Advertisement

ބޮޑު ފިނޮޅު ވިއްކާލުމާ ދެކޮޅަށް އަތޮޅު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި

11 ޖުލައި 2024 - 15:15 0

ވ. ބޮޑުފިނޮޅު

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބޮޑުފިނޮޅުގައި ކުރަމުންދާ މުޒާހަރާ. ވ. އަތޮޅު ރައްޔިތުން ބުނަނީ މި ފިނޮޅު ވިއްކާލީ އެ އަތޮޅު ކައުންސިލާ ވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށް. --- ފޮޓޯ: އަދަދު


ބޮޑު ފިނޮޅު ވިއްކާލުމާ ދެކޮޅަށް އަތޮޅު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި

11 ޖުލައި 2024 - 15:15 0

ވ. ބޮޑުފިނޮޅު

ވ. ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅަށް އަތޮޅު ރައްޔިތުން ކޮޅުދިއްފުށި ފަޅުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

އެ މުޒާހަރާގައި އެ އަތޮޅު ހުރިހާ ރަށެއްގެ ރައްޔިތުންގެ އިތުރުން ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންދާ ގިނަ އަދަދެއްގެ މީހުން ވެސް ދަނީ ބައިވެރިވަމުންނެވެ.

ތިނަދޫ ކައުންސިލުގެ ރައީސް، ޝިފާގު ހުސެއިން "އަދަދު" އަށް ވިދާޅުވީ މުޒާހަރާ ކުރަނީ ބޮޑު ފިނޮޅަކީ ވ. އަތޮޅުގެ އިތުރުން ކ. އަތޮޅާއި އަރި އަތޮޅުގެ ބައެއް ގެސްޓުހައުސްތަކާއި ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ވެސް ބޭނުން ކުރާ ތަނަކަށްވެފައި އެ ތަން ވިއްކާލުމަކީ މި ސަރަހައްދުގެ ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާތީ ކަމަށެވެ.

މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން. އެތަނުގައި މީހުން ތިބީ ޝުއޫރު ފާޅުކުރުމަށް ބޯޑު ހިފައިގެން -- ފޮޓޯ: އަދަދު


ބޮޑުފިނޮޅަކީ ހުރިހާ ދިޔަވަރެއްގައި ވެސް ވ. އަތޮޅުގައި ހަމައެކަނި ބޭނުން ކުރެވެން އޮތް ފިނޮޅު ކަމަށް ވެސް ޝިފާގު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ސުލްހަވެރިކޮށް ކުރާ މުޒާހަރާއެއް، އަޅުގަނޑުމެން މި މުޒާހަރާއިން ސަރުކާރަށް އިއްވަން ބޭނުންވާ އަޑަކީ، މި އަތޮޅުގައި ނެތޭ މި ނޫނީ ފަތުރުވެރިން ގެންގޮސް އެރުވޭނެ އެއްވެސް ތަންކޮޅެއް، އެހެންވީމަ މި ފިނޮޅު ވިއްކާ ނުލާށޭ،" ޝިފާގު ވިދާޅުވި އެވެ.

ބޮޑު ފިނޮޅު ވިއްކާލުމާ ދެކޮޅަށް ކުރާ މުޒާހަރާގެ މައިގަނޑު މަގުސަދަކީ އަތޮޅު ރައްޔިތުންގެ ކަންބޮޑުވުން ސަރުކާރުގެ އިސްވެރިންނާ ހަމައަށް ފޯރުވުންކަން ފާހަގަ ކުރައްވައި ޝިފާގު ވިދާޅުވީ ބޮޑު ފިނޮޅު ވިއްކާލުމާ ދެކޮޅަށް މިހާރުވެސް ޖުމުލަ 71 ވިޔަފާރިއަކުން ސޮއި ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީން ކުރަނީ ސަރުކާރުން މި އަޑު އަހައި މިކަން ހައްލު ކޮށްދެއްވާނެ ކަމަށް، ސަބަބަކީ މި އަތޮޅު ތިނަދޫ، ފުލިދޫ، ކެޔޮދޫ، ފެލިދޫ، ގުޅި، މާފުށި، ގުރައިދޫ މި ހުރިހާ ރަށެއް ހިމެނޭހެން ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ 71 ފަރާތަކުން މި ޕެޓިޝަނުގައި ސޮއި ކޮށްފި،" ޝިފާގު ވިދާޅުވި އެވެ.

މުޒާހަރާގައި ބައިވެރިވާ ދެ މީހުން ޖެޓްސްކީއެއްގައި. ވ. އަތޮޅުގައި ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރޭ --- ފޮޓޯ: އަދަދު


ވ. އަތޮޅު ތިނަދޫއާ އެއް ބިތެއްގައި، އެ ރަށާ 7.7 ކިލޯމީޓަރު ދުރުގައި އޮތް އެ ފިނޮޅު ވިއްކާލީ 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާގެ ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްއަށެވެ.

ބޮޑުފިނޮޅު ވިއްކާލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވ. އަތޮޅު ކައުންސިލުން ވަނީ ޓޫރިޒަމް މިނިސްޓަރު، އިބްރާހިމް ފައިސަލްއަށް މިދިޔަ ހޯމަ ދުވަހު ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ބޮޑުފިނޮޅު ވިއްކާލީ އަތޮޅު ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ގާނޫނާ ހިލާފަށް ކަމަށެވެ.

ވ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ހަލުވި ކަމާއެކު ކުރިއަރަމުންދާ އަތޮޅެއްކަން ފާހަގަކޮށް އެ އަތޮޅުގެ ގުދުރަތީ ވަސީލަތްތަކަކީ އަތޮޅުގެ ގެސްޓްހައުސްތަކާއި، ބައެއް ރިސޯޓުތަކާއި އަދި ސަފާރީތަކުން ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ބޭނުންކުރާ ވަސީލަތްތަކެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

މިއަދުގެ މުޒާހަރާގައި ސުލްހަވެރިކަމާއެކު ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅަށް އަޑުއުފުލަމުންދާއިރު، އެމީހުންގެ ގޮވައިލުމަކީ އެތަން ފަތުރުވެރިކަމަށް ބޭނުން ކުރެވޭނެ ގޮތަށް އާންމުކޮށް ހުޅުވާލާފައި ބޭއްވުމެވެ.

"ހަތަރު ސަތޭކައެއްހައި ގެސްޓުން ބޭނުން ކުރަން ހާއްސަ ކުރުމަށްވުރެ، 2000 އެއްހައި ފަތުރުވެރިންނަށް މިތަން ބޭނުން ކުރެވޭ ގޮތަށް އޮތީމާ އެއީ ސަރުކާރަށް ވެސް މާބޮޑަށް ފައިދާވާނެ ކަމެއް. އެއީ ރާއްޖެއަށް ފަތުރުވެރިން މި އަންނަނީ ހަމައެކަނި ކޮޓަރީ ތެރޭގައި ތިބޭކަށް ނޫން، ރާއްޖޭގެ ރީތިކަން ބަލަން،" ޝިފާގު ވިދާޅުވި އެވެ.