about 2 hours 0
ހަސަން މުހައްމަދު
ކަންނެލި މަސްވެރިއަކު އޮޑީގައި މަޑުކޮށްލައިގެން: މަސްވެރިން ބުނަނީ އަގުބޮޑުކޮށް ތެޔޮ ގަނެގެން މަހަށް ނުކުންނަން ދެކޮޅެއް ނުޖެހޭ -- ފޮޓޯ: އަދަދު ފައިލް
about 2 hours 0
މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރިކޯޑު މިންވަރަކަށް ތެޔޮ އަގުބޮޑުވެ، މަހަށް ނުކުންނަން ދެކޮޅު ނުޖެހޭތީ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ އެވެ.
ކަންނެލި މަސްވެރިކަން ކުރާ 100 އެއްހާ ދޯނި ދިވެހިރާއްޖޭގައި ހަރަކާތްތެރިވެ އެވެ. އެއީ މަސްވެރިކަމުގެ މުޅި ސިނާއަތަށް ބެލި ނަމަވެސް ގާތްގަނޑަސް 50 ޕަސެންޓާ ގާތް ކުރާ އަދަދެކެވެ. ނަމަވެސް އެ ހުރިހާ ދޯންޏެއްގެ މަސައްކަތް ވެސް މިވަގުތު ވަނީ ހުއްޓިފަ އެވެ.
"ބައިވަރު ދޯނިފަހަރު އެބަ ހުރި މިހާރު ވެސް ފުރަން ތައްޔާރުވެގެން. އެކަމަކު ތެލަށްވާ ގޮތެއް ނޭނގިގެން މަޑުކޮށްގެން ތިބީ. ގައިމު ވެސް މި އަގަކު ތެޔޮ ގަނެގެން އެއްވެސް ދޯންޏެއް ނުނިކުންނާނެ މަހަކަށް. މަސްވެރިކަން މި އޮތީ ހުއްޓިފަ،" މި ނޫހާ ވާހަކަ ދެއްކި މަސްވެރިއަކު ބުންޏެވެ. "އީދު ފަހުން މަސްވެރިކަމަށް ތެޔޮ އަޅައިގެން ފުރާނެ ދޯންޏެއް ނުއުޅޭނެ."
ބޮޑުކަންނެލި މަސްވެރިން މަހަށް ނުކުތުން ހުއްޓާލީ، މަސްވެރިކަން ހުއްޓިދާނެކަމުގެ ބިރު ކުރިމަތިވެފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުރާސްފަތި ދުވަހު ބުނެފައި އޮއްވަ އެވެ.
"ފަތުރުވެރިކަން ފިޔަވައި ދިވެހިރާއްޖޭގައި ދެ ވަނައަށް އެންމެ ބޮޑު އިގްތިސާދީ ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތަށްވާ ހިނދު، ތެލުގެ އަގަށް އައި ބަދަލަކީ އަޅުގަނޑުމެންގެ ނުހަނު ކަންބޮޑުވުމެއް. އަދި ހަމަ އެހެންމެ، މަސްވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އެބަ އޮތް،" އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި އޮތެވެ.
މިދިޔަ ހޯމަ ދުވަހު ތެޔޮ ވިއްކާ އަގު ރާއްޖެއިން ބޮޑު ކުރީ ކުއްލިއަކަށެވެ. ދައުލަތުގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ވަނީ އެއްގަމުގައި ވިއްކާ ތެޔޮ ފިޔަވައި އެހެން ހުރިހާ ތެލެއްގެ އަގު ބޮޑުކޮށްފަ އެވެ.
މިހާރު ޕެޓްރޯލް ލީޓަރެއް ލިބެނީ 27.13 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް ކުރިން ވިއްކީ 13.50 ރުފިޔާއަށެވެ. އެހެންކަމުން އެއީ 100.96 ޕަސެންޓުގެ ކުރިއެރުމެކެވެ. ޑީސަލް ލީޓަރެއް މިހާރު ލިބެނީ 28.32 ރުފިޔާއަށެވެ. ކުރިން ވިއްކީ 13.92 ރުފިޔާއަށެވެ. އެއީ 103 ޕަސެންޓުގެ އަގުބޮޑުވުމެކެވެ.
ތެޔޮ އަގުބޮޑުވުމުން، މިފްކޯއަށް މަސް ކިރާ މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ވިއްކާނެކަމުގެ ޔަގީންކަން ދައުލަތުގެ މަސް ކުންފުނި މިފްކޯއިން ބުންޏެވެ. އަދި ކަންނެލި މަސްވެރިންނަށް ވެސް އަގުހެޔޮކޮށް ތެޔޮ ވިއްކާނެކަމުގެ ޔަގީންކަަން ސަރުކާރުން ދިނެވެ. އެކަމަކު، ކަންނެލި މަސްވެރިންނަށް އަދިވެސް ތެޔޮ ލިބެނީ އަގުބޮޑުކޮށެވެ.
ތެލުގެ އަގު ހޯމަ ދުވަހު އިންތިހާއަށް ބޮޑުވީ ތެލުގެ ތާށިކަމެއް ރާއްޖެއަސް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ދެއްވާފައި އޮއްވަ އެވެ.
"ފުރަތަމަ ކަމަކަށް ހަނޑޫ، ހަކުރު، ފުށް އަގުބޮޑެއް ނުވާނެ. އެއީ ކަށަވަރު ކަމެއް. މެދުކެނޑުމެއް ނެތި ކާޑު ލިބޭނެކަމަށް އަޅުގަނޑު ޔަގީންކަން ދެން،" މިނިސްޓަރު ސައީދު ވިދާޅުވެފައިވެ އެވެ. "ފުޑް، ފިއުލް އަދި އެއްވެސް ކޮމޯޑިޓީއެއްގެ ޗެލެންޖެއް އިރާދަކުރެއްވިއްޔާ ކުރިމަތިވިޔަ ނުދޭނެ ވާހަކަ."
އޭގެ އިތުރުން، ތެލުގެ އަގު ބޮޑުވުމުން ބޮޑުކަންނެލި މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން މެދުކަނޑާލަން އެންސިސް ފިޝަރީޒް އިން ވަނީ މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.
"ތެލުގެ އަގު އިންތިހާއަށް ބޮޑުވަމުންދިއުމުގެ ސަބަބުން، އައިސް އުފެއްދުމަށާއި ފޯރުކޮށްދިނުމަށް ހިނގާ ހަރަދު މިހާރު ވަނީ ފޫނުބެއްދޭވަރުގެ ބޮޑު ބުރައަކަށް ވެފަ،" އެންސިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރާ އަސަރު ކުޑަ ކުރުމުގެ ގޮތުން ރިޒާވުގައި ބަހައްޓާފައި ހުރި ތެޔޮ ގައުމުތަކުން ވަނީ ދޫކުރަން ފަށައިފަ އެވެ. އެކަމަކު، ރިޒާވުން ދޫކުރެވެން އޮތީ ވެސް ދުނިޔެއަށް ބޭނުންވާ ތެލުގެ މަދު މިންވަރެކެވެ.
ގަލްފުގެ ގައުމުތަކުން ދުނިޔެއަށް ތެޔޮ ފޯރުކޮށްދެނީ ހޮރުމޫޒު ކަނޑުއޮޅިންނެވެ. އެކަމަކު، އެތަނުން ދަތުރު ކުރާ ހުރިހާ އުޅަނދަކަށް ހަމަލާދޭން އިރާނުން ވަނީ ފަށައިފަ އެވެ. ހަނގުރާމައިގެ ކުރިން އެ ކަނޑުއޮޅިން 100 އަށް ވުރެ ގިނަ ބޯޓު ކޮންމެ ދުވަހަކު ވެސް ދަތުރު ކުރެ އެވެ. މިހާރު އެ ސަރަހައްދުން ދަތުރު ކުރަނީ އިރާނުގެ ހައެއްކަ ބޯޓު އެކަންޏެވެ.
ހޮރުމޫޒު ކަނޑުއޮޅި ބޭނުން ކުރަން ނުޖެހޭ ގޮތަށް ސައުދީ އަރަބިއްޔާއިން ވަނީ ރެޑް ސީއަށް ހޮޅިއެއް ގުޅައިފަ އެވެ. އެކަމަކު، އެ ހޮޅިން ގެންދެވެނީ ނިސްބަތުން ނިކަން މަދު މިންވަރެއްގެ ތެލެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ހޮޅިއަށް ހަމަލާއެއް އަމާޒު ނުވާނެކަމުގެ ޔަގީންކަމެއް ވެސް ނެތެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment