3 މޭ 2024 - 14:25 0
އަހުމަދު އާއިދު
ރައީސް މުއިއްޒު : ސިއްރިއްޔާތުގެ ސިޔާސަތުތަކާއެކު ނޫސްވެރިކަން ނުތަނަވަސްކަމެއްގައި - ފޮޓޯ: ރައީސް އޮފީސް
3 މޭ 2024 - 14:25 0
"ރައްޔިތުންނަށް ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދޭނަން، ރައްޔިތުންނަށް ފޮރުވައިގެން ކަމެއް ކުރަންވެއްޖެއްޔާ ގައުމަކަށް ހަމަޖެހުމެއް ނާންނާނެ،"
މިއީ މީގެ 221 ދުވަސް ކުރިން، ރިޔާސީ ކެމްޕޭނުގެ ތެރެއިން ސެޕްޓެމްބަރު 25، 2023 ގައި ލ. ގަމުގައި ހުންނަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެމަނިކުފާނު އޭރު ތަކުރާރުކޮށް ވ ވިދާޅުވަމުން ގެންދެވީ ތަކުރާރުކޮށް ނޫސްވެރިންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޭރު އޮތް އެމްޑީޕީގެ ސަރުކާރުން ކަންކަން ފޮރުވަމުންދާ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި ސިއްރުން އެއްވެސް ކަމެއް ނުކުރައްވާނެއޭ ވިދާޅުވެ، އެތައް ރަށެއްގައި އެމަނިކުފާނު ކެމްޕެއިން ކުރެއްވި އެވެ. އޭރުގެ ޖަލްސާއެއް ބަލާލައިފި ރައްޔިތަކަށް ސިފަކުރެވޭނީ، ރައީސް މުއިއްޒުގެ ސަރުކާރު ވެގެންދާނީ ދިވެހި ވިލުތަކުގެ ލޮނުގަނޑު ފަދައިން، ސާފު، ދެފުށް ފެންނަ ސަރުކާރަކަށް ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާ އިރު، މި ސަރުކާރުގެ އުމުރުން މިވަނީ ފަސް މަސް ދުވަސްވެފަ އެވެ. ސިއްރިއްޔާތާ ފެޔަށްޖެހި ނޫސްވެރިންނާއެކު މި ސަރުކާރަށް މަސައްކަތް ކުރެވިފައިވާ މިންވަރު ނިންމަވާނީ ރައްޔިތުންނެވެ.
ރައީސް މުއިއްޒު އޭރު ނޫސްވެރިންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިލެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވީ ޑިސެމްބަރު 5، 2023 ގަ އެވެ. އޭގެ ފަހުން މިއަދަށް 150 ދުވަސް ވެއްޖެ އެވެ.
ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމާމެދު މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ފެންމަތިވާން ހޭދަވީ މަހެއްހާ ދުވަހެވެ. ފަހުގެ ތާރީހެއްގައި ދިވެހި ސަރުކާރަކުން ނޫސްވެރިކަމާ ދެކޮޅަށް ނާޅާ ފަދަ ވަރުގަދަ، ނުރައްކާތެރި ފިޔަވަޅެއް އަޅައި ތިން ނޫސް ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދާ ބްލޮކް ކުރި އެވެ.
ސަރުކާރަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުންދިޔަ 'ދިޔަވަރު' އަދި 'ކުރުސީ'ގެ އިތުރުން ރަޖިސްޓްރީކޮށްގެން ހިންގާ 'ފުރަތަމަ' ބްލޮކް ކުރީ ޑިސެމްބަރު 22، 2023 ގަ އެވެ. އެ ފިޔަވަޅުތަކަށް ހަތަރު މަސްވެފައިވާއިރުވެސް، ސަރުކާރުން އެކަން ކުރި ކަމަކަށް އެއްބަހެއް ނުވި އެވެ.
ނޫސްވެރިންގެ ޖަމިއްޔާއިން އެކަމާ ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރަށް އޭރު ގޯސްވީ ޖަމިއްޔާ އެވެ.
"ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ. ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމްޖޭއޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަން،" ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުގައި އެއިރު ހުންނެވި މުހައްމަދު ޝަހީބު އެކްްސްގައި ލިޔުއްވި އެވެ.
ޝަހީބުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ވެސް ނޫސްވެރިންގެ ޖަމިއްޔާއަށް އެއިރު ފާޑު ވިދާޅުވެފަ އެވެ. ނޫސްވެރިކަމަށް ގިނަ އަހަރުކަތަކެއް ވަންދެން ހިދުމަތް ކޮށްދެއްވާފައިވާ ހަލީލުވެސް އެ ދުވަހު ވިދާޅުވީ "ކޮންމެ ކަމެއްގައި ވެސް އިސް ވާނީ ގައުމު" ކަމަށެވެ.
ސަރުކާރާ ނޫސްވެރިންގެ ޖަމިއްޔާއާ މެދު ނުތަނަވަސްކަން އުފެދި، ނޫސްތަކުގެ ވެރިންނާއެކު އެއިރު ރައީސް އޮފީހުގައި ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އެހެން ނަމަވެސް ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން، ސަރުކާރުގެ އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ.
އެ ޖަމިއްޔާއިން ބުނީ އެކަން ކުރީ ސަރުކާރުން ކަމަށެވެ. އެގޮތުން، ޖަމްއިއްޔާއާ އެފްލިއޭޓްވެފައިވާ ބޭރުގެ ސައިބާ ސެކިއުރިޓީ އެކްސްޕާޓުންނާ ހަވާލާދީ ބުނި ގޮތުގައި "ފުރަތަމަ ޑޮޓް ކޮމް" ބްލޮކް ކޮށްފައި ވަނީ ސީދާ ރާއްޖޭގެ ސާވިސް ޕްރޮވައިޑަރެވެ.
އެމްޖޭއޭގެ އިތުރުން މީޑިއާ ކައުންސިލާއި އިދިކޮޅު ސިޔާސީ ޕާޓީތަކާ އާންމުންގެ ފާޑުކިޔުންތަކާ ދެކޮޅަށް އެ ނޫހުގެ ސައިޓު ބްލޮކް ކޮށްފައި 24 ގަޑިއިރުވެސް ނުބޭއްވުނެވެ. އަނެއް ދެ ސައިޓު އަންބްލޮކް ކުރީ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
ނަމަވެސް، މި ވޭތުވީހާ ދުވަހަށް ސަރުކާރުން އެކަމާމެދު ރަސްމީ ސިފައެއްގައި އެއްވެސް ބަހެއް ނުބުނެ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް މި އަހަރު 10 އަހަރު ފުރޭއިރު، މީގެ ކުރީގެ ދެ ސަރުކާރުންވެސް އެ ގާނޫނަށް ތަންމިނުން ޖާގަ ދީފައި ނުވާ ކަމަކީ ހަގީގަތެވެ. ނަމަވެސް، މި ސަރުކާރަށް މިވީ ފަސް މަހުގެ ތެރޭގައި ރައީސް އޮފީހުން ގެންގުޅިފައިވަނީ އާރުޓީއައި ގާނޫނާ ސީދާ ގޮންޖަހާ ސިޔާސަތެކެވެ.
މި ސަރުކާރު އައި ފަހުން ރައީސް އޮފީހަށް ހުށަހެޅި ގިނަ އާރުޓީއައި ތަކަށް ޖަވާބެއް ނުދެ އެވެ. އައިކޮމް އިން ބާއްވާ އަޑު އެހުންތަކަށް ވެސް އެ ރައީސް އޮފީހުގެ އޮފިޝަލުން ހާޒިރެއް ނުވެ އެވެ. އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވި އެ ކޮމިޝަނަށް މި އަހަރު އެންމެ ގިނަ ޝަކުވާ ހުށަހެޅިފައިވަނީވެސް ރައީސް އޮފީހާ ގުޅޭގޮތުން ކަމަށެވެ.
"ރައީސް އޮފީހަކީ ސަރުކާރުގެ އެންމެ އިސް އިދާރާއަށް ވެފަ، ރައީސް އޮފީހުން މިކަމަށް އެއްގޮތަކަށްވެސް އަޅާނުލާތަން ފެނުން އެއީ ހަގީގަތުގަ މި ހައްގު އެއްކޮށް ބަލިކަށި ކޮށްލެވިދާނެ ކަމެއް،" މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން އާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް އޮފީހުން އައިކޮމް އަށް އެންމެ ގިނައިން މުއާމަލާތް ކުރަނީ އަޑުއެހުންތައް ލަސްކުރުމުގެ ބޭނުމުގަ އެވެ. އަދި ގާނޫނުގަ ބުނާ 45 ދުވަހުގެ މުއްދަތާ ހަމައަށްވެސް ރައީސް އޮފީހުގެ އެދުމުގެ މަތިން ލަސްކުރަމުން ގޮސްފައިވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެ ހިސާބުން މައުލޫމާތު ދޭން އައިކޮމް އިން އެންގުމުންވެސް އެކަމާ ރައީސް އޮފީހުން އަޅާނުލާކަމާއި އަޑުއެހުންތަކަށް ރައީސް އޮފީހުގެ ލީގަލް ޓީމުން ހާޒިރުނުވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މިދިޔަ މަހެއްގެ ތެރޭގަ ރައީސް އޮފީހުން އަޑުއެހުމަކަށް ހާޒިރެއް ނުވޭ، މިވަގުތު އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވާ އިދާރާއަކީވެސް ރައީސް އޮފީސް" އާހިދު ވިދާޅުވި އެވެ.
އައިކޮމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި އަހަރު ފެށިގެން އެޕްރީލް މަހާ ހަމައަށް އެ ކޮމިޝަނަށް ހުށަހެޅުނު 149 މައްސަލާގެ ތެރެއިން 31 މައްސަލަ ހުށަހަޅާފައިވަނީ ރައީސް އޮފީހާ ދެކޮޅަށެވެ. މީގެ ތެރޭގައި ގިނައީ މައުލޫމާތު ނުދިނުމާއި ސިއްރުކުރުމުގެ މައްސަލަތަކެވެ.
ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަނީ ހާމަކަން ބޮޑުވާނެ ކަމަށާއި އެއްވެސް ކަމެއް ސިއްރު ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެން މިއަންނަނީ ސާފު ސަރުކާރެއް ގާއިމުކުރަން، ފަސްބައި ސާފު ހިދުމަތް ކުރުމުގައި ކެރޭ ދެފުށްފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރަން، ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނަން،" މިއީވެސް ކުރިން ބުނި ތާރީހުގައި ރައީސް މުއިއްޒު ލ. ގަމުގައި ހުންނަވާ ވެވަޑައިގެންނެވި ވައުދެކެވެ.
ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅެނީ އޭރު ވިދާޅުވި ހާމަކަން ބޮޑު ސިޔާސަތެއް ނޫނެވެ. އެ ވާހަކަތަކާ އިދިކޮޅަށް، މި ސަރުކާރުގެ ގިނަ ވުޒާރާތަކާއި އިދާރާތަކުން ގެންގުޅެނީ ވަންހަނާގައި ކަންތައްތައްަ ކުރުމުގެ ސިޔާސަތެކެވެ.
އޭރު އިދިކޮޅުގައި ތިބެ، މި ސަރުކާރުގެ ވެރިން ކުރީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ އެއް ކަމަކީ ހާމަކަން ނެތުމެވެ. ސިއްރު ކުރުމެވެ.
އޭރު އެގޮތަށް ވާހަކަ ދެއްކުމަށް ފަހު، މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހާމަކުރަނީ ކިހާ ކުޑަކޮށް ކަމާ މެދު ސުވާލެއް ވެސް ނެތެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވަނީ ޗައިނާއާ އެކު އެވެ. އެމަނިކުފާނު ޖެނުއަރީ މަހު އެ ގައުމަށް ކުރި ރަސްމީ ދަތުރުގައި ސޮއިކުރި 20 އެއްބަސްވުން ހޯދަން ވަކިވަކިން ހުށަހެޅި އާރުޓީއައި ތަކާއެކު ހާމަކުރީ ހަތަރު އެއްބަސްވުމެއްގެ މަދު މައުލޫމާތު ކޮޅެކެވެ.
ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތައް ނައްތައިލަށް އެކުގައި މަސައްކަތް ކުރަން ޗައިނާއާއެކު ވި އެއްބަސްވުން ވެސް މި ސަރުކާރުން ސިއްރު ކުރި އެވެ. އޭގެ އިތުރުން ޗައިނާއާއެކު ކުރި ވިޔަފާރީގެ ހުރިހާ އެއްބަސްވުމެއްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ސިއްރުކޮށްފަ އެވެ.
އާރުޓީއައި ތަކަށް ޖަވާބު ނުދީގެން ބޭއްވި އަޑުއެހުމެއްގައި ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގެ އަދަދު ހާމަކުރަން އައިކޮމް އިން އެންގުމުންވެސް ރައީސް އޮފީހުން އެކަން ކޮށްފައެއް ނުވެ އެވެ.
މި ސަރުކާރުން ކޮށްފައިވާ އެންމެ ބޮޑު އެއް ވިޔަފާރީގެ މުއާމަލާތް ކަމުގައިވާ ތުރުކީގެ ބައިކާރު ކުންފުނިން ޑްރޯން ގަތުމަށް ހެދި އެއްބަސްވުންވެސް ވަނީ ސިއްރުކޮށްފަ އެވެ. ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ސިއްރުކުރި އެ އެއްބަސްވުން ހާމަކުރެވޭނީ މަޖިލީހުގެ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި އެކަނި ކަމަށް ދިފާއި ވަޒީރު ގައްސާން މައުމޫން ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ސަރުކާރަށް އެންމެ ބޮޑަށް ޕްރެޝަރު ކުރި، އިންޑިއާ ސިފައިންގެ އަދަދުތައްވެސް އޭރު 241 ގެ ހުޅުވާލެވިފައި އޮތް ބައްދަލުވުމެއްގައި އާންމުކުރި އެވެ.
މީގެ ކުރިން ގަވާއިދުން އާންމުކުރަމުންދިޔަ ދައުލަތަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ގޮތަށް ކޮންމެ ހަފްތާއަކު ގަވާއިދުން ޝާއިއުކުރާ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު އާންމު ކުރުމުގައިވެސް މިދިޔަ މަހުގެ ހުއްޓުމެއް އައެވެ.
ސިއްރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ކަމަށް ބުނެ ކުރީ ސަރުކާރުން އެކުލަވައިލި ސެޓުލްމަންޓް ކޮމިޓީން ބަދަލު ދިން ފަރާތްތައް ހާމަކުރަން މި ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.
މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ރާއްޖޭގެ ދެކުނު ކަނޑުން 'މިދިޔަ ސަރުކާރުން ގެއްލުވައިލި' ބައި ހޯދުމުގެ މަސައްކަތުގައި ހިމެނޭ ބޭރުގެ ތަޖުރިބާކާރުންގެ ނަންތައް ހާމަކުރަންވެސް އެއްބަހެއް ނުވި އެވެ.
މިއީ އޭރު ރައީސް މުއިއްޒު އެ ވިދާޅުވި ހާމަކަން ބޮޑު ސަރުކާރު ބާވައޭ ހިތަށް އަރާހާ ވެ އެވެ. ސަރުކާރަށް ފަސްމަސްވި އިރު، ސިއްރުކުރިކަންކަމުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަން މިހާ ގިނަވުމުން ހަމަ ގައިމުވެސް އޭރު ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދަވައެކޭ ނުބުނެވޭނެ އެވެ.
ނޫސްވެރިކަމަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ބޮޑުވި އަނެއް ސަބަބަކީ ނޫސްވެރިންނާއި މީޑިއާތަކަށް މި ފަހުން ދޭން ފެށި އިންޒާރުތަކެވެ. ކާކުކަން ނޭނގޭހެން ސޯޝަލް މީޑިއާގައި ދެމުންދާ މި އިންޒާރުތަކަށް ލޯމަރާލައިގެން ނުތިބެވޭނެ އެއް ސަބަބަކީ ރާއްޖޭގައި މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައިވާތީ އެވެ.
މި ފަހަރުގެ ފުރަތަމަ އިންޒާރެއް ކުރިމަތިވީ މީގެ 11 އަހަރު ކުރިން، ޕީޕީއެމް / ޕީއެންސީގެ ފުރަތަމަ ސަރުކާރު އޮޔތް ދުވަސްވަރު، ހުޅުހެޖި 'ރާއްޖެ ޓީވީ' އަށެވެ.
އަނެއްކާވެސް ރާއްޖޭ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ، ލައިޝާ އަހުމަދުއަށް އިންސްޓަގްރާމް މެދުވެރިކޮށެވެ. އޭގެ ފަހުން، ރާއްޖެ ޓީވީއަށް އިންޒާރުދިން ހަބަރު ގެނެސްދިނުމުން ޓީވީ ސްޓޭޝަން 'ޗެނަލް 13' އަށްވެސް ވަނީ އިންޒާރު ދީފަ އެވެ.
މި މައްސަލާގައި، މީގެ ކުރިންވެސް ރާއްޖެ ޓީވީގައި ހުޅުޖެހީ މިފަދަ އިންޒާރުތައް ލިބި ފުލުހަށް ހުށަހެޅިފައިވާ ވަނިކޮށް ކަން ފާހަގަކޮށް، މައްސަލަ ބަލައިދިނުމަށް އެދި ރާއްޖެ ޓީވީއިން ފުލުހުންނަށް މައްސަލަ ހުށަހެޅި އެވެ.
ސިޓީ ފޮނުވިތާ އެއް ދުވަސް ފަހުން ފުލުހުން ވަނީ މި މައްސަލަތައް ސީރިއަސްކޮށް ބަލަމުންދާ ކަމަށް ބުނެފަ އެވެ. އޭގެ ދެތިން މިނެޓު ފަހުން ސަރުކާރުން ވަނީ މި އިންޒާރުތައް ކުށްވެރިކޮށްފަ އެވެ. ނޫސްވެރިންނަށް އިންޒާރު ދިނުން ބަލައިނުގަނެވޭނެ ކަމަށް ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.
ނަމަވެސް އޭގެ ފަހުން ތިން ދުވަސް ވީއިރު ތަހުގީގުގެ އަދާހަމައެއް ނެތެވެ.
މި ނުތަނަވަސްކަމުގެ ތެރެއިން، ނިމިދިޔަ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބާއެކު ހަވާއަރުވަން ބޭއްވި ހަފުލާ ލައިވް ކުރަން ދިޔަ 'އަދަދު' ނޫހުގެ ޓީމަށްވެސް ރައީސްގެ ސެކިއުރިޓީން ވަނީ ހުރަސް އަޅާފަ އެވެ. އެ ރޭގެ އުފާފާޅުކުރުމުގައި އާންމުން ތިބި ހިސާބަށްވެސް މި ނޫހުގެ ޓީމަށް ނުވަދެވުނެވެ. ސަބަބެއް ހާމައެއް ނުކުރެ އެވެ.
ރިޔާސީ ކެމްޕޭނުގައި ރައީސް މުއިއްޒު، ނޫސްވެރިންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށާއި ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް މި ސަރުކާރަށް ފަސް މަސް ވީއިރު ފެންނަ މަންޒަރު ތަފާތެވެ. ވަންހަނާ ސިޔާސަތުތަކާއެކު ނޫސްވެރިކަން އޮތީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment