Advertisement

އާޒިމް، ރައީސް މުއިއްޒު ސިފަކުރެއްވީ "ނުރައްކާތެރި" ވެރިއެއް ގޮތަށް

16 މޭ 2024 - 10:19 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މެންބަރު އާޒިމް، "އެތެރެފުށް" ޕްރޮގްރާމް ބައިވެރިވަޑައިގަންނަވަނީ. އޭނާ މަޖިލީހާ އަލްވަދާއު ކިޔަނީ ތިން ދައުރު މެމްބަރުކަން ކުރެއްވުމަށް ފަހު - ފޮޓޯ: މިރާން ނާޝިމް / އަދަދު


އާޒިމް، ރައީސް މުއިއްޒު ސިފަކުރެއްވީ "ނުރައްކާތެރި" ވެރިއެއް ގޮތަށް

16 މޭ 2024 - 10:19 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މާޒީންނާއި، ވެރިކަމުގައި ހިނގަމުންދާ ކަންކަމުން ސިފަވަނީ "ނުރައްކާތެރި" ވެރިއެއް ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހުން ގެނެސްދޭ ސިޔާސީ ޓޯކް ޝޯ "އެތެރެފުށް"، ގައި ބައިވެރިވެވަޑައިގެން، އާޒިމް ވިދާޅުވީ ރައީސް މުއިއްޒު އަބަދުވެސް ފެނިވަޑައިގަތީ ފައިސާއިން ބާރު ދަމަހައްޓަން މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

"ރައީސް މުއިއްޒު ފުރަތަމަ ފެނުނީ ޑރ. ވަހީދުގެ ވެރިކަމުގައި ވަޒީރު ކަމުގައި ހުންނެވި އިރު. މަސައްކަތް ކުރެއްވީ ފައިސާ ހޯދައިގެން ވެރިކަމަށް އާދެވޭނީ ކިހިނެއްތޯ ބަލަމުން އައީ،" އޭނާ ވިދާޅުވި އެވެ.

ފައިސާއިން ބާރު ދެމެހެއްޓުމަކީ ރައީސް އެންމެ އިސްކަން ދެއްވާ ކަންތައް ކަމަށް ވިދާޅުވުމަށް ފަހު އާޒިމް ދެން ފާހަގަ ކުރެއްވީ މާޒީގައި އެމަނިކުފާނު އިންސާނުންނާ މެދު އަމަލު ކުރެއްވި ގޮތެވެ. އެގޮތުން, އެމަނިކުފާނު ދޮން މަންމަ "ސްކީލާން" އާ މެދު ކަންތައް ކުރި ގޮތަށް އިޝާރާތް ކުރެއްވި އެވެ.

"މި ނޫހުން (އަދަދު ނޫހުން) މާ ތަފުސީލުކޮށް ގެނެސްދިން، ރައީސް މުއިއްޒު، އެމަނިކުފާނުގެ ދޮން މަންމައާ ގުޅޭ ގޮތުން ކަންކަން ކުރި ގޮތް، ބްލެކްލިސްޓްކޮށްފަ ފޮނުވާލި ގޮތް، މީހުންނާ މެދު އެމަނިކުފާނު ކަންކަން ކުރައްވާ ގޮތް ވަރަށް ސާފުކޮށް ވީޑިއޯއަކުން އެ އޮތީ ފެންނަން،" އޭނާ ވިދާޅުވި އެވެ.

އެ ކަންކަމަށް ރިއާޔަތްކޮށް އާޒިމް ވިދާޅުވީ މިއީ ވަރަށް "ނުރައްކާތެރި" ރައީސެއް ކަމަށެވެ.

"ވަރަށް ނުރައްކާތެރި ވެރިއެއް މި ހުރީ،" ރައްޔިތުންގެ މަޖިލީހުގައި 15 އަހަރު ހޭދަކުރެއްވުމަށް ފަހު، މި ފަހަރުގެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އާޒިމް ވިދާޅުވި އެވެ.

ސަރުކާރުގެ މިސްރާބު ގޯސްކޮށް ކަމަށް އާޒިމް ތަކުރާރުކޮށް ވިދާޅުވި އެވެ. އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ރައީސް މުއިއްޒާއި އެމަނިކުފާނު ލީޑުކުރައްވާ ޕީއެންސީގެ ބޭފުޅުން ދެއްކެވި ވާހަކަ އާޒިމް ސިފަކުރެއްވީ "ފިތުނައެއް" ގޮތަށެވެ.

"މި ރާއްޖެ ފިތުނަ ކުރުމަށް ފަހު، ރައްޔިތުންނަށް ދޮގު ވިއްކައިގެން ވެރިކަން ހޯދީ، އިންޑިއާ ސިފައިންގެ ވާހަކަ ދައްކައިގެން ދެން ރައީސް ޔާމީނުގެ ޝަރީއަތުގެ ވާހަކަ ދައްކައިގެން އައީ، ރައީސް ޔާމީނުގެ ފޮޓޯ ހުންނަނީ، މުއިއްޒުގެ ފޮޓޯއެއް ނުވެސް ނެތް،" ސަރުކާރަށް އާޒިމް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ކޮންމެ ފަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދިނުމަށް ރައްޔިތުން ނިންމި ނަމަވެސް، އާޒިމް ދެކެވަޑައިގަންނަވަނީ އެއީ ވަރަށް ބޮޑު ގޯހެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން، އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް މަޖިލީހުގެ ދައުރު އަދާނުވާ ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ސިޔާސީ މަސައްކަތް "ވަރަށް ހަޑި" ކޮށް ފެންނަން އޮތް އިރު ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ލިބުމުން ކަންކަން ރަނގަޅުވެގެންދާ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އުންމީދަކީ ކުރިއަށް ވުރެ ރަނގަޅު ބަދަލުތަކެއް މަޖިލީހުން ފެނުން ކަމަށް އާޒިމް ވިދާޅުވި އެވެ.