ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޭ މެންދަމު ރޯކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ ސައިކަލް ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލިކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 3:03 ހާއިރު ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ މިންވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ރޯކޮށްލި ސައިކަލުތައް ހުރި ސަރަހައްދަކީ ގްރީން ޒޯނެކެވެ. އެއީ އެއްވުން ވެސް މަނާ، އެހެން ސަރަހައްދުތަކާ ހިލާފަށް ސެކިއުރިޓީ ވަރުގަދަ ސަރަހައްދެކެވެ.

ރޯކޮށްލާފައިވާ ސައިކަލްތައް. މި ސައިކަލްތަކުގައި ރޯކޮށްލި މީހާ ހައްޔަރުކުރަން ފުލުހުން ދަނީ މަސައްކަތް ކުރަމުން. -- ފޮޓޯ: އަދަދު

ސައިކަލުތަކުގައި ރޯކޮށްލި މީހާ މިހާރު ވަނީ ދެނެގަނެވިފަ އެވެ. އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ހެޓެލް ޖެން އާއި ގިނަ އޮފީސް އިމާރާތްތަކެއް ހުރި މި ސަރަހައްދުގައި ސީސީޓީވީތައް ވަރަށް ގިނައިން ހަރުކޮށްފައިވެ އެވެ.
އަލިފާނުގެ ހާދިސާގައި ހަލާކުވެފައި ވަނީ ކޮން ބައެއްގެ ސައިކަލްތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.













