Advertisement

ފެނަކައިގެ ދިފާއުގައި ރައީސް: "އެއީ އާމްދަނީ ހޯދަން ހަދާފައިވާ ކުންފުންޏެއް ނޫން, ދެނީ އަސާސީ ހިދުމަތް"

3 ސެޕްޓެންބަރު 2023 - 15:20 0

ނިމާ ހަސަން

ނިމާ ހަސަން

ކެމްޕޭނުގައި ރައީސް ނޮޅިވަރަމުގައި; ފެނަކައަށް މުވައްޒަފުން ނެގުން ދިފާއު ކުރެއްވި -- ފޮޓޯ: މިރާން/ އަދަދު


ފެނަކައިގެ ދިފާއުގައި ރައީސް: "އެއީ އާމްދަނީ ހޯދަން ހަދާފައިވާ ކުންފުންޏެއް ނޫން, ދެނީ އަސާސީ ހިދުމަތް"

3 ސެޕްޓެންބަރު 2023 - 15:20 0

ފެނަކައިން ގިނަ ވަޒީފާ ދެނީ އެއީ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏަކަށްވާތީ ކަމަށް ވިދާޅުވެ، ކުންފުނިން ވަޒީފާ ދޭތީ ކިޔާ ފާޑުކިޔުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްދު ދެއްވައިފި އެވެ.

"ފެނަކައިން ރަށެއްގައި ދޭ ހިދުމަތްތައް ތިބޭފުޅުން ބައްލަވާ. ކަރަންޓުގެ ހިދުމަތް ދެނީ އެމީހުން. ފެނުގެ ހިދުމަތް ދެނީ އެމީހުން. ނަރުދަމާގެ ހިދުމަތް ދެނީ އެމީހުން. އައިސްޕްލާންޓެއް ހުރިއްޔާ, އައިސްޕްލާންޓެއް ހިންގާ މަރާމާތު ކުރަނީ އެމީހުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފެނަކައިން ދޭ ހުރިހާ ހިދުމަތަކަށް ވެސް މުވައްޒަފުން ބޭނުންވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ފެނަކަށް މުވައްޒަފުން ނަގަމުންދާނެ ކަމަށެވެ.

ފެނަކައަށް މުވައްޒަފުން ނެގުމުގެ ބޭނުމަކީ ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އަސާސީ ހިދުމަތް ދިނުމާއެކީގައި ރަށްރަށުގައި ތިބެގެން ވަޒީފާ ލިބޭނެ ގޮތެއް ހޯދައި ދިނުމެވެ.

"އަނެއްކާ އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ފެނަކައަކީ މާބޮޑު ފައިދާއެއްވަ ތަނަކަށް ހަދާކަށް. އެއީ އަސާސީ ހިދުމަތް ދޭ ސަރުކާރުގެ ކުންފުންޏެއް. ފެނަކައަކީ އަޅުގަނޑުމެން ކޮންމެހެން ދައުލަތަށް އާމްދަނީ ހޯދަން ހަދާފައި އޮތް ކުންފުންޏެއް ނޫން," ރައީސް ވިދާޅުވި އެވެ.

ފެނަކައަކީ ދައުލަތަށް އާމްދަނީ ހޯދަން ހަދާފައިވާ ކުންފުންޏެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވީހާވެސް ގިނަ ބަޔަކަށް ވަޒީފާ ދީ, ލިބޭ އެއްޗަކުން ކިރިޔާވެސް ދެކޮޅު ޖެހުނީމަ ފުދޭ ކަމަށެވެ.

އިންތިހާބު ތެރޭގައި ވެވަޑައިގަންނަވާ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަންދެއްވަމުން ރައީސް ވިދާޅުވީ ވައުދު ފުއްދުމުގެ ކެޕޭސިޓީއާއި, ކަން ކުރާނެ މީހުން ވެސް އެބަ ތިބި ކަމަށެވެ. އަދި ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކަށް މުވައްޒަފުން ނަގަނީ އެކަމަށް ކަމަށާއި, އޭގެ ނަތީޖާ ފެންނަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިންތިހާބާ ދިމާކޮށް ސަރުކާރުގެ ބައެއް ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާތައް އުފައްދަމުންދާ ކަމުގެ ކަންބޮޑުވުން އިދިކޮޅު ޕާޓީތަކުންނާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް, އެމްޑީޕީން ބުނަމުންދަނީ އެ ޕާޓީގެ ސަރުކާރުން ވޯޓާ ދިމާކޮށް އެއްވެސް މަޝްރޫއެއް ފަށައި ވަޒީފާ ދެމުން ނުދާ ކަމަށެވެ.