Advertisement

އެޗްޑީސީން ފަތިސް ގަޑީގައި ނިކުމެ ހުޅުމާލޭގައި ހުރި އާދަމް އާޒިމްގެ ޕޯސްޓަރުތައް ހަލާކުކޮށްލައިފި

ހުޅުމާލޭ މަގުތަކުގައި ހަރުކޮށްފައި ހުރި އާދަމް އާޒިމްގެ ޕޯސްޓަރުތައް ހަލާކުކޮށްލުން.


އެޗްޑީސީން ފަތިސް ގަޑީގައި ނިކުމެ ހުޅުމާލޭގައި ހުރި އާދަމް އާޒިމްގެ ޕޯސްޓަރުތައް ހަލާކުކޮށްލައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރޭ ފަތިސް ގަޑީގައި ނިކުމެ މާލޭގެ މޭޔަރަކަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ނިކުންނަ އާދަމް އާޒިމްގެ ޕޯސްޓަރުތައް ހަލާކުކޮށްލައިފި އެވެ.

އެޗްޑީސީން ފަތިސް ގަޑީގައި އާދަމް އާޒިމްގެ ޕޯސްޓަރުތައް ހަލާކުކޮށްލިތަން ފެނުނީ ނޫސްވެރިޔަކަށެވެ.

އެކަމާ ގުޅިގެން އެޗްޑީސީގެ ފަރާތުން ޕޯސްޓަރުތައް ހަލާކުރުމުގައި އުޅުނު މުވައްޒަފަކާ ނޫސްވެރިޔާ ސުވާލުކުރުމުން ބުނީ ޕޯސްޓަރުތައް ހަލާކުކުރަމުންދިޔައީ ހުއްދަ ނުހޯދާ ހުރުމުން ކަމަށެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އެޗްޑީސީން ރޭ ފަތިސް ގަޑީގައި ހަމައެކަނި ނެގީ ހޮޅިދަނޑިތަކުގައި ހަރުކޮށްފައި ހުރި ހޭންގިން ޕޯސްޓަރުތަކެވެ.

މިކަމާ ގުޅިގެން އާދަމް އާޒިމް އަދަދު އަށް ވިދާޅުވީ ހުޅުމާލޭގައި ޕޯސްޓަރުތައް ހަރުކުރަން އެޗްޑީސީގައި އެދުމުން ހުއްދަ ނުދީ ހިފަހައްޓައިގެން އުޅޭތީ އެންމެ ފަހުން ޕޯސްޓަރުތައް ޖެހީ ކެމްޕެއިން މުއްދަތު ނިމެން ކައިރިވެފައިވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީއަށް ޕޯސްޓަރު ހަރުކުރުމުގެ ފުރުސަތު ދީފައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޕޯސްޓަރު ހަރުކުރުމުގެ ފުރުސަތު ނުދީ ހުޅުމާލޭގެ މުނިސިޕަލް ކަންކަމާ ހަވާލުވެފައިވާ އެޗްޑީސީއަށް ނުހިފެހެއްޓޭނެ ކަމަށެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރުވެސް އާދަމް އާޒިމް ހުންނެވިއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ޕީއެންސީގެ ޕޯސްޓަރުތައް ވަނީ ހަރުކޮށްފަ އެވެ. އެކަމަކު އެ ޕޯސްޓަރުތައް މާލޭ ސިޓީ ކައުންސިލުން ނަގާފައެއް ނުވެ އެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ދަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ކެމްޕެއިން ކުރުމުގެ އިތުރުން ބާރާއި ނުފޫޒުން އެކި ކަންކަން ކުރަމުންނެވެ. އެގޮތުން އެސްއޯއީތަކުން ގިނަ އަދަދެއްގެ ވަޒީފާތައް ވެސް ދެމުންދާކަން ފާހަގަކުރެވެ އެވެ.