Advertisement

މާދެލީގައި އަޅަން ނިންމި މަސް ފެކްޓަރީ ނިލަންދޫ އަށް

6 މޭ 2024 - 07:47 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ފ. އަތޮޅު ވެރިރަށް، ނިލަންދޫ. -- ފޮޓޯ: ކަޒިންސް ޕޯޓްރެއިޓު


މާދެލީގައި އަޅަން ނިންމި މަސް ފެކްޓަރީ ނިލަންދޫ އަށް

6 މޭ 2024 - 07:47 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި، ދ. މާދެލީގައި އަޅަން ނިންމި މަސް ފެކްޓަރީ ފ. ނިލަންދޫ އަށް ބަދަލުކުރަން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް "އަދަދު" ނޫހަށް ވިދާޅުވީ އެ މަޝްރޫއު ނިލަންދޫ އަށް ބަދަލު ކުރަން ސަރުކާރުން ނިންމީ، ޓޫރިސްޓު ރިސޯޓެއް ހިންގަން މާދެލީ ދޫކޮށްފައި އޮތުމާއި އެ މުއާމަލާތް ގޮސްފައިވާ މިންވަރަށް ބަލާއިރު، ބަދަލު ދީފައި އެ ރަށް ނެގުމަކީ މާލީ ގޮތުން ދައުލަތަށް ރަނގަޅު ނިންމުމަކަށް ނުވާނެތީ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ފ. ނިލަންދޫގައި ވާހަކަ ދައްކަވަމުން، މާދެލީގައި މަސް ފެކްޓަރީއެއް އެޅުމަށް ރައީސް ވައުދުވެވަޑައިގަތީ އޯގަސްޓު 17، 2023، ގަ އެވެ.

އެއަށް ފަހު، މާދެލި ހިމެނޭ ގޮތަށް ތިން ރަށެއްގައި މަސް ފެކްޓަރީ ހަދަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެކު ފިޝަރީޒް މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކުރީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވައި، އޭޕްރީލް 14 ގަ އެވެ. އެ އެއްބަސްވުމުގައި ފިޔޯރީ އަދި ފެލިވަރުގައި މަސް ފެކްޓަރީއެއް ހެދުން ވެސް ހިމެނެ އެވެ.

މާދެލީ މަޝްރޫއުގައި އެ ރަށުގައި ބަނދަރެއް ހެދުމާއި، މުވައްޒަފުން ތިބުމަށް އެކޮމޮޑޭޝަން އެޅުމާއި މަގުތައް ހެދުމާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތައް އަދި 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ހިމެނެ އެވެ.

އެ މަޝްރޫއު ފ. އަތޮޅު ވެރިރަށް، ނިލަންދޫ އަށް ބަދަލުކުރީ އެ ރަށް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން މި ސަރުކާރުން ކަނޑައަޅާފައިވާތީ ކަމަށް ފިޝަރީޒް މިނިސްޓްރީން އިއްޔެ ބުންޏެވެ. މަސް ފެކްޓަރީ އެޅުމަށް ބިން ހަމަޖެއްސުމާ ގުޅޭ ގޮތުން ފިޝަރީޒު މިނިސްޓްރީގެ ޓީމެއް އިއްޔެ އެ ރަށަށް ޒިޔާރަތްކޮށް ކައުންސިލާއެކު މަޝްވަރާކުރި އެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާއަށް އިންތިހާބުވީ ރައީސް މުއިއްޒުގެ އެއްބަނޑު ކޮއްކޮ، ފާތިމަތު ސައުދާ އެވެ.

މާދެލީގައި މަސް ފެކްޓަރީއެއް ހަދަން ރައީސް މުއިއްޒު ފުރަތަމަ ވައުދުވެވަޑައިގެންނެވިއިރު ވެސް އެ ރަށުގައި ރިސޯޓެއް ހަދަން އެސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑްއާ އޮތީ ހަވާލުކޮށްފަ އެވެ. ސެއިންޓް ރެޖިސްގެ ވޮއްމުލި ހިންގާ އެ ކުންފުންޏާ މާދެލި ހަވާލުކުރީ ޖުލައި 5، 2023، ގަ އެވެ. އެއީ ސެއިންޓް ރެޖިސްއަކީ މެރިއަޓް ހޮޓެލްސްގެ ދަށުން ހިންގާ ކުންފުންޏެވެ. މާދެލީގެ އެކުއިޒިޝަން ކޮސްޓު ވެސް އެސްއޭއެސް އިން އޮތީ ދައްކައިފަ އެވެ. އެއީ 7.2 މިލިއަން ޑޮލަރު (111،024،000ރ.) އެވެ.

ނިލަންދޫއަކީ ބޮޑުމިނުގައި 56.2 ހެކްޓަރު ހުރި ރަށެކެވެ. އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގެ އާބާދީއަކީ 2300 އެވެ. ރަށުގެ ރަށްވެހިންގެ ތެރެއިން މިހާރު ރަށުގައި ދިރިއުޅެނީ 1800 އެއްހައި މީހުންނެވެ.