Advertisement

ކޭޕާކު އޮޅުވާލުމުގެ ޝިކާރައަކަށްވި މީހަކަށް އެއްބަސްވުންތަކުގެ ކޮޕީ ދޭން އެޗްޑީސީއަށް ކޯޓުން އަމުރުކޮށްފި

9 ޖޫން 2024 - 10:27 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސިވިލް ކޯޓު ހިންގާ އިމާރާތް: ހަންބޯއާއެކު އެޗްޑީސީން ހެދި އެއްބަސްވުންތަކުގެ ކޮޕީ ދޭން އަމުރުކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ކޭޕާކު އޮޅުވާލުމުގެ ޝިކާރައަކަށްވި މީހަކަށް އެއްބަސްވުންތަކުގެ ކޮޕީ ދޭން އެޗްޑީސީއަށް ކޯޓުން އަމުރުކޮށްފި

9 ޖޫން 2024 - 10:27 0

މައްސަލަ ބޮޑުވެފައިވާ, ކޭޕާކު ރެސިޑެންސް އިން އެޕާޓްމަންޓެއް ގަތް މީހަކަށް، އެ ފްލެޓްތައް ހަދަން ހަވާލުކުރި ހަންބޯ މޯލްޑިވްސްއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ކޮޕީ ދޭން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުގައި މި ގޮތަށް އެދުނީ ލ. ފޮނަދޫ، ރޯޝަންވިލާ، ފާތިމަތު އާސިޔަތެވެ. އެއީ ހަންބޯ ކުންފުންޏާ ދެކޮޅަށް އޭނާ ހުށަހަޅާ މައްސަލާގައި ބޭނުންވާ ލިޔެކިޔުންތަކަކަށް ވާތީ، އެ ކޯޓުގައި ވަގުތީ އަމުރަކަށް އެދުނެވެ.

އޭނާ އެދިފައިވާ ލިޔެކިޔުންތަކަކީ:

  • އެޗްޑީސީއާއި ހަންބޯއާ އެކު 2016، ގައި އެކުލަވާލި ފުރަތަމަ އެއްބަސްވުމުގެ ކޮޕީ
  • ފުރަތަމަ އެއްބަސްވުމަށް ފަހުން އިސްލާހެއް ގެނައި ނަމަ، އެ އިސްލާހެއްގެ ކޮޕީ
  • ޕްރޮޖެކްޓް ސެކުއިރިޓީއެއް ހިމެނޭ ނަމަ، އެ ކަމާ ގުޅޭ ލިޔުމުގެ ކޮޕީ
  • އެއްބަސްވުމުގައިވާ ކަމެއް ތަންފީޒުކުރުމުގެ ބާރު އެހެން ފަރާތަކަށް ދީފައިވާނަމަ އޭގެ ލިޔުމުގެ ކޮޕީ
  • ހުޅުމާލޭން އިމާރާތް ވިއްކުމުގެ ހުއްދަ، އެޗްޑީސީން ހަންބޯއަށް ދީފައިވާ ލިޔުމުގެ ކޮޕީ
  • ފްލެޓްތައް އަޅަން ދިން މުއްދަތުގައި ހަންބޯއިން އެ ކަން ނުކުރުމުގެ އެޅި ފިޔަވަޅެއްގެ ތަފުސީލު

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެދިފައިވާ ލިޔެކިޔުންތަކުގެ ކޮޕީ އާސިޔާއަށް ދިނުމަށް ސިވިލް ކޯޓުން ކުރި އަމުރުގައިވެ އެވެ. އަދި އެ ލިޔެކިޔުންތަކުގެ ކޮޕީ ބޭނުން ކުރަން ވާނީ މައުޟޫއީ މައްސަލަ ހުށަހެޅުމަށް އެކަނި ކަމަށް އާސިޔާގެ މައްޗަށް ވެސް އަމުރުކޮށްފައިވެ އެވެ.

އަންނަ ޖުލައި މަހު 30، ގެ ކުރިން މައުޟޫއީ މައްސަލަ ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކޮށްފައިވެ އެވެ. އެ ގޮތުގެ މަތިން ކޯޓަށް ދައުވާ ހުށަނާޅާ ނަމަ އެ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އާސިޔާއަށް ލިބުނު ލިޔެކިޔުންތައް އިތުރު ކޮޕީއެއް ނެގުމަކާ ނުލައި އަނބުރާ އެޗްޑީސީއަށް ދިނުމަށް ވެސް އަމުރުގައިވެ އެވެ.

ކޭޕާކު ޕްރޮޖެކްޓުގެ މަސައްކަތް ކުރީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފެއްދި ހަންބޯ މޯލްޑިވްސްއިންނެވެ. އެ ކުންފުނީގެ 95 ޕަސެންޓު ހިއްސާ އޮންނަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ޖިން ޝީ ހޫގެ އަތުގަ އެވެ. މަމްދޫހުގެ އޮންނަނީ ކުންފުނީގެ ފަސް ޕަސެންޓު ހިއްސާ އެވެ.

ކޯޓު އަމުރަކާއެކު އިމިގްރޭޝަނުން މަމްދޫހުގެ ޕާސްޕޯޓު ހިފަހައްޓައި، މައްސަލައިގެ ތަހުގީގު ފުލުހުން ފެށީ ހަންބޯ ކޮރެއާގެ ބަޔާނަށް ފަހުގައި އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެޗްޑީސީން ފުލުހުގައި އެދުމުންނެވެ.

މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ދައުލަތުން 101 ދައުވާ ކޮށްފައިވެ އެވެ. ރ. އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް 98 ދައުވާކޮށްފައިވެ އެވެ. ޕީޖީން ބުނީ އެ ދައުވާތަކަކީ، ޖުމުލަ 51 މީހަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި އުފުލި ދައުވާތަކެވެ.

ހަންބޯއާ ދެކޮޅަށް ސިވިލް ކޯޓުގައި ވަކިވަކި މައްސަލަތަކެއް ވެސް ދަނީ ހިންގަމުންނެވެ. ބައެއް މައްސަލަތައް ނިންމައި، އެޕާޓްމަންޓް ގަތް ފަރާތަށް ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ވެސް ކޯޓުން ހުކުމް ކޮށްފައި އެބަ ހުއްޓެވެ.