5 މޭ 2024 - 16:00 0
ސާއިފް ޝިޔާދު
ޑިފެންސް މިނިސްޓަރު ޣައްސާން އަދި ކޮމާންޑަރު ޖޯން ޕީޓާ ވާހަކަ ދައްކަވަނީ. އެމެރިކާއިން ރާއްޖެއާއެކު އޮންނަ އަސްކަރީ ގުޅުން ބަދަހިކުރަން ކުރިއަށްވުރެ ބޮޑަށް ދަނީ މަސައްކަތް ކުރަމުން. ރާއްޖެއިން އަސްކަރީ ގާބިލުކަން ވަރުގަދަ ކުރުމަށް އެންމެ ބޮޑު އެއްބާރުލުމެއް މިހާރު ދެމުންދާ ތުރުކީއަކީ ވެސް އެމެރިކާ އާއެކު ގާތް އަސްކަރީ ގުޅުމެއް ބާއްވާ ގައުމެއް --- ފޮޓޯ: ޑިފެންސް މިނިސްޓްރީ
5 މޭ 2024 - 16:00 0
އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްއާއެކު މަޝްވަރާ ކޮށްފި އެވެ.
ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ދިފާއީ ކަންކަން ބަލަހައްޓަވާ ވަޒީރު ޣައްސާން މައުމޫނެވެ. އަދި, މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އެޖުޓަންޓް ޖެނެރަލް ނުވަތަ ކޮމާންޑަރެއްގެ ގޮތުގައި ހުންނެެވި މޭޖާ ޖެނެރަލް ޖޯން ޕީޓާ ރޮނެކް ދަ ސެކަންޑް އެވެ.
ޑިފެންސުން ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އަސްކަރިއްޔާ އާއި މޮންޓާނާގެ ނޭޝަނަލް ގާޑްސްއާއެކު އޮތް ގުޅުންތަކާއި އަދި ކުރިއަށް އޮތް ތަނުގައި އެކުގައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭ މަޝްވަރާތައް ކޮށްފަ އެވެ. އިތުރު މައުލޫމާތެ އެ މިނިސްޓްރީން ހާމަނުކުރެ އެވެ.
މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު މިހާރު ވެސް ދިވެހި އަސްކަރިއްޔާއިން ގާތްގުޅުމެއް ބާއްވަ އެވެ. އެގޮތުން, ސެޕްޓެމްބަރު 2020, ގައި ދެ ގައުމުގެ މެދުގައި ސޮއިކުރި އަސްކަރީ ގުޅުން ބަދަހި ކުރުމުގެ ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން އެޕްރީލް 2022, ގައި މޮންޓާނާ ނޭޝަނަލް ގާޑްސްގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމުން ފުރުސަތު ދިނުމަށް ވެސް ސޮއިކުރި އެވެ.
އެމެރިކާގެ ނޭޝަނަލް ގާޑްސްއަކީ ކޮންމެ ސްޓޭޓެއްގައި ހިމެނޭ ރިޒާވު ސިފައިންގެ ފޯސްގެ މައްޗަށް އެކުލެވޭ އަސްކަރީ ގޮތްޕެކެވެ. ކޮންމެ ސްޓޭޓެއްގެ ނޭޝަނަލް ގާޑްސްގެ ކޮންޓްރޯލް އޮންނަނީ އެ ސްޓޭޓެއްގެ ސަރުކާރަށާއި މައި ސަރުކާރުގެ އަތްމަތީގަ އެވެ.
އެމެރިކާގެ ސަރުކާރުން ރައީސް ނުވަތަ ޑިފެންސް ސެކްރެޓަރީ ނުވަތަ ކޮންގްރެސްއިން ހަނގުރާމައިގެ ހާލަތު އިއުލާނު ކުރުން ނުވަތަ ކާރިސާގެ ވަގުތުތަކުގައި ފެޑެރަލް ސަރުކާރަށް ނޭޝަނަލް ގާޑްސްގެ ސިފައިންގެ އެހީތެރިކަން ދޭން ޖެހެ އެވެ. އަދި, ސްޓޭޓެއްގެ ގަވަރުނަރަކު ކުއްލި ހާލަތު އިއުލާނު ކުރުމުން ވެސް ހިދުމަތަށް ނުކުންނަން ޖެހެ އެވެ.
ނޭޝަނަލް ގާޑްސްގެ މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިވާ ގިނަ މީހުންނަކީ އާންމު ވަޒީފާ އަދާކުރާ މީހުންނެވެ. މި ރިޒާވް ސިފައިންގެ ފޯސްގައި މިވަގުތު 443,543 ސިފައިން އެބަތިއްބެވެ. އޭގެ ތެރެއިން މޮންޓާނާ ސްޓޭޓުގައި 4,000 އަށްވުރެ ގިނަ ސިފައިން ތިބެ އެވެ.
Comment