Advertisement

ފެކްޓު ޗެކު: ނިއުސްވީކުން ދައްކަނީ ފްލޯޓިން ސިޓީއެއް ނޫން، ފޭދޫފިނޮޅު

6 މޭ 2024 - 14:29 2

އަމަން ހަލީމް

އަމަން ހަލީމް

ކ. ފޭދޫ ފިނޮޅުގައި ތަރައްގީކުރަމުން އަންނަ ރިސޯޓުގެ ސެޓެލައިޓް ފޮޓޮއެއް: އޮގަސްޓު 2020 ގައި ނަގާފައިވާ މި ސެޓެލައިޓް ފޮޓޮއިން ދައްކަނީ ފްލޯޓިން ސިޓީ މަޝްރޫއު ކަމަށް ބުނެ ހިއްސާކުރަމުން އަންނަ ތަން --- ފޮޓޯ: މެކްސާ/ސީއެސްއައިއެސް/އޭއެމްއައިޓީ


ފެކްޓު ޗެކު: ނިއުސްވީކުން ދައްކަނީ ފްލޯޓިން ސިޓީއެއް ނޫން، ފޭދޫފިނޮޅު

6 މޭ 2024 - 14:29 2

އެމެރިކާގެ ނިއުސްވީކް މީޑީއާއިން، ރާއްޖޭގައި ޑަޗް ޑޮކްލޭންޑްސްއިން ތަރައްގީކޮށްފައިވާ ފްލޯޓިން ސިޓީ މަޝްރޫއު ދައްކުވައިދޭ ފޮޓޮއެއް ކަމަށް ބުނެ، އެ މަޝްރޫއާ ނުވެސް ގުޅޭ ރަށެއްގައި ތަރައްގީކުރަމުން އަންނަ ރިސޯޓެއްގެ ފޮޓޮއެއް ދައުރުކުރަން ފަށައިފި އެވެ.

ނިއުސްވީކުގެ ވެބްސައިޓުގައި ހޮނިހިރު ދުވަހު، "ސެޓެލައިޓް އިމޭޖް ޝޯސް ކޮންސްޓްރަކްޝަން އޮފް ވާލްޑްސް ފަސްޓް ފްލޯޓިން ސިޓީ" ނަމުގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ވަނީ މެކްސާއިން އެ ނޫހާ ހިއްސާކޮށްފައިވާ "އެކްސްކްލޫސިވް" އިމޭޖެއް ކަމަށް ބުނެ އެ ހަބަރާއެކީ ފޮޓޮއެއް ހިއްސާކޮށްފަ އެވެ. އެ ނޫހުން ބުނަނީ އެއީ ޑަޗް ޑޮކްލޭންޑްސްއިން ފަށާފައިވާ ފްލޯޓިން މަޝްރޫއުގެ އަދާހަމައެއް ކަމަށެވެ.

ނިއުސްވީކްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހަބަރުގެ ފޮޓޯއެއް. މި އާޓިކަލްގައި ހުރި ފޮޓޯތަކަކީ ފްލޯޓިން ސިޓީއާ އެއްވެސް ގުޅުމެއް ހުރި ފޮޓޯތަކެއް ނޫން


ނަމަވެސް އެ ފޮޓޮއިން އަސްލު ފެންނަނީ ޑަޗް ޑޮކްލޭންޑްސްގެ ފްލޯޓިން ސިޓީ މަޝްރޫއާ އެއްވެސް ގުޅުމެއް ނެތް، ކ. ފޭދޫފިނޮޅުގައި ތަރައްގީކުރަމުން އަންނަ ރިސޯޓުގެ ފޮޓޯއެއް ކަން "އަދަދު" އިން ވާނީ މެކްސާ އާއި ގޫގުލް އާތުގެ ސެޓެލައިޓް ފޮޓޯތަކުންނާއި ޕަބްލިކް ޑޮމެއިންގައި ހުރި މައުލޫމާތުތަކުން ކަށަވަރުކޮށްފަ އެވެ.

އޭގެން އެއް މަސްދަރަކީ، ދިފާއީ ކަންކަމާއި ދާހިލީ ގުޅުންތައް ދިރާސާކުރާ އެމެރިކާގެ ތިންކްޓޭންކެއް ކަމުގައިވާ ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސް (ސީއެސްއައިއެސް) ގެ އޭޝިއަން މެރިޓައިމް ޓްރާންސްޕޭރެންސީ އިނީޝިއޭޓިވްގައި ޝާއިއުކޮށްފައިވާ "ޗައިނީޒް އިންވެސްޓްމަންޓް އިން ދަ މޯލްޑިވްސް: އެޕްރެއިސިންގެ ދަ ސްޓްރިންގް އޮފް ޕާލްސް" ރިޕޯޓެވެ.

މި ރިޕޯޓުގައި ބޭނުންކޮށްފައިވާ ފޭދޫ ފިނޮޅުގެ ސެޓެލައިޓް ފޮޓޮ އާއި ނިއުސްވީކުން ހިއްސާކުރި ފޮޓޮ އާއި އަޅައިބެލުމުން، ފްލޯޓިން ސިޓީގެ ސެޓެލައިޓް ފޮޓޯ ކަމަށް ބުނާ ފޮޓޮއަކީ އަސްލު ފޭދޫފިނޮޅުގެ ފޮޓޮއެއް ކަން އެނގެ އެވެ.

ފްލޯޓިން ސިޓީ ކަމަށް ބުނެ ނިއުސްވީކުން ހިއްސާކުރި ސެޓެލައިޓް ފޮޓޯ (ކ) އާއި ކ. ފޭދޫފިނޮޅު ފެންނަ ސީއެސްއައިއެސްގެ ސެޓެލައިޓް ފޮޓޯ (ވ) : މި ދެ ފޮޓޯއަށް ބެލުމުން މިއީ އެއް ތަނެއްކަން ކަށަވަރުވޭ --


މި ނޫހުން ވާނީ، ޓޫރިޒަމް މިނިސްޓްރީގެ ތަރައްގީކުރަމުން އަންނަ ރިސޯޓުތަކުގެ ރަޖިސްޓްރީގައި ހިމެނޭ ޑަޗް ޑޮކްލޭންޑްސްގެ ފަޅުތައް ފެންނަ އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތައް ބަލާފަ އެވެ.

އެ ފޮޓޯތަކުން އެނގުނު ގޮތުގައި އެ ކުންފުނީގެ ތިން ފަޅުން ކުރެ އެއްވެސް ފަޅެއްގައި ރިސޯޓެއް ތަރައްގީކުރަން ނުވަތަ ފްލޯޓިން ސިޓީއެއް ތަރައްގީކުރަން ކުރަމުން އަންނަ އެއްވެސް މަސައްކަތެއް ފެންނާކަށް ނެތެވެ. އަދި ނިއުސްވީކަށް މައުލޫމާތު ދެމުން ކޮންސްޓްރަކްޝަން މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ބުންޏަސް، އެކަމަށް ބާރުދޭ ކަމެއް ފޮޓޯތަކުން ފެންނާކަށް ނެތެވެ.

ޑަޗް ޑޮކްލޭންޑްސްއަށް ދިން ފަޅުތަކުގެ ތެރެއިން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ހަމައެކަނި ފަޅަކީ އެ ކުންފުނިން މާރަށް އިންވެސްޓްމަންޓްސްއަށް ވިއްކާލި "ލެގޫން 19" އެވެ.

މި ފަޅު ފެންނަ ގޮތަށް ރާއްޖެ މަތިން މިދިޔަ ހުކުރު ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޮއިން ދައްކާ ގޮތުގައި، އެ ފަޅުގެ ބޮޑު ސަރަހައްދެއް ހިއްކައި ނިމިއްޖެ އެވެ. މި ފަޅު ހިއްކައިގެން ތަރައްގީކުރާ ރިސޯޓަށް ކިޔަނީ "ކޮރިންތިއާ މޯލްޑިވްސް" އެވެ.

ފްލޯޓިން ސިޓީ މަޝްރޫއުގެ ފަސްފަހަތް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްލޯޓިން ސިޓީގެ މަޝްރޫއެއްގެ ވާހަކަ ދެކެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، މީގެ 14 ވަރަކަށް އަހަރު ކުރިންނެވެ. އެގޮތުން 'ފައިވް ލެގޫން' މަޝްރޫއުގެ ދަށުން މާލެ އަތޮޅުން ފަސް ފަޅެއްގައި ފްލޯޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިލާތަކާއި ގޯލްފް ކޯހެއް އަޅަން ޑަޗް ޑޮކްލޭންޑްސްއަށް އެ ތަންތަން ދޫކުރި އެވެ.

ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ނަޝީދުގެ ސަރުކާރު ނިމި ދެން ވެރިކަމަށް އައި ޕީޕީއެމްގެ ސަރުކާރުގައި އެ ފަސް ފަޅުގެ ތެރެއިން ދެ ފަޅެއް އަނބުރާ ނަގާ ވިއްކާލި އެވެ. އެ ސަރުކާރުގެ ދުވަސްވަރު މި މަޝްރޫއު އޮތީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފަ އެވެ.

ފްލޯޓިން ސިޓީތަކުގެ މަސައްކަތް ހުއްޓިފައި އޮއްވާ އަލުން އެ މަޝްރޫއު ދިރުވީ އެއަށް ފަހު ވެރިކަމަށް އައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. ސޯލިހު ސަރުކާރުން ޑަޗް ޑޮކްލޭންޑްސްއާ އެކީ ވެފައިވާ އެއްބަސްވުން ބަދަލުކޮށް، އަތުލި ފަޅުގެ ބަދަލުގައި ފަޅެއް ވެސް ދިނެވެ.

ޑަޗް ޑޮކްލޭންޑްސްއަށް ސޯލިހު ސަރުކާރުން ދިން ހަތަރު ފަޅުގެ ތެރެއިން ތިން ފަޅު ފާހަގަކޮށްފައިވާ ސެޓެލައިޓް ފޮޓޮއެއް: ހުކުރު ދުވަހު ނަގާފައިވާ މި ފޮޓޯގައި "ލެގޫން 7" ޖަހާފައިވާ ފަޅަކީ ޔޮޓް މެރީނާ ތަރައްގީކުރާ ދިޔަނެރު ފަޅު -- ފޮޓޯ: މެކްސާ


އޭގެ އިތުރުން އެ ސަރުކާރުން، ޖޮއިންޓް ވެންޗާއެއް ގޮތުގައި "ފްލޯޓިން ސިޓީ މޯލްޑިވްސް" މަޝްރޫއު އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ދަށަށް ބަދަލުކޮށް، އާ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދިނީ ހަތަރު ފަޅެވެ.

ފަހުން ވެވުނު އެއްބަސްވުމުގެ ދަށުން، ފުރަތަމަ ތަރައްގީކުރާނީ އާރަށާ އެންމެ ކައިރިން އޮންނަ 200 ހެކްޓަރުގެ ފަޅު (ލެގޫން 7) ކަމަށް ޑަޗް ޑޮކްލޭންޑްސްއިން ބުންޏެވެ.

މި ފަޅުގައި އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން އެ ކުންފުނިން މިދިޔަ އަހަރު ހުށަހެޅި އީއައިއޭގެ ދަށުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ މިދިޔަ އަހަރުގެ އޭޕްރިލް 6 އިން ފެށިގެން މި އަހަރުގެ އޮކްޓޫބަރު 6 އާ ހަމައަށް ބިން ހިއްކަން ހުއްދަ ދީފަ އެވެ. ނަމަވެސް މި މަސައްކަތް ކުރިއަކަށް ނުދެ އެވެ.

އެންމެ ފަހުން މި މަޝްރޫއާ ބެހޭ ގޮތުން ޑަޗް ޑޮކްލޭންޑްސްއިން ބަހެއް ބުނީ މިދިޔަ އަހަރުގެ ޖޫންގަ އެވެ. އޭރު ނެރުނު ނޫސްބަޔާނެއްގައި އެ ކުންފުނިން ބުނީ މިދިޔަ އޮގަސްޓުގެ ތެރޭގައި މަސައްކަތް ފަށާ 2028 ގެ ކުރީކޮޅު މަޝްރޫއު ނިންމާލެވޭނެ ކަމަށެވެ.

ޑަޗް ޑޮކްލޭންޑްސްއަށް ދޫކޮށްފައިވާ "ލެގޫން 37" ފާހަގަކޮށްފައިވާ ސެޓެލައިޓް ފޮޓޮއެއް: ހުކުރު ދުވަހު ނަގާފައިވާ މި ފޮޓޮއިން ފެންނަ ފަޅުގައި ކުޑަ ރަށެއް އޮތަސް، އެއީ ހިއްކި ތަނެއް ކަމެއް ނޫނީ ކުރިންސުރެން އޮންނަ ފިނޮޅެއް ކަމެއް ޔަގީނެއް ނޫން --- ފޮޓޯ: މެކްސާ


ޑަޗް ޑޮކްލޭންޑްސް ކުންފުނީގެ ދަށުގައި ދެން އޮތް ދެ ފަޅުގެ ތެރެއިން "ލެގޫން 37" އާއި "ލެގޫން 9" ގައި އެއްވެސް މަސައްކަތެއް ކުރަން އީއައިއޭއެއް ހުށަހަޅާފައިވާ ކަމަކަށް އީޕީއޭގެ އީއައިއޭ ރިޕޯޓުތަކުގެ ޑޭޓާބޭސްއިން ނުދައްކަ އެވެ. މިފަދަ އެއްވެސް މަޝްރޫއެއް ހިންގޭނީ ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކުރާ މާސްޓާޕްލޭން ކޮންސެޕްޓުގެ މަައްޗަށް ބިނާކޮށް ތިމާވެއްޓަށް ކުރާ އަސަރު ބަޔާންކުރާ އީއައިއޭ ރިޕޯޓެއް ފާސްކޮށްގެންނެވެ.

ފްލޯޓިން ސިޓީ މަޝްރޫއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މި މަޝްރޫއަކީ ބޮޑު އޮޅުވާލުންގަނޑެއް ކަމަށް ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވެފައިވެ އެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ މި އަހަރުގެ ތެރޭގައި އޮޑިޓުކުރާ މަޝްރޫއުތަކުގެ ތެރޭގައި މި މަޝްރޫއު ހިމަނާފަ އެވެ.

ކިޔާލަން: ދަހަރަކުން ފެނުން މައްޗަށް ނޭރި ފްލޯޓިން ސިޓީ، ހަގީގަތަކަށް ވެދާނެބާ؟