ގދ. ފަރެސްމާތޮޑާގެ މަސްދޯންޏެއް ހަރަކާތްތެރިވަނީ: ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މަސްވެރިންނަށް ވެސް ބޮޑު އަގުގައި ތެޔޮ ވިއްކަން -- ފޮޓޯ: އަދަދު ފައިލް
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ތެލުގެ އަގު ބޮޑުވި ނަމަވެސް މަސްވެރިންނަށް ތެޔޮ ވިއްކާނީ ސަބްސިޑީ އަގެއްގައި ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.
އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގަލްފުގެ ގައުމުތަކުން އުފައްދާ ތެޔޮ ދުނިޔޭގެ އެހެން ހިސާބުތަކަށް ފޯރުކޮށްދިނުން ވަނީ މެދުކެނޑިފަ އެވެ. މިއީ މިހާ ބޮޑުކޮށް ދުނިޔެ ތެލަށް ޖެހުނު ފުރަތަމަ ފަހަރެވެ.
ތެލުގެ އަގު ރާއްޖޭގައި އެންމެ ބޮޑަށް އުފުލުނީ އިއްޔެ އެވެ. އެއާއެކު ދަތުރުފަތުރު ކުރުމުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އިއްޔެ އެކަނި ވެސް 40 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ އިތުރުވުމެއް އަގުތަކެއް ވަނީ އައިސްފަ އެވެ.
ސަރުކާރުން އިއްޔެ އެންމެ ފުރަތަމަ ނިންމީ މަސްވެރިންނަށް ވިއްކާ ތެޔޮ ވެސް މާކެޓު ރޭޓާ އެއްގޮތަށް ބޮޑުވި އަގުގައި ވިއްކާށެވެ. އެކަމަކު، ތެލުގެ އަގު ބޮޑުވެއްޖެ ނަމަ މަސްވެރިކަން ހުއްޓާލަންޖެހިދާނެ ކަމަށް މަސްވެރިން ބުނުމުން ސަރުކާރުން ވަނީ ސަބްސިޑީއެއް ދޭން ނިންމައިފަ އެވެ.
"ޑީސަލް ލިޓަރެއްގެ އަގު 28 ރުފިޔާއަށް ކަންނެލި ކިލޯއެއްގެ އަގު 55 ރުފިޔާއަށް މަސްދޯނި ފަހަރު ހުއްޓި މަސްވެރި އާއިލާތަކަށް ބޮޑު ނިކަމެތި ކަމެއް! ކަމާއި ބެހޭ އެންމެހާ ފަރާތްތަކުން މަސްވަރާކޮށް މަސްވެރިކަން ހުއްޓާނުލާ ކުރިޔަށް ދެވޭނެ މަގެއް ހޯދުން މުހިންމު!," ބޮޑުކަންނަނެލި މަސްވެރިންގެ ޔޫނިއަން އިން އިއްޔެ ބުންޏެވެ.
އެއާއެކު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިިފްކޯ) އިން ވަނީ މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ވިއްކަން ނިންމައިފަ އެވެ. މިފްކޯއަށް މަސް ކިރާ އެންމެނަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ވިއްކާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއަށް މަސް ކިރަނީ ދޮށީގައި މަސްވެރިކަން ކުރާ މަސްވެރިންނެވެ. އެކަމަކު، ކަންނެލި މަސްވެރިންނަށް ވެސް ހެޔޮ އަގުގައި ތެޔޮ ވިއްކަން ސަރުކާރުން ނިންމާފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
"ހުޅުމާލެ ކަންނެލި ޖެޓީގައި ހުންނަ އެފްއެސްއެމްގެ ޝެޑުން ސަބްސިޑީ އަގުގައިި ތެޔޮ ވިއްކާނެ ކަމަށް ބުނެފައި އޮތީ. އެތަނުން އަދި ތެޔޮ ލިބޭނީ ބޮޑުކުރި އަގުގައި. އެކަމަކު މިއަދުގެ ވަގުތެއްގައި އަގުތައް ހެޔޮވާނެ މަސްވެރިންނަށް،" ނަޝީދު ވިދާޅުވި އެވެ.
އެފްއެސްއެމް އިން އެއްގަމުގައި ހިންގާ ތެޔޮ ޝެޑުތަކުން ވިއްކާ ތެޔޮ ފިޔަވައި އެހެން ހުރިހާ ތެލެއްގެ އަގު ވަނީ އިއްޔެ ބޮޑުކޮށްފަ އެވެ. މިހާރު ޕެޓްރޯލް ލީޓަރެއް ލިބެނީ 27.13 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް ކުރިން ވިއްކީ 13.50 ރުފިޔާއަށެވެ. އެހެންކަމުން އެއީ 100.96 ޕަސެންޓުގެ ކުރިއެރުމެކެވެ. ޑީސަލް ލީޓަރެއް މިހާރު ލިބެނީ 28.32 ރުފިޔާއަށެވެ. ކުރިން ވިއްކީ 13.92 ރުފިޔާއަށެވެ. އެއީ 103 ޕަސެންޓުގެ ކުރިއެރުމެކެވެ.
ތެލުގެ އަގު އިއްޔެ އިންތިހާއަށް ބޮޑުވެފައި މި ވަނީ ތެލުގެ ތާށިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ދެއްވާފައި އޮއްވަ އެވެ.
"ފުރަތަމަ ކަމަކަށް ހަނޑޫ، ހަކުރު، ފުށް އަގުބޮޑެއް ނުވާނެ. އެއީ ކަށަވަރު ކަމެއް. މެދުކެނޑުމެއް ނެތި ކާޑު ލިބޭނެކަމަށް އަޅުގަނޑު ޔަގީންކަން ދެން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ. "ފުޑް، ފިއުލް އަދި އެއްވެސް ކޮމޯޑިޓީއެއްގެ ޗެލެންޖެއް އިރާދަކުރެއްވިއްޔާ ކުރިމަތިވިޔަ ނުދޭނެ ވާހަކަ."
އިގްތިސާދީ ބޮޑު ނުރައްކަލަކާ ދުނިޔެއިން ކުރިމަތިލާއިރު ވެސް ދިވެހި ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންނުދާތީ އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. އެގޮތުން ހަރަދު ކުޑަކުރަން ފިޔަވަޅުތައް ނޭޅުމާއި ބައެއް އިދާރާތަކުގެ މުސާރަ ބޮޑުކުރުމާއި ކުލަ ގަދަކޮށް ކުޑަ އީދު ފާހަގަ ކުރަން ނިންމާފައިވާތީ ވެސް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
"ދިވެހި ރާއްޖެ މި ވަނީ 'ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި'. ޕެޓްރޯލްގެ އަގު ލީޓަރެއް 28 ރުފިޔާއަށް އަރައިފި. ދަތުރުފަތުރުގެ އަގު ބޮޑުވާނެ. ސަރުކާރުގެ ސަމާލުކަން އިންތިހާބަކަށް އަމާޒުވެއްޖެ ނަމަ ރައްޔިތުންނަށް ލިބޭނެ ގެއްލުން ބޮޑުވާނެ،" ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވި އެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރާ އަސަރު ކުޑަ ކުރުމުގެ ގޮތުން ރިޒާވުގައި ބަހައްޓާފައި ހުރި ތެޔޮ ގައުމުތަކުން ވަނީ ދޫކުރަން ފަށައިފަ އެވެ. އެކަމަކު، ރިޒާވުން ދޫކުރެވެން އޮތީ ވެސް ދުނިޔެއަށް ބޭނުންވާ ތެލުގެ މަދު މިންވަރެކެވެ.
ގަލްފުގެ ގައުމުތަކުން ދުނިޔެއަށް ތެޔޮ ފޯރުކޮށްދެނީ ހޮރުމޫޒު ކަނޑުއޮޅިންނެވެ. އެކަމަކު، އެތަނުން ދަތުރު ކުރާ ހުރިހާ އުޅަނދަކަށް ހަމަލާދޭން އިރާނުން ވަނީ ފަށައިފަ އެވެ. ހަނގުރާމައިގެ ކުރިން އެ ކަނޑުއޮޅިން 100 އަށް ވުރެ ގިނަ ބޯޓު ކޮންމެ ދުވަހަކު ވެސް ދަތުރު ކުރެ އެވެ. މިހާރު އެ ސަރަހައްދުން ދަތުރު ކުރަނީ އިރާނުގެ ހައެއްކަ ބޯޓު އެކަންޏެވެ.
ހޮރުމޫޒު ކަނޑުއޮޅި ބޭނުން ކުރަން ނުޖެހޭ ގޮތަށް ސައުދީ އަރަބިއްޔާއިން ވަނީ ރެޑް ސީއަށް ހޮޅިއެއް ގުޅައިފަ އެވެ. އެކަމަކު، އެ ހޮޅިން ގެންދެވެނީ ނިސްބަތުން ނިކަން މަދު މިންވަރެއްގެ ތެލެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ހޮޅިއަށް ހަމަލާއެއް އަމާޒު ނުވާނެކަމުގެ ޔަގީންކަމެއް ވެސް ނެތެވެ.
Comment