ކެބިނެޓު ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު އާއި މިނިސްޓަރުން: ސަރުކާރުން އެކުލަވާލާ ކޮމިޓީތަކުގެ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމައެއް ނުކުރޭ --- ފޮޓޯ: ރައީސް އޮފީސް
ތިން ދާއިރާއަކުން ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ކޮމިޓީޓަކުގެ މެންބަރުން ކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު އަލުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން އެކުލަވާލަން މަސައްކަތް ކުރަމުން އަންނަ ކޮމިޓީތަކަކީ ޓޫރިޒަމް ދާއިރާއިން ލަފާ ދޭން "ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އާއި، އިމާރާތް ކުރުމުގެ ދާއިރާއިން ލަފާ ދޭން، "ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އާއި، މަސްވެރިކަމާއި މެރިކަލްޗާގެ ދާއިރާއިން ލަފާ ދޭން "ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އެވެ.
މި ތިން ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ފުރުސަތު އަލުން ދެނީ އެ ކޮމިޓީތަކަށް ކުރިމަތިލާން އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
މި ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާން އަލުން ދިން ފުރުސަތުގެ ސުންގަޑި ހަމަ ވަނީ، އަންނަ މަހުގެ ތިން ވަނަ ދުވަހަށެވެ.
ރައީސް އޮފީހުގެ ބަޔާނުން، ކުރިން މި ކޮމިޓީއަށް ކުރިމަތިލީ މީހުން އަލުން ކުރިމަތިލާން ޖެހޭ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ. އަދި، ކުރިން ހުޅުވާލި ފުރުސަތުގައި ލިބުނީ ކިތައް ހުށަހެޅުން ކަމެއް، އަދި ބޭނުންވާ ވަރަށް ހުށަހެޅުން ލިބުނު ކަމެއް ވެސް ސާފެއް ނުވި އެވެ.
ސަރުކާރަށް ލަފާ ދޭން ކަމަށް ބުނެ ތިން ކޮމިޓީއެއް އެކުލަވާލާއިރު، މި ކޮމިޓީތަކުން ކުރަން ޖެހޭ މަސައްކަތެއް ނޫނީ މަސައްކަތް ކުރާ ގޮތެއް ނޫނީ ކޮމިޓީތަކުގައި ތިބޭނީ ކިތައް މެންބަރުން ކަމެއް ވެސް ނޭނގެ އެވެ.
ހަމަ އެހެންމެ އެ ކޮމިޓީތަކުގައި މެންބަރުންގެ ގައިގައި ހުންނަން ޖެހޭ އަސާސީ ޝަރުތަތަކެއް ނޫނީ މެންބަރުން ހޮވަން މާކްސް ދޭނެ މިންގަނޑެއް ވެސް އާންމުކޮށްފައި ނެތެވެ.
ރައީސް އޮފީހުގެ ބަޔާނާއި، ފޯމުގައި ހުރި މައުލޫމާތާއި، ހުށަހަޅަން ޖެހޭ ތަކެތީގެ ލިސްޓަށް ރިއާޔަތްކުރަނީ ނަމަ، 18 އަހަރު ފުރިފައިވާ ކުށާއި ދަރަނީގެ ރެކޯޑެއް ނެތް ކޮންމެ ދިވެއްސަކަށް މި ކޮމިޓީތަކަށް ކުރިމަތިލާން ފޯމް ހުށަހެޅޭނެ އެވެ.
Comment