12 ޖުލައި 2022 - 08:13 0
އައިޝަތު ނުޒުހާ
ފްލޯޓިން ސިޓީގެ ކުރެހުމެއް: އިގްތިސާދާ ބެހޭ މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ފްލޯޓިން ސިޓީއަކީ ބޮޑުވެގެންވާ ސްކޭމެއް ކަމަށް -- ފޮޓޯ: ފައިލް
12 ޖުލައި 2022 - 08:13 0
"ދުނިޔޭގެ ފުރަތަމަ ފްލޯޓިން ގޯލްފް ކޯސް 2015 ވަނަ އަހަރު ރާއްޖޭގައި ހުޅުވަނީ"
"ތޮށްޖެހުން ހައްލު ކުރުމަށް ރާއްޖޭގައި ފަސް ފަޅުގެ ފްލޯޓިން ސިޓީއެއް"
"ރާއްޖޭގެ ފްލޯޓިން ސިޓީ މަޝްރޫގައި ކުލަ ޖެހެނީ"
މިއީ ފާއިތުވެދިޔަ 12 އަހަރުގެ ތެރޭގައި ތަފާތު އެކި ބައިނަލްއަގްވާމީ ނޫސްތަކުން ޖާގަ ހޯދި ފަލަ ސުރުހީތަކެވެ. ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އިން ރާއްޖޭގައި ފަށާ އީޖާދީ މަޝްރޫއުގެ ވާހަކަ އެވެ. ރާއްޖޭގެ ކުރިމަގު ބަދަލުވެގެންދާނެ ކަމުގެ ހުވަފެނެވެ.
އެހެންނަމަވެސް އޭގެ ފަހުން މިވީހާ އަހަރު، އެ މަސައްކަތް އަދިވެސް އޮތީ ހުވަފެނެއްގެ ގޮތުގަ އެވެ. ތަފާތު އެކި ތާރީހުތަކެއް އެކި ފަހަރުމަތީން އަޑު އިވުނު ނަމަވެސް މިހާތަނަށް "ފްލޯޓިން" ސިޓީގެ ކުލަވަރެއް ފެންނާކަށް ނެތެވެ.
ފްލޯޓިން ސިޓީ ޕްރޮޖެކްޓެއްގެ ވާހަކަތައް ދެކެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އެވެ. އެހެންނަމަވެސް އެއިރު ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ހަވާލުކުރީ ސިޓީއެއް އަޅާކަށް ނޫނެވެ. ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރުގެ މާޗު މަހު އެ ކުންފުންޏާއެކު ސޮއިކުރި އެންމެ ފުރަތަމަ އެއްބަސްވުމުގައި ވަނީ ފްލޯޓިން ކޮންވެންޝަން ސެންޓަރަކާއި ފްލޯޓިން ގޯލްފް ކޯހެއް އެޅުމަށެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެއިރުގެ އިކޮނޮމިކް މިނިސްޓަރު މުހައްދު ރަޝީދެވެ. އަދި ޑަޗް ޑޮކްލޭންޑްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވެން ޑި ކެމްޕެވެ.
ފްލޯޓިން ހައުސިން އަޅަން އެ ދުވަހު ސޮއިނުކުރި ނަމަވެސް، އެ ވިސްނުން ގެންގުޅޭކަން ސަރުކާރުން އެ ދުވަހު ވެސް ހާމަކުރި އެވެ. އެގޮތުން ޑަޗް ޑޮކްލޭންޑްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފްލޯޓިން ގެ އެޅުމުގެ ކަންތައްތައް ކުރާނެ ކަމަށް ސަރުކާރުން އެއިރު ބުނެފައިވެ އެވެ.
ނަޝީދުގެ ވެރިކަމުގައި ސޮއިކުރެވުނު އެއްބަސްވުމާއެކު، ޑަޗް ޑޮކްލޭންޑްސްއަށް މާލެ އަތޮޅުން ފަސް ފަޅެއް ވަނީ ދޫކުރެވުނެވެ. މި ފަޅުތައް އެ ކުންފުންޏަށް ކުއްޔަށް ދޫކޮށްފައިވަނީ 27 ޖެނުއަރީ 2011 ގަ އެވެ.
ނޫސްތަކުން އެއިރު ރިޕޯޓު ކުރި ގޮތުގައި ޑަޗް ޑޮކްލޭންޑްސްގެ ޕްލޭނަކީ 10 މިލިއަން ޑޮލަރާއި އެއް މިލިއަން ޑޮލަރުގެ އަގުހުރި ވިލާތައް ހިމެނޭހެން ކުރިއަށް ގެންދަން ނިންމި "ފައިވް ލެގޫން ޕްރޮޖެކްޓް" އެވެ.
ފައިވް ލެގޫން ޕްރޮޖެކްޓުގެ އެެިރުގެ ޕްލޭން--
ބޭރުގެ ނޫހަަކަށް 2012 ވަނަ އަހަރު ވެން ޑި ކެމްޕް ދެއްވި އިންޓަވިއުއެއްގައި ވަނީ އެ ކުންފުންޏަށް ދޫކުރި ފަޅުތަކުގައި އަޅާ ފްލޯޓިން ވިލާތައް ބޭރު މީހުންނަށް މިލްކުކުރެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި ނަމަ ގެދޮރާއެކު ބޮޑު ފްލޯޓިން ރަށެއް ދިވެހިންނަށް އަޅައި ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ އެއިރު ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓުގައި މައިގަނޑު އެއް ބަޔަކީ ވެސް ބޭރު މީހުންނަށް ވިލާތައް ވިއްކައިގެން އޭގެއިން ނަފާ ހޯދުމެވެ.
އެހެންނަމަވެސް، އެ ކުންފުންޏާ ހަވާލުކުރެވުނު ފްލޯޓިން ގޮލްފް ކޯހާއި ފްލޯޓިން ކޮންވެކްޝަން ސެންޓަރުގެ ވެސް އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ. އަދި ދުނިޔޭގެ ނޫސްތަކުން ޖާގަ ހޯދި "ފައިވް ލެގޫން ޕްރޮޖެކްޓު" ގެ ވާހަކަ ވެސް ހުއްޓުނީ އެވެ.
ނަޝީދުގެ ވެރިކަން ބަދަލުވެ، އޭގެ ފަހުން ޕީޕީއެމްގެ ވެރިކަން އައުމާ ހަމައަށް ވެސް އެކި ފަަހަރު މަތީން ފްލޯޓިން ސިޓީގެ ވާހަކަ ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދާފައިވެ އެވެ. އޭރު އަމަލީ މަސައްކަތް ފެށިފައި ނުވި ނަމަވެސް، ޓެކްނިކަލް ގޮތުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށް ޑަޗް ޑޮކްލޭންޑްސްގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް މި ނޫހަށް ވިދާޅުވި އެވެ.
"މަސައްކަތް އޭރު ފެށިގެން ކުރިއަށް ދިޔަ، މި މަޝްރޫއަކީ ވަރަށް ބޮޑަށް ޓެކްނިކަލް މަސައްކަތްތައް ކުރަން ޖެހޭ މަޝްރޫއަކަށް ވުމުން އެ ކަންކަން އޭރު ކުރަމުން ދިޔައީ، މެޓީރިއަލްސް ވެސް އޭރު އޯޑާކޮށްފަ ހުރީ، އެކަމަކު ވެރިކަން ބަދަލުވުމާ ގުޅިގެން އެ މަސައްކަތް ކުރިއަށް ދާ ގޮތް ނުވީ، ޕީޕީއެމްގެ ވެރިކަމުގައި އެއީ،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި އޭގެ ފަހުން މަޝްރޫއު ކުރިއަށް ގެންދާނެ ފުރުސަތު ނުދީ، މަސައްކަތް ޖެހުނީ ހުއްޓާލާފައި ބާއްވާށެވެ.
ނަޝީދުގެ ވެރިކަމުގައި ޑަޗްޑޮކްލޭންޑްސް އަށް ދޫކޮށްފައި އޮތް ދެ ފަޅު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އަތުލާފަ އެވެ. އެނގިފައިވާ ގޮތުގައި އެ ފަޅު ޑަޗް ޑޮކްލޭންޑްސްއަށް ދީފައިވަނިކޮށް ކުރީގެ ސަރުކާރުން އެހެން ކުންފުންޏަކަށް ވިއްކާލީ އެވެ.
ޔާމީންގެ ވެރިކަމުގައި އަތުލި ކަމަށް ބުނާ ދެ ފަޅު--
"އެއީ ލެގޫން 17 އަދި ލެގޫން 37، އޭރު އޭގެ ބަދަލެއް ވެސް ނުލިބިގެން އަޅުގަނޑުމެން އެ މަރުހަލާގައި ވާހަކަ ދެއްކީން އެއްވެސް ކޮޅެއްގައި ނުޖެހި ވަނިކޮށް މި ސަރުކާރު ވެރިކަމަށް އައީ،" ރިޔާޒް ވިދާޅުވި އެވެ.
ޔާމީން ސަރުކާރުގައި ނެގި ދެ ފަޅުގެ ބަދަލުގައި، މި ސަރުކާރުން ވަނީ އެ ކުންފުންޏަށް އެހެން ފަޅެއް ދޫކޮށްފަ އެވެ. އެއީ މާލެ އަތޮޅު ފަރި އައިލެންޑްސް ކައިރީގައި އޮތް މާހާ ނަމަކަށް ކިޔުނު ފަޅެކެވެ.
ދެ ފަޅުގެ ބަދަލުގައި ދިން ފަޅު--
ޑަޗް ޑޮކްލޭންޑްސްއާއެކު ޖޮއިންޓް ވެންޗާއެއް ހަދައިގެން ފްލޯޓިން ރަށްތަކެއް ހަދަން މި ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރުގެ މާޗުގަ އެވެ. "ފްލޯޓިން ސިޓީ މޯލްޑިވްސް" ގެ ނަން ދީފައިވާ މި އެއް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ރިސޯޓާއި ޑޮކްޔާޑާއި ލަގްޒަރީ ވިލާތަކުގެ އިތުރުން ދިވެހިންނަށް ވިއްކާލަން އަޅާ ގެތައް ހިމެނޭނެ ކަން އިއުލާނު ކުރި އެވެ.
ފުރަތަމަ ތަރައްގީކުރާނެ ކަމަށް ބުނީ އާރަށާ އެންމެ ކައިރިން އޮންނަ 200 ހެކްޓަރުގެ ފަޅެވެ. އެ ފަޅުގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުނު ފެބްރުއަރީ މަހުގެ 10 ގައި ވަނީ ބައިސަން މޯލްޑިވްސްއާ ހަވާލު ކުރި އެވެ.
ފްލޯޓިން ސިޓީގެ ކުރެހުމެއް--
ތަފާތު އެކި ކުލަ ތަކުން ޖަރީވެފައިވާ ފްލޯޓިން ގެތަކުގެ ކުރެހުންތައް އެއާއެކު އާންމުކުރި ނަމަވެސް، އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެ އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި މަސައްކަތް ނުފެށި ލަސްވެފައިވަނީ އެ ކުންފުނިން ވެފައިވާ އެއްބަސްވުމުގެ ތެރެއިން ރިއަލް އެސްޓޭޓް ޓޫރިޒަމް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ހުރުމުގެ ސަބަބުންނެވެ.
މަޝްރޫއު ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތައް ނައްތާލުމަށް ފާއިތުވީ ހަފްތާގައި ވަނީ މި މަޝްރޫއު އިންޓެގްރޭޓެޑް ޓޫރިޒަމްގެ މޮޑެލަކަށް އެއްބަސްވުން ބަދަލުކޮށް ސޮއިކޮށްފަ އެވެ. މިއީ ގާނޫނަށް އިސްލާހު ގެނައުމަށް ފަހު، ކުރިން ޓޫރިމަށް ދޫކޮށްފައިވާ އޮތް ތަނެއް އިންޓެގްރޭޓެޑް ޕްރޮޖެކްޓަކަށް ބަދަލުކުރި ފުރަތަމަ މަޝްރޫ އެވެ. އަދި، ޓްރާންސްފާ ފީއެއްގެ ގޮތުގައި އެކަމަށް ދައުލަތަށް އެއް މިލިއަން ރުފިޔާ އެ ކުންފުނިން ވަނީ ދައްކާފަ އެވެ.
މަޝްރޫއު އިންޓެގްރޭޓެޑް މޮޑެލްއަށް ބަދަލުކުރުމުން އެ ކުންފުންޏަށް ޓޫރިސްޓު ރިސޯޓުގެ އިތުރުން ހައުސިން ޕްރޮޖެކްޓު ކުރިއަށް ގެންދިއުމުގެ ހުއްދަ ލިބިގެންދެ އެވެ.
"އިންޓަގްރޭޓެޑް މޮޑެލްގައި ޖާގަދޭ ރިއަލް އެސްޓޭޓް ޓޫރިޒަމަށް، އެއީ ގާނޫނާއި ގަވައިދުގައި ލިޔެފައި އޮތް ކަމެއް، އިކޮނޮމިކް ކައުންސިލްގެ އެޕްރޫވަލް ބޭނުންވާ ކަމެއް ނޫން އެއީކީ،" އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.
އެއާއެކު މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އިންޓެގްރޭޓެޑް މޮޑެލަކަށް ބަދަލު ކުރުމުން މަޝްރޫއުގެ މަސައްކަތް މިހާރު މިވަނީ ފެށިފައި، އިތުރު އެއްވެސް ހުރަހެއް ނެތް، ފަސް އަހަރު ތެރޭގައި ފްލޯޓިން ސިޓީ ފެންނާނެ، މޮކަޕްތައް ވެސް އޮގަސްޓު މަހު ދައްކާލެވޭނެ،" ރިޔާޒް ވިދާޅުވި އެވެ.
މެނޭޖިން ޑިރެކްޓަރު ވެން ޑި ކެމްޕް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފަޅުގެ ވަށައިގެން ރަށްތަކެއް ހިއްކައިގެން އެތެރޭގައި ފްލޯޓިން ގެތައް އަޅައިގެންނެވެ. އެގޮތުން ހިއްކާ ރަށްތަކުގެ ތެރެއިން، ކަނުގައި އިންނަ ރަށުގައި ރިސޯޓެއް ތަރައްގީ ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި، ދެން ހިއްކާ ރަށްތަކަކީ ޔޮޓް މެރީނާ ސަރަހައްދަކާއި ޕިކްނިކް އައިލެންޑަކާއި ރެސްޓޯރެންޓުފަދަ ތަންތަން އަޅަން ހަމަޖެހިފައިވާ ތަނެކެވެ.
"ދެން އެ ތަނުގައި ހުންނާނެ ކުދިކުދި ރަށްތައް، އެއީ ގެތައް ރައްކާތެރިކުރުމަށް ހުންނަ ޕްރޮޓެކްޝަން އައިލެންޑުތައް، އެއީ ރާޅުތައް ވަނަ ނުދިނުމަށް ޓަކައި ހަދާ ރަށްތަކެއް،" ރިޔާޒް ވިދާޅުވި އެވެ.
މިފަހުން އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ފްލޯޓިން ސިޓީގެ މަޝްރޫއަކީ ބޮޑު އޮޅުވާލުންގަނޑެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. ފައްޔާޒް ތުހުމަތު ކުރެއްވި ގޮތުގައި އެ ކުންފުންޏަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ދެ ފަޅު މިހާރު ވެސް ވަނީ ވިއްކާލާފަ އެވެ.
"ސަރުކާރުން ފްލޯޓިން ރިސޯޓު އެޅުމަށް 5، 6 ފަޅު އެ ކުންފުންޏަށް މާލޭ ސަރަހައްދުން ދީފައިވަނީ މުޅިން ހިލޭ. އެހެންނަމަވެސް އެތަނުން ދެ ފަޅު ވަނީ އެތައް މިލިއަން ޑޮލަރަކަށް ވިއްކާލާފައި. ވިއްކާލި ފަޅުތައް ހިއްކުމަށް އަންނަނީ މަސައްކަތް ކުރަމުން، އެ ތަނުގައި ފްލޯޓިން ރިސޯޓެއް ނާޅާނެ،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިއްކާލި ކަމަށް ތުހުމަތު ކުރައްވާ އެއް ފަޅަކީ ޑަޗް ކުންފުންޏަށް ދޫކޮށްފައިވާ ލެގޫން 17 އެވެ. އެ ފަޅަށް އިކުއިޒިޝަން ފީގެ ގޮތުގައި 2014 ވަނަ އަހަރު ތިން ލައްކަ އެމެރިކާ ޑޮލަރު ދައްކާފައިވެ އެވެ.
އެ ފަޅު ވިއްކާލި ކަމަށް ތުހުމަތު ކުރަނީ ވެސް ތިން ލައްކަ އެމެރިކާ ޑޮލަރަށެވެ. އެ ފަޅުގެ ޑަޗް ޑޮކްލޭންޑްސްއަށް ލިބިފައިވާ ހުރިހާ ހައްގެއް އެކުއާ ބްލޫ އިންވެސްޓްމެންޓަށް ބަދަލުކުރުމަށް ޓޫރިޒަމަށް ހުށަހަޅާފައިވަނީ 2016 ވަނަ އަހަރު އެވެ. އެ ފަޅުގައި މިހާރު އަންނަނީ އޮބްލޫ ބައި އެޓްމޮސްފިއާގެ ދެ ރިސޯޓެއް ހިންގަމުންނެވެ.
ވިއްކާލި ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވި ދެ ވަނަ ފަޅަކީ ޑަޗް ޑޮކްލޭންސްއަށް ދޫކުރި ލެގޫން 19 އެވެ. އެނގިފައިވާ ގޮތުގައި އެ ފަޅު ވިއްކާލާފައިވަނީ 16.9 މިލިއަން ޔޫރޯ އަށް، މާރަށް އިންވެސްޓްމެންޓަށެވެ. އެ ފަޅުގެ ހައްގުތައް ބަދަލުކުރަން ޑަޗް ޑޮކްލޭންޑްސް އިން އެދިފައި ވަނީ މި ސަރުކާރުގެ ވެރިކަމުގައި 2021 ކަން ވަނީ އެނގިފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި މާރަށް އިންވެސްޓްމެންޓުގެ ހިއްސާދާރުންނަކީ ނިރޯ އިންވެސްޓްމެންޓްސް ކިޔާ ރޯމޭނިއާގެ ކުންފުންޏަކާއި އެ ގައުމުގެ ރައްޔިތެކެވެ. އޭގެ ތެރެއިން 90 އިންސައްތަ ހިއްސާ އޮންނަނީ ނިރޯ ކުންފުނީގައި ކަމަށް ޑަޗް ކުންފުނިން ހައްގުތައް ބަދަލުކުރުމަށް ޓޫރިޒަމަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެ އެވެ.
އެކަމަކު، ފައްޔާޒްގެ ތުހުމަތުތައް އެ ކުންފުނިން ދޮގުކުރެ އެވެ. ރިޔާޒް ވިދާޅުވި ގޮތުގައި މިިހާތަނަށް އެ ކުންފުންޏަށް ދޫކޮށްފައިވާ އެއްވެސް ފަޅެއް ވިއްކައި، ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ އެވެ.
"ހައުސިންގެ މަސައްކަތް ކުރަންޏާ އެއް ލެގޫނުގެ ބަޔަކުން ޕްރޮފިޓް ނަގައިގެން، އަނެއް ލެގޫންގަ ހައުސިން ޑިވޮލޮޕްމެންޓް މިކުރެވެނީ، އެހެންވީމާ ލެގޫންތަކެއް ވިއްކާލާއިގެންނޭ އެ ބުނާ ވާހަކައަކީ ހަމަ ސީދާ ކަނޑައެޅިގެން ދޮގެއް، އެންމެ ލެގޫން އެއް އިންނާނީ ސަބްސިޑަރީ ކުންފުންޏަށް ބަދަލުކޮށްފައި،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ވިއްކާލި ކަމަށް ދެން ތުހުމަތު ކުރާ ފަޅަކީ ޔާމީންގެ ވެރިކަމުގައި އެހެން ފަރާތަކަށް ދިން ލެގޫން 17 އެވެ.
ޑަޗް ކުންފުނީގެ ސީއީއޯ ޕައުލް ވަނީ މި މަޝްރޫއަކީ ކާމިޔާބު މަޝްރޫއަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހިން "މާޔޫސްކޮށް ނުލާނެ" ކަމަށް ވެސް ޕައުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ލިބުނު ހުއްދައާއެކު، ކުރިއަށް އޮތް ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއްގައި މި މަޝްރޫއު ނިމި، ފްލޯޓިން ސިޓީގައި އަމަލީ ކުލަތައް ޖެހިގެންދާނެ އެވެ.
މިނިސްޓަރު މައުސޫމް ވެސް ވަނީ މި މަޝްރޫއު ހަގީގަތަކަށް ވެގެންދާނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑަކީ އިންޖިނިއަރެއް ނޫން، އަޅުގަނޑަށް ފެނޭ ކުރެހުންތަކާ އެއްޗެހި. އެ ކުރެހުންތަކުން ދެން ވަރަށް ރަނގަޅު. ދެން މީގަ އަޅުގަނޑުމެން ވިސްނާލިއިރު އަޅުގަނޑުމެންނަށް ގެއްލޭނެ އެއްޗެއް ނެތް. އެއްޗެއް ގެއިންވާން [ލިބެން] އޮތީ، މިހާރު ވެސް ރާއްޖެއަށް މިކަމުން ލިބުނު ޕަބްލިސިޓީ ވަރަށް ރަނގަޅު،" މައުސޫމް ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ބޭނުން ވަނީ ރާއްޖެ މި ދެންނެވި ގޮތަށް ދުނިޔޭގައި މަޝްހޫރު ވާން."
މިނިސްޓަރު މައުސޫމް ވިދާޅުވީ ތެދުފުޅެކެވެ. ކުރެހުންތައް ވަރަށް ޗާލުވެފައި ހިތްގައިމެވެ. އެހެނަސް ދެން އުފެދޭ ސުވާލަކީ މިހާތަނަށް ވެސް ނުފެށި އޮތް އީޖާދީ ފްލޯޓިން ސިޓީ ހަގީގަތަށް ވެދާނެބާވަ އެވެ؟
Comment