Advertisement

ޑީއާރުޕީގެ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ދައްކަން ކާނަލް ނަޝީދުގެ މައްޗަށް ހުކުމްކޮށްފި

about 2 hours 0

ކާނަލް ނަޝީދު، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވުމަށް ފަހު ޑީއާރުޕީއާ ގުޅުނީ 2013 ވަނަ އަހަރު --- ފޮޓޯ: ސަން


ޑީއާރުޕީގެ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ދައްކަން ކާނަލް ނަޝީދުގެ މައްޗަށް ހުކުމްކޮށްފި

about 2 hours 0

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ފަރާތުން ދައްކަން އޮތް ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ދައްކަން ޖެހޭނީ އެ ޕާޓީގެ ލީޑަރުކަން ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު "ކާނަލް" ނަޝީދު ކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް އޭނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިއީ ކުޑަހުވަދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަހުމަދު އާމިރު ހިންގި ކުންފުންޏަކުން ޑީއާރުޕީއަށް ދިން ހިދުމަތްތަކަށް ނުދައްކާ އޮތް ހަތަރު މިލިއަން ރުފިޔާގެ ދަރަންޏެކެވެ.

އެ ފައިސާ ނުދެއްކުމުން އެރި ޖޫރިމަނާ އާއެކު 16 މިލިއަން ރުފިޔާ ހޯދުމަށް އާމިރު ޑީއާރުޕީގެ މައްޗަށް ދައުވާ ކުރި ނަމަވެސް ހައި ކޯޓުން ނިންމާފައި ވަނީ ހިދުމަތުގެ އަގު އެކަނި ނަގައިދިނުމަށެވެ. އެ ނިންމުމަށް ސުޕްރީމް ކޯޓުން އޮގަސްޓު 2021، ގައި އޮތީ ތާއިދުކޮށްފަ އެވެ.

އެ ފައިސާ ހޯދުމަށް ތަންފީޒީ މައްސަލައެއް އާމިރުގެ ފަރާތުން ސިވިލް ކޯޓަށް ވައްދާފައި އޮއްވައި ޑީއާރުޕީ އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ. އަދި އެ ފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް ޑީއާރުޕީން އެހާތަނަށް ދައްކާފައި ނުވެ އެވެ.

ސިވިލް ކޯޓުން އެންމެ ފުރަތަމަ މައްސަލަ ނިންމިއިރު ޑީއާރުޕީގެ ލީޑަރަކަށް ހުރީ ނަޝީދު ކަމަށް އީސީން ފޮނުވި ސިޓީއަކުން އެނގޭތީ އެ ފައިސާ އޭނާގެ ފަރާތުން ހޯދުމަށް އާމިރު މައްސަލަ ހުށަހެޅީ ސެޕްޓެމްބަރު 9، 2025 ގަ އެވެ.

އެ މައްސަލާގައި ނަޝީދުގެ ޣައިރު ހާޒިރުގައި އިއްޔެ ކުރި ހުކުމުގައި ވަނީ 14 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އޭނާގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

އޭރު ވެރިކަމުގައި އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ނޮޅިވަރަމް ދާއިރާއަށް ވާދަކޮށް 17 ވަނަ މަޖިލީހުގައި ނަޝީދު މަސައްކަތް ކުރެއްވި އެވެ. އޭގެ ކުރިން މިނިވަން ނޫހުގައި ކޮލަމެއް ލިޔުއްވި އެވެ.

އެމްޑީޕީ ދޫކޮށް ޑީއާރުޕިއަށް ނަޝީދު ސޮއިކުރެއްވީ މާޗު، 2013 ގަ އެވެ. އެ ޕާޓީގެ ލީޑާޝިޕާ ނަޝީދު ހަވާލުވީ އެ ޕާޓީގެ ލީޑަރުގެ މަގާމުން ހަމަ އެ އަހަރު އަހުމަދު ތަސްމީން އަލީ އިސްތިއުފާ ދެއްވުމުންނެވެ. އެއަށްފަހު އުފެދިގެން އައި ޕީޕީއެމް ސަރުކާރުގައި ނަޝީދު ވަނީ ތައިލެންޑުގައި ހުންނަވާ ދިވެހި އެމްބެސެޑަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ނަޝީދުގެ މައްޗަށް 2022 ވަނަ އަހަރު ދައުލަތުން އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އުފުލި އެވެ. އެ މައްސަލާގައި އޭނާ ހައްޔަރު ވެސް ކުރި އެވެ.

ޑީއާރުޕީގެ ނުފޫޒު ސިޔާސީ މައިދާނުގައި ގަދަ

ޑީއާރުޕީ އުވާލަން ނިންމީ ޑިސެމްބަރު 2022، ގެ ތެރޭގަ އެވެ. ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ދެ ފަހަރެއްގެ މަތިން ހައި ކޯޓަށް ހުށަހެޅި އެވެ. ދެ ފަހަރު ވެސް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. އެ ޕާޓީ އުވާލަން ނިންމިއިރު ގިނަ ދަރަނިތަކެއް އޮތީ ނުދައްކަ އެވެ.

ޑީއާރުޕީއަކީ ރާއްޖޭގެ ވެރިކަން 30 އަހަރު ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2005 ވަނަ އަހަރު އުފެއްދެވި ޕާޓީއެކެވެ. ޑީއާރުޕީ ކަފިވެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެދުމާއެކު އެ ޕާޓީ ރާއްޖޭގެ ސިޔާސީ މައިދާނުން ފަނޑުވާން ފެށި އެވެ.

މައުމޫނަށް ފަހު އެ ޕާޓީގެ ލީޑަރުކަން ކުރެއްވީ 2008 ގެ އިންތިހާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް ހުންނެވި މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ތަސްމީން އަލީ އެވެ. ތަސްމީނު ހިމެނޭހެން ޑީއާރުޕީގެ އޭރުގެ ލީޑާޝިޕްގެ ގިނަ ބަޔަކު 2013 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ބަދަލުވުމުން އެ ޕާޓީއާ ހަވާލުވީ ނަޝީދު އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް އެ ޕާޓީއަށް މެންބަރުން ހަމަނުކުރެވި އަހަރުތަކެއް ހޭދަވުމަށް ފަހު އެ ޕާޓީއާ ހަވާލުވީ ކާށިދޫ ދާއިރާގެ މެންބަރަކަށް އޭރު ހުންނެވި އަބްދުﷲ ޖާބިރު އެވެ. ޑީއާރުޕީ އުވާލުމުގެ ކުރިން އެ ޕާޓީގެ ރައީސްކަމުގައި ހުންނެވީ ޖާބިރު އެވެ.

ޑީއާރުޕީ ބައިބައިވުމުގެ ސަބަބުން އުފެދުނު ޕީޕީއެމްގެ ތެރެއިން އުފަންވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ މިވަގުތު ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ އެވެ.