Advertisement

ނޮޅިވަރަމުގައި ސައިކަލާއެކު މޫދަށް ވެއްޓި މަރުވީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދި ޒުވާނެއް

23 ޖޫން 2024 - 11:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހދ. ނޮޅިވަރަމް: ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދިޔަ ޒުވާނަކު ސައިކަލާއެކު މޫދަށް ވެއްޓި ވަނީ މަރުވެފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ނޮޅިވަރަމުގައި ސައިކަލާއެކު މޫދަށް ވެއްޓި މަރުވީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދި ޒުވާނެއް

23 ޖޫން 2024 - 11:11 0

ހދ. ނޮޅިވަރަމުގައި ބަނދަރުމަތިން ސައިކަލާއެކު މޫދަށް ވެއްޓި މަރުވީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދިޔަ އިލްޔާސް އިބްރާހިމް 32، ކަން އެނގިއްޖެ އެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ "އަދަދު" އަށް ވިދާޅުވީ އިލްޔާސް ދިޔައީ ފިޓުޖެހުމާއި ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން ކަމަށާއި ނަމަވެސް އުޅޭ އުޅުމުގައި އެކަހަލަ ކަންކަން ފާހަގަވަނީ ވަރަށް މަދުން ކަމަށެވެ.

އިލްޔާސްއަކީ ރަށުގެ އިޖުތިމާއީ ކަންކަމުގައި ވަރަށް ގިނައިން ހަރަކާތްތެރިވަމުން އައި ޒުވާނެއްކަން ފާހަގަކުރައްވައި ޔޫސުފް މޫސާ ވިދާޅުވީ ވޮލަންޓްރީ ގިނަ މަސައްކަތްތައް ކުރުމުގެ އިތުރުން އޭނާއަކީ އިލެކްޓްރިކް މަސައްކަތްތައް ވެސް ކުރާ މީހެއް ކަމަށެވެ.

"ވަރަށް މަދު ހާލަތެއްގައި އޭނާއަށް އެހެން ވަނީ. ދޭތެރެއަކުން އެހެން ވެދާނެ. އެކަމަކު ބަލާފައި ނޭގޭނެ އެފަދަ ކަމެއް ހުންނަ ހެނެއް ވެސް. ބެލެވޭ ގޮތެއްގައި އެގޮތަށް ދިމާވެފައި ހުރި ގަޑިއެއްގައި ސައިކަލަށް އަރައިގެން އެ ދިޔައީ،" ޔޫސުފް މޫސާ ވިދާޅުވި އެވެ.

އިލްޔާސް ސައިކަލާއެކު މޫދަށް ވެއްޓުނުތަން ދެ ޒުވާނަކަށް ފެނިގެން ވަގުތުން މޫދަށް ފުންމާލައި އޭނާ ނެގި ކަމަށާއި އެތަނުން އެމީހުންނަށް ދެވުނު ފަރުވާއެއް ދިނުމަށްފަހު ގެންދިޔައީ ހޮސްޕިޓަލަށް ކަމަށް ޔޫސުފް މޫސާ ވިދާޅުވި އެވެ.

ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރުތަކެއް ނުވަނީސް އިލްޔާސް މަރުވިކަން ހޮސްޕިޓަލުން ކަށަވަރު ކޮށްދިންކަމަށް ޔޫސުފް މޫސާ ވިދާޅުވި އެވެ.

މިދިޔަ އަހަރު މާޗު މަހު ގއ. ކަނޑުހުޅުދޫގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދިޔަ 24 އަހަރުގެ ޒުވާނަކު ސައިކަލާއެކު ރަށުގެ ފަޅުތެރެއަށް ވެއްޓިގެން މަރުވި އެވެ. އޭނާ ފަޅު ތެރޭގައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.