Advertisement

ހދ ދަތުރު: ރައީސް އެދިވަޑައިގަތީ އަނިޔާވެރިކަމަށް އެނބުރި ނުދިޔުމަށް

4 ސެޕްޓެންބަރު 2023 - 06:52 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް މިއަދު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަކުނުދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ހދ ދަތުރު: ރައީސް އެދިވަޑައިގަތީ އަނިޔާވެރިކަމަށް އެނބުރި ނުދިޔުމަށް

4 ސެޕްޓެންބަރު 2023 - 06:52 0

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބަށްނ ކެމްޕޭން ކުރެއްވުމަށް ހދ. އަތޮޅުގެ ހަ ރަށަކަށް އެމަނިކުފާނު އިއްޔެ ވަޑައިގަތެވެ. އަރިހުގައި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް އާއި ފޮރިން މިނިސްޓަރު އަދި އެ ދާއިރާ ކޯޑިނޭޓަރު އަބްދުﷲ ޝާހިދު އާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން އެމްޑީޕީގެ އިސްވެރިން ވަޑައިގަތެވެ.

2018ގެ އިންތިހާބުގައި ވެސް ހދ. އަތޮޅު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހު އެވެ. އެމަނިކުފާނު ވިދާޅުވީ މިފަހަރު އެއަށްޗުރެ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށެވެ.

2018ގެ އިންތިހާބުގައި ހދ. އަތޮޅުގެ ނަތީޖާ


1. އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: 7572 2. އިބްރާހިމް މުހައްމަދު ސޯލިހު: 6069

ނޮޅިވަރަންފަރު:

ހދ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުގެ ތެރެއިން އެ އަތޮޅު ނޮޅިވަރަންފަރަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންގެ ގިނަ ބަޔަކު ރައީސްއަށް މަރުހަބާ ކިޔުމަށްޓަކައި ބަނދަރު ސަރަހައްދަށް އެއްވި އެވެ. ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާން ވާނީ ވަރަށް ރަނގަޅަށް ވިސްނުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ އަނެއްކާ ވެސް 2013 އިން 2018 އަށް އޮތް ހާލަތަށް ގައުމު ވެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ހަމަނުޖެހުމެއްގެ ތެރެއަށް އަނެއްކާ ވެސް ގައުމު ވެއްޓުނަ ނުދިނުމަށް އިލްތިމާސްކުރެއްވި އެވެ.

ރާއްޖޭގައި މަޝްރުއޫތަކެއް ހިންގި ބޭރުގެ ކުންފުނިތަކުން ޑރ. މުއިއްޒުގެ އެކައުންޓަށް ފައިސާ ވަދެފައިވާ ކަމަށް ބުނެ މި ނޫހުގައި ގެނައި ހަބަރަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ސަރުކާރުގެ އެެއްވެސް ކުންފުންޏަކުން ފައިސާ ވަދެފައި ނޯންނާނެ ކަމަށެވެ.

"ހަމަ ގައިމުވެސް އަޅުގަނޑުގެ އެކައުންޓަކަށް އެއްވެސް ކުންފުންޏަކުން ފައިސާ ވަދެފައެއް ނޯންނާނެ. ކުރީ ސަރުކާރުތަކުގެ ޕްރޮޖެކްޓުތައް އަގު ބޮޑުވެގެން ދިޔައީ އެކި މަގާމުތަކުގައި ތިބި މީހުންނަށް ބައި އަޅަން ހަދައިގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ވައުދުތައް:

  • ސްކޫލުގައި މަލްޓިޕާޕަސް ހޯލެެއް
  • ބޮޑެތި މަގުތަކުގައި ތާރު އެޅުން
  • ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކުރުން
  • ޔޫތު ސެންޓަރެއް އެޅުން
  • ބޮޑު ޓާފް ފުޓުބޯޅަދަނޑެއް އެޅުން
  • ނެރުގެ މައްސަލަ ހައްލުކުރުން
  • ގިރާ ސަރަހައްދު ހިމާޔަތްކުރުން
  • ރޯހައުސްތަކުގެ ކުލި ކުޑަ ކޮށްދިނުން

ނޮޅިވަރަމް

ނޮޅީވަރަމަށް ވަޑައިގެން ވެސް ރައީސް ދެއްކެވީ ރައީސް ޔާމީނު ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ އާއި، އެ ހާލަތަށް ގައުމު ވައްޓާލިޔަ ނުދިނުމަށް އެދޭ ވާހަކަ އެވެ.

"2018 ގެ ކުރީގައި އޮތް ވެރިކަމުގައި ރައީސް ޔާމީނު އަމަލު ކުރައްވަމުން ދިޔަ ގޮތް އެންމެންނަށް ވެސް އެނގޭނެ. ކިރިޔާވެސް ވާދަވެރި ސިޔާސީ މީހަކު ހުރި ނަމަ އޮތީ ޖަލުގައި،" ރައީސް ވިދާޅުވި އެވެ.

އަންނަ އިންތިހާބުގައި ވާދަކުރަނީ ޔާމީނު ނޫން ނަމަވެސް، މުއިއްޒު ހޮވިއްޖެ ނަމަ ޔާމީނު ދައުރުގެ އަނިޔާވެރިކަން ތަކުރާރުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނޮޅިވަރަމުގައި ނުނިމި ދިގުލައިގެންދާ ބައެއް މަޝްރުއޫތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ދެން އަންނަ ދައުރެއްގައި އެންމެ ބޮޑު އިސްކަމެއް ދޭ ރަށަކަށް ނޮޅިވަރަމް ވެގެންދާނެ ކަމަށެވެ.

"ނޮޅިވަރަމުގައި ފަށާފައި ހުރި ބައެއް މަޝްރުއޫތައް ނުނިމޭތީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި. ދެން ދައުރެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މިރަށަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ވައުދުތައް:

  • ބޮޑެތި މަގުތަކުގައި ތާރު އެޅުން
  • ކްލާސްރޫމް އިތުރުކުރުން
  • މަލްޓިޕާޕަސް ހޯލު
  • ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރުން
  • ސްޕޯޓްސް އެރީނާއެއް ގާއިމްކުރުން
  • ސިއްހީ މަރުކަަޒަށް ކުޑަކުދިންގެ ޑޮކްޓަރަކާއި އަންހެނުންގެ ޑޮކްޓަރެއް ގެނެސް ހޮސްޕިޓަލު ފެންވަރުގައި ހިންގުން
  • ފުލުހުންގެ ހިދުމަތް ފެށުން
  • ބަނދަރު ބޮޑުކުރުން

ހދ. ހިރިމަރަދޫ

މިދިޔަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކާގޮތުން 260 މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ހިރިމަރަދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ އެރަށަކީ ކިތަންމެ ކުޑަރަށެއް ނަމަވެސް ތަރައްގީގައި ބޮޑެތި ރަށްރަށާ ތަފާތު ނުކުރައްވާނެ ކަމަށެވެ. މިހާރުވެސް ސަރުކާރުން އެ ރަށަށް ކޮށްދީފައިވާ ކަންކަމުން އެކަން ހެކިކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިރިމަރަދޫ ފަދަ ކުދި ރައްތަކަކީ ކުރީ ސަރުކާރު ތަކުގެ ''ރާޑަރަށް'' އަރާ ތަންތަން ކަމަށެވެ. ނަމަވެސް ތަރައްގީގައި މި ސަރުކާރުގެ ސިޔާސަތަކީ އެޢީ ނޫންކަމަށް ވިދާޅުވި އެވެ.

ފަސް އަހަރުގެ ވެރިކަމުގެ ދައުރަކީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ މުއްދަތެެއް ނޫން ކަމަށް ވިދާޅުވެ ފުރިހަމަ ތަރައްގީއެއް ގެނައުމަށް 10 އަހަރުގެ ދައުރެއް ބޭނުންވާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ވައުދުތައް:

  • ބަނދަރު ބޮޑުކޮށް މަރާމާތު ކުރުން
  • މޫދަށް އެރޭ ސަރަހައްދެއް ގާއިމްކުރުން
  • ބޮޑެތި މަގުތަކު ތާރު އެޅުމާ ފެންހިންދާ ނިޒާމު
  • ޒުވާނުންގެ ކުޅިވަރަށް ހާއްސަ އިންތިޒާމްތަކެއް

ހދ. ފިނޭ

ފިނޭއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ އެ ރަށަކީ ސަރުކާރުން ގެންގުޅޭ ތަރައްގީގައި ކުޑަރަށެއް ބޮޑުރަށެއް ތަފާތުނުކޮށް ތަރައްގީ ގެންނަކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

"އަޅުގަނޑުމެން ފަށައިގެން ކުރިއަށް މިގެންދާ މަސައްކަތުގައި އެންމެ ރަނގަޅަށް ތަފާތުކުރުމެއް ނެތްކަން ފެންނަ އެއް ރަށަކީ ފިނޭ. ފިނޭއަށް އެތައް ދުވަހެއް ވަންދެއް ބޭނުންވެފައި ހުރި އެތައް އަސާސީ ހިދުމަތެއް މިހާރު ފޯރުކޮށްދެވިއްޖެ" ރައީސް ވިދާޅުވި އެވެ.

ފިނޭގެ ރައްޔިތުންނަކީ މީގެ ކުރިން ވެސް އެމްޑީޕީއަށް ސަޕޯޓުކުރާ ގިނަ ރައްޔިތުންތަކެއް ތިބޭ ރަށެއްކަން ފާހަގަކުރައްވައި ރައީސް އެދިވަޑައިގަތީ ކުރިއަށް އޮތް ތަނުގައި ވެސް ފިނޭގެ ރައްޔިތުން އެގޮތުގައި ތިބުމަށެވެ.

ފިނޭގެ އަސާސީ ހިދުމަތްތައް ގާއިމްކުރެވިފައިވާކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ތަރައްގީއަކީ އުސް އިމާރާތްތައް ނޫން ކަމަށެވެ.

ވައުދުތައް:

  • ހައުސިން ޔުނިޓު އެޅުން
  • ޒުވާނުންނަށް މޫދަށް އެރޭ ސަރަހައްދެެއް ގާއިމްކުރުން

ނާވައިދޫ:

ނައިވާދޫއަށް ވަޑައިގެން ރައީސްގެ ވާހަކަ ފެއްޓެވީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި އާޓިސްޓުން އެމްޑީޕީއާ ގުޅުމުން އެކަމާ މަރުހަބާ ކިޔަމުންނެވެ. ރައީސް ވިދާޅުވީ މި އިންތިހާބު ވެގެންދާނީ އެންމެ ތަފާތު ބޮޑުކޮށް ކާމިޔާބު ކުރާ އިންތިހާބަށް ކަމަށެވެ.

ނާވައިދޫއަށް ވަޑައިގެން ވެސް ރައީސް އެދިވަޑައިގަތީ 2013 އިން 2018 އަށް ރާއްޖެ އޮތް އަނދިރިކަމުގެ ތެރެއަށް ދިޔަ ނުދިނުމަށެވެ.

ރައީސް ވިދާޅުވީ ޔާމީންގެ އަނިޔާވެރިކަން ތަޖުރިބާ ކުރެވިފައިވާ މީހަކު އެ ދުވަސް އަލުން އިޔާދަވުމަށް ނޭނގޭނެ ކަމަށެވެ.

"އެތިބީ ނޫސްވެރިން، ސިޔާސީ މީހުންނާއި ދީނީ މީހުން. އެ އެންމެންގެ މިނިވަންކަން އޭރު އޮތީ ނިގުޅައިގެންފައި. ކިރިޔާވެސް ސަރުކާރާ ދެކޮޅަށް ބަހެއް ބުނާ މީހެއް ނަމަ ހުރީ ޖަލުގައި" ޔާމީންގެ އަނިޔާވެރިކަން ސިފަކޮށް ދެއްވުމުގެ ގޮތުން ރައީސް ސޯލިހު ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގެ އަނިޔާ ހަނދާންކޮށް ދިނުމުގެ ގޮތުން ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ ބޮޑު ބައެއް ޕެޕާ ސްޕްރޭއަށް ހޭދަކުރި ދުވަސް މާޒީވެފައިވާކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރުން ނޫން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ވައުދުތައް:

  • ބިން ހިއްކުމާއި ރިވެޓްމެންޓު ޖެހުން
    • މަގުތަކުގައި ތާރު އެޅުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުން
    • ފުޓުބޅަ ދަނޑަކާ އެކު ސްޕޯޓްސް އެރީނާއެއް
    • ލޯކަލް ޓޫރިޒަމް ކުރި އެރުވުމަށް ލުއި ލޯނު ދޫކުރުން

    މަކުނުދޫ

    މަކުނުދޫއަށް ވަޑައިގަތުމުން އަތޮޅުގެ އެހެން ރައްތަކަށް ވުރެ ގިނަ ބަޔަކު ރައީސްއަށް މަރުހަބާ ކިއުމަށް ބަނދަރު ސަރަހައްދަށް ޖަމާވި އެވެ.

    ރައީސް ވިދާޅުވީ މަކުނުދޫއަށް 2018 ވަނަ އަހަރު ޒިޔާރަތް ކުރުމުން ވެސް ރައްޔިތުން އެދުނީ އެއާޕޯޓެއް އަޅައިދިނުމަށް ކަމަށެވެ. މަކުނުދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށީ އެކަމާ މެދު ފުންކޮށް ވިސްނެވުމަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ.

    "އަޅުގަނޑު މި ވައުދު ވަނީ އަނެއްކާ ވެސް ހަމަ އެކަކު ވެސް ކުރިއަށް އޮތްތަނުގައި ބާކީ ނުކުރާނެ ކަމަށް. ތަފާތު ނުކުރާނެ ކަމަށް. އަޅުގަނޑު މި އެދެނީ ތި ހުރިހާ ބޭފުޅުން އަޅުގަނޑުމެންނާ އެކީ ކުރިއަށް ވަޑައިގަތުމަށް،" ރައީސް ވިދާޅުވި އެވެ.

    އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަކުނުދުއަކީ ތަފާތު ސިފަތަކެއް ލިބިފައިވާ ރާއްޖޭގެ އަތޮޅެއް ކަމަށާއި, މުޅިން ވަކިން އޮތަސް ރީތި ފަޅެއް އޮތް އަތޮޅެއް ކަމަށެވެ. އަދި އެއީ ޓޫރިޒަމަށް އެންމެ ފައްކާ އެއް ސަރަހައްދުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

    "އަޅުގަނޑުމެންގެ ތެރޭގައި މި އިންނެވި ރާއްޖޭގެ އެންމެ ފުންނާބު އުސް ޓޫރިޒަމް ދާއިރާގެ އެއް އިންވެސްޓަރު [ސިޔާމް] ޔަގީންކަން އެ ދެއްވަނީ މިއީ [މަކުނުދޫ އަކީ] ތަފާތު ދާއިރާއަކަށް ޓޫރިޒަމް ދާއިރާގައި ހެދިގެންދާނެ ތަނެއް ކަމަށް. މިއަދު އެވަނީ އެއް ރިސޯޓު ހަދަން ފަށާފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މަކުނުދޫ ފަޅުގައި އިތުރު ރިސޯޓް ހެދުމަށް އަޅުގަނޑުމެން ހުޅުވާލާނަން" އިތުރު ރިސޯޓެއްގެ ވައުދުވެވަޑައިގަންނަވަމުން ރައީސް ވިދާޅުވި އެވެ.

    ވައުދުތައް

  • ބިން ހިއްކުން
    • ހައުސިން ޔުނިޓު އެޅުން
    • ބޮޑިތެ މަގިތަކުގައި ތާރު އެޅުން
    • ބަނދަރު ފުންކުރުން
    • އައިސް ޕްލާންޓެއް އެޅުން
    • މަކުނުދޫ ފަޅުގައި އިތުރު ރިސޯޓު އެޅުމަށް ހުޅުވާލުން
    • މެރިކަލްޗާއަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުން

    ހދ. އަތޮޅުގެ އިތުރު ހަ ރަށަކަށް ރައީސް މިއަދު ވަޑައިގަންނަވާނެ އެވެ. އެންމެ ފަހު މަންޒިލަކީ ކުޅުދުއްފުށްޓެވެ.