9 ޖަނަވަރީ 2025 - 07:49 0
މުހައްމަދު ޝަހްޒާން
ރާއްޖޭގައި މީގެ ކުރިން ހިންގި މަޝްރޫއުއަކަށް ބޭނުންވާ ވެލި ނަގަނީ -- ފޮޓޯ: ބޮސްކާލިސް
9 ޖަނަވަރީ 2025 - 07:49 0
ޒަރޫރީ ބޭނުންތަކަށް ވެލިނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކުން މެޝިނަރީ ބޭނުން ކޮށްގެން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އީއައިއޭ ނުހަދައި މެޝިނަރީ ބޭނުން ކޮށްގެން ވެލި ނަގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބުނެފި އެވެ.
އެ އެޖެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ މެޝިނަރީ ބޭނުން ނުކޮށް ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކެއް ކަމަށެވެ.
ނަމަވެސް އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އެ ސަރަހައްދުތަކުން މެޝިނަރީ ބޭނުން ކޮށްގެން ވެލި ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"މިފަދަ ސަރަހައްދުތަކުން [ޒަރޫރީ ބޭނުމަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކުން] ހެދިފައިވާ އުސޫލުތަކާ ހިލާފަށް ގިނަ އަދަދަކަށް ވެލި ނަގާކަމުގެ ޝަކުވާ މި އެޖެންސީއަށް ދަނީ ލިބެމުންނެވެ، މިގޮތުން މެޝިނަރީ ބޭނުން ކޮށްގެން ވިޔަފާރި އުސޫލުން އެކިއެކި ބޭނުމަށް ވެލި ނަގަމުންދާކަން ވަނީ މި އެޖެންސީއަށް ފާހަގަވެފަ،" އީޕީއޭގެ ނޫސްބަޔާނުގައި ބުންޏެވެ.
ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ބުނާ ގޮތުން މެޝިނަރީ ބޭނުން ކޮށްގެން އެއްވެސް ބޭނުމަކަށް ރާއްޖޭގެ އަތޮޅަކުން ވެލި ނެގުމާއި ފަޅު ފުންކުރުން ފަދަ ކަންކަން ކުރެވޭނީ އެ އަތޮޅެއްގެ ކައުންސިލާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކޮށްގެން އެކަމަށް ހާއްސަކޮށް ފަޅެއް ކަނޑައެޅުމަށްފަހު, އެ ސަރަހައްދަކުން ވެލި ނެގުމުން ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ރިޕޯޓު ފުރިހަމަ ކޮށްގެންނެވެ.
އީޕީއޭގެ ބަޔާނުގައި ވަނީ މެޝިނަރީ ބޭނުން ކޮށްގެން ވެލި ނަގާ ފަރާތްތަކުން އެ ގަވާއިދާ އެއްގޮތަށް އަމަލު ކުރަން އިލްތިމާސްކޮށްފަ އެވެ. އަދި އެ ގަވާއިދާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭގެ ބަޔާނުގައި ބުންޏެވެ.
"އިސްވެދެންނެވުނު ގަވާއިދުތަކާއި އުސޫލާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާ މެދު މި އެޖެންސީން ފިޔަވަޅު އަޅަމުން ދާނެ ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަން،" އީޕީއޭގެ ބަޔާން ނިންމައިލަމުން ބުނެފައިވެ އެވެ.
Comment