Advertisement

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ: މުއިއްޒު

9 ޖަނަވަރީ 2026 - 11:37 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މުހައްމަދު މުއިއްޒު: މަރުގެ އަދަބު ދޭން ބޭނުން ނުވިޔަސް، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަރުގެ އަދަބު ދޭން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ: މުއިއްޒު

9 ޖަނަވަރީ 2026 - 11:37 3

ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ ކަމަށް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މަރުގެ އަދަބު ދޭން ބޭނުން ނުވިޔަސް، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ވަކި ހާލަތްތަކުގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"މަރުގެ އަދަބު ދިނުމަކީ އެއީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް ނޫން މި ގައުމުގައި އެއްވެސް ވަރަކަށް. އެއީ އިސްތިސްނާ ހާލަތެއްގައި އެކަން ކުރަންޖެހިއްޖެއްޔާ މި ގައުމުގައި މިއޮތް ވަބާ [މަސްތުވާތަކެތި] ހައްލުކުރުމަށްޓަކައި ކުރަން ޖެހިފައި އޮތް ކަމެއް. ކުރަންޖެހޭ ކަމެއް. އެހެންވީމަ އެ އަދަބު ގާނޫނުގައި މި ހިމެނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދޭންޖެހޭ ހާލަތަށް އެއްވެސް ފަރާތަކުން އަމަލު ނުހިންގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ގާނޫނުގައި ހުރަސްތަކެއް ގެނައީ އެއްވެސް މީހަކު މި ގައުމުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ނޭދޭނެތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދުކުރަނީ އަދި ޔަގީންކުރަނީ އެ އަދަބު ދޭންޖެހޭ ހާލަތަށް އެއްވެސް ފަރާތެއް އަމަލު ނުހިންގާނެ ކަމަށް. އަޅުގަނޑުމެންގެ އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ މި ގައުމުގައި ޑްރަގް ޓްރެފިކިން ހިންގާކަށެއް. އެހެންވީމަ މި ހުރަސްތައް މިލަނީ އޭގެ ބޭނުމުގައި،" މުއިއްޒު ވިދާޅުވި އެވެ.

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރާ ހާލަތުގައި ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ބަދަލުކޮށްފަ އެވެ.

މީގެ ކުރިން ގާނޫނުގައި އޮންނަ ގޮތުން ޑްރަގުގެ ބޮޑުންނަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އުމުރު ދުވަހަށް (25 އަހަރަށް) ޖަލަށް ލުމެވެ. ގާނޫނަށް ގެނައި ބަދަލާއެކު ތިން ހާލަތެއްގައި އެފަދަ މީހުންނަށް މަރުގެ އަދަބު ދެވޭނެ އެވެ. ނަމަވެސް، އެއީ ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން އެ މައްސަލައެއްގައި ނިހާއި ހުކުމެއް އިއްވާ ހާލަތެއްގަ އެވެ.

މަރުގެ އަދަބު ދެވޭ ހާލަތުތައް:

  • 350 ގްރާމަށް ވުރެ އިތުރަށް ކެނަބިސް ޓްރެފިކް ކުރުން
  • 250 ގްރާމާށް ވުރެ އިތުރަށް ޑައިމޯފިން ޓްރެފިކް ކުރުން
  • 100 ގްރާމަށް ވުރެ އިތުރަށް ޖަދުވަލު 1 ގައި ވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހުގެ އަލަށް ފެށޭ ދައުރުގައި ހުށަހަޅަން ސަރުކާރުން މަސައްކަތް ކުރި އެވެ. ނަމަވެސް، މި ދައުރު ނިމި މަޖިލިސް ޗުއްޓީއަށް ދިޔައިރު އެފަދަ ބިލެއް ހުށަހަޅާފައި ނެތެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރަމުންދަނީ، ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކުރުމުން އެ ހުކުމް ތަންފީޒުވެގެންދާ ހިސާބަށް ހުރިހާ އިޖުރާއަތްތަކެއް ގާނޫނުން ކަނޑައެޅުމަށް ގެންނަން ޖެހޭ ބަދަލުތައް ކަމަށް މީގެ ކުރިން އަދަދު ނޫހާ ވާހަކަ ދައްކަވަމުން އިސް އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ނުވެ އެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި މަރުގެ އަދަބު ދޭ ހިސާބުގައި ހަތަރު މީހަކު ތިބި ކަމަށް ސަރުކާރުން 2024 ވަނަ އަހަރު ހާމަކުރި އެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނިންމި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސިޔާސަތު 2018 ގައި ބަދަލުކުރި އެވެ.