"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް މުހައްމަދު މުއިއްޒުއާއެކު، އެ ޝޯގެ ހުށަހަޅައިދެއްވި، ޕީއެސްއެމްގެ މިހާރުގެ އެމްޑީ އަހުމަދު ޝަކީބު. -- ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަކީބު އައްޔަންކުރުމުގެ ކުރިން، ރައީސް އޮފީހުން ރައީސް މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ އެލަވަންސްއަކާއެކު އޭނާގެ ޖުމުލަ މުސާރަ 70،000ރ. އަށް ބޮޑުކޮށްފައިވާމަކަށް އިއްޔެ ރިޕޯޓުކުރި އެވެ.
ޕީއެސްއެމްގެ ގާނޫނު ބުނާ ގޮތުން އެ މުއައްސަސާއަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް، އެޑިޓޯރިއަލް މިނިވަންކަން އޮތް ތަނަކަށް ވާންޖެހޭއިރު، މުސާރައިގެ ބޮޑު ބައެއް ރައީސް އޮފީހުގެ "ހާއްސަ އިނާޔަތެއްގެ" ގޮތުގައި ކަނޑައެޅުމަކީ ގާނޫނުގެ ރޫހާ ހިލާފު ކަމެކެވެ.
ރައީސް މުހައްމަދު މުއިއްޒުއާއެކު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓު ގެނެސްދެއްވި ޝަކީބު ޕީއެސްއެމްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް އޭނާގެ މުސާރައަށް ބަދަލު ގެނައި ކަމަށް، އިތުބާރުކުރެވޭ މަސްދަރުތަކުން ބުންޏެވެ.
ގެއްލުމުގައި ހިންގާ ޕީއެސްއެމްގެ އެމްޑީގެ މުސާރަ ބޮޑުކުރުމަށް ރައީސް އޮފީހުގެ ހާއްސަ އެލެވަންސްގެ ގޮތުގައި ހިމަނާފައި ވަނީ 31،000ރ. ކަމަށް އަދަދު ނޫހަށް އެނގިފައިވެ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސަރުކާރު ކުންފުންޏެއްގެ އެމްޑީއެއްގެ މުސާރައިގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން މިފަދަ ހާއްސަ އެލަވަންސެއް އިތުރުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މިކަން ސަރުކާރުން، އަދި ޕީއެސްއެމްއިން ވެސް ޕީސީބީން ވެސް ހާމައެއް ނުކުރެ އެވެ.
މިދިޔަ ޑިސެންބަރު މަހު ޝަކީބު ޕީއެސްއެމްއާ ވަޑައިގަތުމުގެ ކުރިން އެ ކުންފުނީގެ އެމްޑީގެ މުސާރަ އަކީ 40،000ރ. އެވެ.
ޕީއެސްއެމްގެ އެމްޑީގެ މުސާރަ ސީދާ ރައީސް އޮފީހުގެ ނިންމުމަކަށް ބިނާވެފައި އޮތުމަކީ ޕީއެސްއެމްގެ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. ޕީއެސްއެމްގެ ގާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައި ވަނީ ޕީއެސްއެމްއަކީ ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރަންވާނެއެވެ. އަދި ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ގޮތަކުންވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން، ޕަބްލިކް ސަވިސް މީޑިއާގެ މައްޗަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެއެވެ.
މީގެ އިތުރުން، ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ ޒާތީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމުން އެއްކިބާވެފައިވާ އަމަލެއް ހިންގައިގެން ނުވާނެ ކަމަށްވެސް ގާނޫނު ލާޒިމުކުރެއެވެ. ނަމަވެސް، އެމްޑީގެ މުސާރައިގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެއް ރައީސްގެ "މުރުވަތްތެރިކަމެއްގެ" ގޮތުގައި އޮތުމަކީ، މުއައްސަސާގެ އެޑިޓޯރިއަލް މިނިވަންކަމަށް އޮތް ސީދާ ނުފޫޒެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment