Advertisement

ސިއްހީ ދާއިރާއިން ދޭ ހިދުމަތްތަކާމެދު އިތުބާރު ގެއްލުވާ ނުލާން ގޮވާލައިފި

ހޮސްޕިޓަލެއްގައި ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ: އެމްއެމްއޭއިން މިގޮތަށް ނޫސް ބަޔާނެއް ނެރުނީ ގަދަކަމުން ބޭސް ދޭން އުޅުނު މައްސަލައެއް ފެންމަތިވެގެން އުޅޭ ދަނޑިވަޅެއްގައި -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު


ސިއްހީ ދާއިރާއިން ދޭ ހިދުމަތްތަކާމެދު އިތުބާރު ގެއްލުވާ ނުލާން ގޮވާލައިފި

ސިއްހީ ހިދުމަތްތެރިންގެ އަގުހުރި ހިދުމަތުގެ އަގު ވައްޓާލައި، ދޭ ހިދުމަތަކުގެ އިތުބާރު ގެއްލޭހެން ސޯޝަލް މީޑިއާގައި ފޮޓޯ އާންމުކުރުން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ކުށްވެރިކޮށްފި އެވެ.

އެމްއެމްއޭއިން ބުނީ ކަމުގެ ސިއްހީ ކަންކަމުގެ ހަގީގަތާއި ފުރިހަމަ މައުލޫމާތު ނޭނގި މުޖުތަމައު ތެރޭގައި އެކި ވާހަކަތައް ފެތުރުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ސިއްހީ ހިދުމަތަށް ބޭނުންވެފައިވާ އާއްމު ރައްޔިތުން ކަމަށެވެ.

މިގޮތުން ސިއްހީ މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލުމުން އެތައް ހޭދައެއްކޮށް، ތަކުލީފުތައް އުފުލައިގެން ރާއްޖެއިން ލިބެން ހުންނަ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ސަގާފަތް ދިރުވޭ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

"ސިއްހީ ހިދުމަތްތެރިން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދަނީ އެކި ކަހަލަ ގިނަގުނަ ގޮންޖެހުންތަކަކާއި އެކު ކަމުގައިވީ ހިނގު، މިފަދަ އަމަލުތަކުގެ ސަބަބުން އެފަރާތްތަކުގެ ހިތްތަކާއި އިތުރަށް މާޔޫސްކަން އުފެދި، ރަނގަޅު ޕްރޮފެޝަނަލް ހިދުމަތްތެރިން ހިދުމަތުގައި ދެމެހެއްޓުމުގައި އިތުރު ދަތިތަކާއި ދިމާވޭ،" އެމްއެމްއޭއިން ބުންޏެވެ.

ސިއްހީ ފަރުވާއާ ގުޅުންހުރި ކަންކަމުގައި ރަނގަޅު މައުލޫމާތު އެނގިގެން، ހަގީގަތް ރަނގަޅަށް ބެލުމަށްފަހު މެނުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ނުފެތުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފައިވެ އެވެ.

މީގެ އިތުރުން އެމްއެމްއޭއިން ބުނީ ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އެމީހުންގެ ހިދުމަތް ކުރިއަށް ގެންދިޔުމަށް މުޖުތަމައުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދިނުމަށް އެދޭ ކަމަށެވެ.

ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންގެ ޖަމިއްޔާއިން މިކަންކަމުގައި ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވިހެއި ކުއްޖަކަށް ގަދަކަމުން އެންޓި ބަޔޮޓިކް ދޭން އުޅުނު މައްސަލައެއް ފެންމަތިވެގެން އުޅޭ ދަނޑިވަޅެއްގަ އެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރަކަށް މި ތުހުމަތު ކުރީ ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓަކުންނެވެ. އެކަމަކު އައިޖީއެމްއެޗުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.