާ ކ. މާފުށްޓާއި ގުޅީގެ އިތުރުން ގުރައިދޫގެ ފަތުރުވެރިންނާއި އަރި އަތޮޅުގެ ރިސޯޓުތަކަށާއި ގެސްޓުހައުސްތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިން ވެސް އެކްސްކާޝަން ދަތުރުތައް ކުރަނީ ވ. ބޮޑުފިނޮޅަށް ކަމަށް ތިނަދޫ ކައުންސިލުގެ ރައީސް، ޝިފާގު ހުސެއިން ވިދާޅުވި އެވެ.

ސަރުކާރުގެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން ބޮޑުފިނޮޅުގައި މުޒާހަރާ ކުރަނީ. އާންމުންގެ ކަންބޮޑުވުމަކީ މަޝްވަރާ ކުރުމެއް ނެތި މިފަދަ ނިންމުމެއް ނިންމުން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


"މި ފިނޮޅަކީ އަޅުގަނޑުމެން ވިޔަފާރި ކުރަން، ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކާއި ސަފާރީތަކާއި ރިސޯޓުތަކާއި އަދި މި ހިސާބަކުން ނުނިމޭ، ކ. ގުޅި، ކ. މާފުށި، ކ. ގުރައިދޫ، އދ. ދަނގެތި، އދ. ރަސްދޫ، ދިގުރަށް މި ހުރިހާ ތަނަކުން [ފަތުރުވެރިން] މިތަނަށް ޒިޔާރަތް ކުރޭ އިނގޭތޯ؟ މި ހުރިހާ އެންމެން މި ސަރަހައްދުގައި ބޭނުން ކުރަން އޮތް ހަމައެކަނި ސޭންޑު [ބޭންކް] މިއީ އިނގޭތޯ؟ ހަމައެކަނި ބޮޑުފިނޮޅު މިއީ،" ޝިފާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފިނޮޅު ބޭނުން ކޮށްގެން އެތައް ބައިވަރު ވިޔަފާރިވެރިން އާމްދަނީ ހޯދާ ކަމަށާއި އެކަމުގެ ސަބަބުން ހަމައެކަނި މަންފާ ވަނީ އާންމު ރައްޔިތުންގެ ޖީބުތަކަށް ނޫން ކަމަށެވެ.

"މި ފިނޮޅު ވިއްކައިގެން އާމްދަނީ ހޯދަމުންދާ އެތައް ވިޔަފާރިއެއް އެބައޮތް، މި ފިނޮޅު ވިއްކައިގެން މިތަނަށް ގެސްޓުން ގޮވައިގެން އައިސް ފައިސާ ހޯދައިގެން ދައުލަތަށް އެތައް، އެތައް ރުފިޔާއެއް އެބަ ދައްކާ އެތައް ޑޮލަރެެއް އެބަ ދައްކާ އިނގޭތޯ؟" ޝިފާގު ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއް ސާފުކޮށް ފެންނަން ހުއްޓައި ބޮޑުފިނޮޅު ވިއްކައިލުމަކީ އަގު ނުކުރެވޭ ވަރުގެ ގެއްލުން ވާނެ ކަމެއް ކަމަށް ކެޔޮދޫ ކައުންސިލުގެ މެންބަރު، އަހުމަދު އަސްލަމް ވިދާޅުވި އެވެ.

"މި އަތޮޅު ގެސްޓުހައުސްތަކުގެ މީހުން ގޮސް އަރާނެ އިތުރު ފިނޮޅެއް މިތަނުގައެއް މިހާރަކު ނެތް، އަނެއްކާ ރަށްރަށުގައި ތިބި ލޯކަލް މީހުން ވެސް ދަތުރު އައިސް ހަމައެކަނި އަރާލަން އޮތް ހަމައެކަނި ފިނޮޅު މިއީ، ދެން މި ފިނޮޅަކީ ގުދުރަތީ ގޮތުން ދެ މޫސުމުގައި ވެސް ހަމައެކަނި ނުގިރާ އޮންނަ ފިނޮޅު، އެހެންވީމާ މިތަން ވިއްކާލައިގެން އަޅުގަނޑުމެންނަށް ހަމަ އަގު ނުކުރެވޭ ވަރުގެ ގެއްލުން މިއަތޮޅަށް ލިބިގެންދާނެ، މިހާރު މި އަތޮޅުގައި ލޯކަލް ޓޫރިޒަމް ފައްކާވެފައި މިއޮތް މިންވަރަށް ބަލާއިރު،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ދެކޭ ގޮތުގައި ސަރުކާރަށް ވަގުތީ މަންފާ ހޯދުމަށްޓަކައި ފަޅުތަކާއި ގިރިތައް ވިއްކުމަކީ މިހާރުން މިހާރަށް ހުއްޓައިލަންޖެހެ އެވެ. އަތޮޅުގެ ރީތިކަމާއި ގުދުރަތީ މުއްސަނދިކަމުން އަތޮޅު ރައްޔިތުންނަށް މަންފާއެއް ނުވުމަކީ ދެރަވަރު ކަމެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"މިއީ ހަގީގަތުގައި ސަރުކާރުން ހުއްޓުވަންޖެހޭ ކަމެއް، ކޮންމެ ސަރުކާރެއް އަޔަސް ވ. އަތޮޅުގެ މި ތަންތަން ވިއްކުން ނޫންކަމެއް ނުކުރޭ، ދެން އަޅުގަނޑުމެންގެ އާބާދީ މަދޭ ކިޔާފައި އަޅުގަނޑުމެންނަށް މިހެން ހަދާކަށް އެއްވެސް ސަރުކާރަކުން ހެޔޮވެސް ނުވާނެ،" އަސްލަމް ވިދާޅުވި އެވެ.

ވ. ބޮޑުފިނޮޅު. މިއީ ގުދުރަތީ ގޮތުން ރީތި ސިފަތަކެއް ލިބިފައިވާ ފިނޮޅެއް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ވ. އަތޮޅު ކައުންސިލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އަތޮޅުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކުން އެކަނި ވެސް އަހަރަކު 300،000 ޑޮލަރަށްވުރެ ގިނަ ރުފިޔާ ދިވެހި ދައުލަތަށް ޓެކުހުގެ ގޮތުގައި ދައްކަ އެވެ.

ބޮޑުފިނޮޅަކީ އެ އަތޮޅުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެހައި ބޮޑު އާމްދަނީއެއް ލިބޭ މުހިންމު ދޮރެއްކަމަށް މި ރިޕޯޓަށް މައުލޫމާތު ދިން ގިނަ މީހުން ބުންޏެވެ.

"މިއީ ސިޔާސީ ކަމެއް ނޫން، ވާއު އަތޮޅުގެ ފަތުރުވެރިކަން މަރާނުލާ"

ރާއްޖޭގެ ބައެއް އަތޮޅުތަކާ ހިލާފަށް ގުދުރަތީ ރީތިކަމާއި ސިންދަފާތު ދިރުންތަކުން އާދަޔާހިލާ ފުރިހަމަކަން ލިބިފައިވާ ވ. އަތޮޅުގެ ހިތްފަސޭހަކަމުން ހިތްފުރާލަން ބޭރު މީހުންގެ އިތުރުން ދިވެހީން ވެސް އާންމުކޮށް ގޮސް އުޅެ އެވެ.

"ވާއު އެޓޯލް" ގެ ނަމުގައި މުޅި ދުނިޔެއަށް އެ އަތޮޅު މާކެޓު ކުރަނީ ވެސް އެ ސަބަބާ ހުރެ އެވެ. ދިވެހިރާއްޖޭގެ ރީތިކަމުގެ ހުރިހާ ސިފައެއްހެން ލިބިފައިވާ ވ. އަތޮޅަށް އެހެން އަތޮޅުތަކުން ފަތުރުވެރިން އާންމު ގޮތެއްގައި ޒިޔާރަތް ކުރަނީ ސްޕޯޓްސް ފިޝިންއަށާއި ވާވު ޝިޕްރެކު ކައިރިއަށް ފީނައިލުމުގެ އިތުރުން ދެން ބޮޑުފިނޮޅަށެވެ.

"ފަތުރުވެރިން ރާއްޖެއަށް މި އަންނަނީ ހަމައެކަނި ފިނި ކޮޓަރީގައި ތިބެލާފައި ދާކަށް ނޫން، އެ މީހުން ރާއްޖެއަށް އަންނަނީ ރާއްޖޭގެ ދޮންވެލިގަނޑުގައި ހިނގާލައި މި ރީތި މޫދުގައި ފަތާލަން، އެކަން ކޮށްލަން، އެކްސްކާޝަނަށް ފަތުރުވެރިން ގެންދަން މި އަތޮޅުގައި އޮތް ހަމައެކަނި ތަން އެއީ ބޮޑުފިނޮޅަކީ، އެ ތަން ވިއްކާލައިފިއްޔާ ވަރަށް ބޮޑަށް ގެއްލުންވާނެ، އެއީ އަހަރުމެންނަށް އެގޮތަށް ބޭނުން ކޮށްލެވޭނެ އިތުރު ތަނެއް އޭރުން ނޯންނާނެ،" ފުޅާ ދާއިރާއެއްގައި ތިނަދޫގައި ގެސްޓުހައުސް ވިޔަފާރި ހިންގާ އަޒީބެ ބުންޏެވެ.

އަޒީބެ ދެކޭ ގޮތުގައި ބޮޑުފިނޮޅު މިހާރު އެ އޮތް ގޮތަށް ހުރިހާ އެންމެންނަށް ބޭނުން ކުރެވޭ ގޮތަށް ބޭއްވުމަކީ ލޯކަލް ޓޫރިޒަމް ވިޔަފާރި އާއި ރިސޯޓު ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް އަދި ދިވެހި ދައުލަތަށް ވެސް އެންމެ މަންފާ ކުރާނެ ގޮތެވެ.

ބޮޑުފިނޮޅުގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން. މި މުޒާހަރާގައި އެ އަތޮޅު ރަށްތަކުގެ މީހުންނާއި ވިޔަފާރި ހިންގާ މީހުން ބައިވެރިވި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


"ސަރުކާރުން ވިސްނަންވީ އެތަނަށް [ބޮޑުފިނޮޅަށް] ހަފުތާއަކު ދާ 2000 ފަތުރުވެރިން ބޭނުންކުރަން އެ ފިނޮޅު ބޭއްވީމަތޯ ދައުލަތަށް ފައިދާ ވާނީ، ނުވަތަ 400 އެއްހައި އެނދުގެ ރިސޯޓެއް ހަދައި އެމީހުންނަށް އެ ފަޅު ދިނީމާތޯ ފައިދާ ވާނީ،" އަޒީބެ ބުންޏެވެ.

ވ. އަތޮޅު ކައުންސިލުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ބޮޑުފިނޮޅަށް ދުވާލަކު 200 އެއްހައި ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. އޭގެއިތުރުން އެ އަތޮޅު ރައްޔިތުން ހިތް އުފާ ކޮށްލަން ވެސް ދާން އޮތް ހަމައެކަނި ތަނަކީ ބޮޑުފިނޮޅެވެ.

"މި އަތޮޅުގައި 19 ރަށް އޮތްއިރު އޭގެތެރެއިން 14 ރަށް އެއޮތީ ވިއްކާލާފައި، ހިކިފަސް ތަންކޮޅެއް އޮވެއްޖެއްޔާ އެއޮތީ ވިއްކާ ހުސްކޮށްލާފައި، އެއީ ގަހެއް ހުރިއްޔާ އަޅުގަނޑުމެން މިކިޔަނީ ރަށް، ދެން މިއީ ފިނޮޅު، މި ތަން ނޫނީ މި އަތޮޅުގެ ރައްޔިތުން ވެސް ދަތުރު ގޮސްލާނެ ތަންކޮޅެއް މިހާރު ނެތް،" ކުރިން ވާހަކަދެއްކެވި ޝިފާގު ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި ސަރުކާރުން ބޮޑުފިނޮޅު ވިއްކާލަން ނިންމީ އެތަނުގެ މުހިންމުކަން ނޭނގޭތީ އެވެ. އިއްޔެ ބޮޑުފިނޮޅަށް ކަމާކަންފަށައި ގޮސް މުޒާހަރާ ކުރީވެސް އެތަނުގެ މުހިންމުކަން ސަރުކާރުގެ އިސްވެރިންގެ ކަންފަތްތަކަށް އިއްވުމަށް ކަމަށް ޝިފާގު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މިއީ ކިހާ މުހިންމު ތަނެއްކަން އަންގައިދޭން، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން، މި ނޫނަސް ފަޅު އެބަ ހުއްޓޭ ވ. އަތޮޅުގައި، ފަޅެއް މީހަކަށް ވިއްކަންޏާ އެއީ އަޅުގަނޑުމެން މާބޮޑަކަށް އެކަމާ ތެޅޭނެ ކަމެއް ނޫނޭ އިނގޭތޯ؟ އެކަމަކު ހަމައެކަނި ބޭނުން ކުރަން އޮތް، އެންމެން ބޭނުން ކުރަން އޮތް، ސަރަހައްދީ ވިޔަފާރިތަކުން ބޭނުން ކުރަން އޮތް ހަމައެކަނި ތަން ވިއްކާލީމަ ވަރަށް ދެރަވޭ،" ޝިފާގު ވިދާޅުވި އެވެ.

ދެ މޫސުމުގައި ބޭނުން ކުރެވޭ ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅު ހަދަނީ ވަކި ބަޔަކާ ޒާތީވެގެން ނުވަތަ ސިޔާސީ މަންފާއެއް ހާސިލު ކުރަން ނޫން ކަމަށް ވެސް ޝިފާގު ވިދާޅުވި އެވެ. އަދި ވ. އަތޮޅު ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ރަނގަޅު ހައްލެއް ސަރުކާރުން ހޯދައިދެއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޝިފާގު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިތަން ގެއްލިއްޖެއްޔާ ހަމަ ހަދާނެ ގޮތް ހުސްވީ، ވ. އަތޮޅު ޑިޕެންޑު މިވަނީ ލޯކަލް ޓޫރިޒަމް ވިޔަފާރިއަށް، ވ. އަތޮޅު ރައްޔިތުންނަކީ މި ވިޔަފާރިން އާމްދަނީ ހޯދައިގެން ދިރިއުޅުން ބިނާކޮށްފައި ތިބި ބައެއް، ބޮޑުފިނޮޅަކީ މި އަތޮޅު ފަތުރުވެރިކަމުގެ ލޮލުގެ ކޮއި،" ޝިފާގު ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި ކުރި މުޒާހަރާގެ ތެރެއިން. ވ. އަތޮޅާއި ކައިރި ރަށްރަށުގެ ގެސްޓްހައުސްތަކުން ވެސް ޓޫރިސްޓުން މި ފިނޮޅަށް ގެންދޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅު ހަދައި އެ ފިނޮޅު ބޭނުންކުރާ ފަރާތްތަކުން ވަނީ ޕެޓިޝަނެއްގައި ސޮއި ކުރަން ވެސް ފަށައިފަ އެވެ. އިއްޔެއާ ހަމައަށް އެ ޕެޓިޝަނުގައި 71 ފަރާތަކުން ސޮއިކޮށްފައިވެ އެވެ. އޭގެއިތުރުން ވ. އަތޮޅު ކައުންސިލުން ވަނީ ބޮޑުފިނޮޅު ވިއްކާލަން ސަރުކާރުން ނިންމިއިރު، އެ ކައުންސިލާ މަޝްވަރާ ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޓޫރިޒަމް މިނިސްޓަރީއަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

ޝިފާގު ވިދާޅުވީ ވ. އަތޮޅުގެ ހުރިހާ ރައްޔިތުންގެ އުއްމީދަކީ ބޮޑުފިނޮޅު ގަންނަން ބިޑު ހުށަހެޅި ފަރާތަށް ވ. އަތޮޅުން އެހެން ފަޅެއް ދިނުން ކަމަށެވެ. އެ ބިޑު ހުށަހެޅި ކުންފުންޏަށް ވެސް އެ އަތޮޅުގައި ރިސޯޓު ތަރައްގީ ކޮށްގެން ފައިދާ ވާނީ ބޮޑުފިނޮޅު މިހާރު އެއޮތް ގޮތަށް އޮވެގެން ކަމަށް ޝިފާގު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުން މިހުރީ، އަދި އަޅުގަނޑުމެންނަށް ގަބޫލު ވެސް ކުރެވެނީ ސަރުކާރުން މިއަޑު އަހައި އެހެން ފަޅެއް މި ބިޑު ކާމިޔާބު ކުރި ފަރާތަށް ދެއްވާނެ ކަމަށް، އަދި އެ ރިސޯޓު ހަދާ މީހުން ވެސް އަންނަން މި ސޭންޑެ ބާއްވައިދެއްވާނެ ކަމަށް، ސަބަބަކީ ހަމަ މި ނޫން ތަނެއް ނެތީ، މިއީ ހަމަ ސީރިއަސް މައްސަލައެއް،" ޝިފާގު ވިދާޅުވި އެވެ.

ވ. އަތޮޅު ލޯކަލް ޓޫރިޒަމް ވިޔަފާރީގެ ލޮލުގެ ކޮއިގެ ގޮތުގައި އެ އަތޮޅު މީހުން ސިފަ ކުރާ ބޮޑުފިނޮޅު ވިއްކާލަން ސަރުކާރުން ނިންމި ނަމަވެސް އަދި އެ "ޑީލް" ގަނޑަކަށް ތިރިއެއް ނުކުރެ އެވެ. މާނައަކީ ސަރުކާރުން ބޭނުންވެއްޖެ ނަމަ ވ. އަތޮޅު ރައްޔިތުން އެދޭ ގޮތަށް އެމީހުންގެ ކަންބޮޑުވުމުގެ އަޑުއަހައި ބޮޑުފިނޮޅުގެ މައްސަލައަށް ހައްލެއް ހޯދައިދެވޭނެ ކަމެވެ.

ސަރުކާރުން މިހައިތަނަށް ރަސްމީކޮށް ބޮޑުފިނޮޅު ވިއްކާލުމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައި ނުވީނަމަވެސް، މިހާރު ނިންމާފައި ވާގޮތަށް ބޮޑުފިނޮޅު ވިއްކާލައިފިނަމަ ވ. ފަތުރުވެރިކަމުގެ ކޮއި އެ އަތޮޅު ރައްޔިތުންނަށް ގެއްލޭނެ އެވެ. ދެން ބޮޑުފިނޮޅުގެ ހިތްގައިމުކަން ތަޖުރިބާކޮށް އެ ވާހަކަ ޑައިރީގައި ލިޔާނެ ފަތުރުވެރިޔަކު ނުހުންނާނެ އެވެ. އެ ހިތްގައިމުކަން ތަޖުރިބާ ކުރާން މާފުށްޓާއި އަރިއަތޮޅުން ފަތުރުވެރިން ގޮވައިގެން ކުރަމުން އައި ދަތުރުތައް ވެސް އެހައި ހިސާބުން ހުއްޓޭނެ އެވެ.

އުއްމީދުގެ ފަނޑު އައްޔެއްގެ ދޮށުގައި ވ. އަތޮޅު ރައްޔިތުން އަދިވެސް ތިބީ އެ ސަބަބުތަކާ ހުރެ އެވެ. އެވަރުގެ ބޮޑު ގެއްލުމެއް ސަރުކާރަކުން ރައްޔިތުންނަށް ނުދޭނެ ކަމަށް އެމީހުން ގަބޫލު ކުރާތީ އެވެ.