Advertisement

ސެޓުލްމަންޓް ކޮމިޓީން ދިން ބަދަލާ ގުޅޭ އެއްވެސް ތަފުސީލެއް ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

6 ފެބުރުވަރީ 2024 - 13:07 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި: ބަދަލު ދިނުމަށް އެދި ހުށަހެޅޭ އުސޫލު ރައީސް އުވާލައްވައިފި -- ފޮޓޯ: ރައީސް އޮފީސް


ސެޓުލްމަންޓް ކޮމިޓީން ދިން ބަދަލާ ގުޅޭ އެއްވެސް ތަފުސީލެއް ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

6 ފެބުރުވަރީ 2024 - 13:07 0

ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ކަމަށް ބުނެ ކުރީ ސަރުކާރުން އެކުލަވާލި ސެޓުލްމަންޓް ކޮމިޓީން ބަދަލު ދިން ފަރާތްތައް ހާމަކުރަން މި ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ހުށަހެޅުމުން ދިން ޖަވާބުގައި ރައީސް އޮފީހުން ބުނީ ބަދަލު ދިނުމުގެ މައްސަލަތައް ބަލަން އެކުލަވާލި "ސަރުކާރާ އަމިއްލަ ފަރާތްކަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރުނާ ގޮތުގެ އުސޫލު" ގެ ދަށުން 34 މައްސަލައެއް ހުށަހެޅުނު ކަމަށެވެ.

ސެޓްލްމަންޓް ކޮމިޓީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 11 މައްސަލައެއް ބެލުމަށް ފަހު ބަދަލު ހަމަޖައްސައިދިނީ ދިހަ ފަރާތަކަށެވެ. މިއިން އެއްވެސް ފަރާތެއްގެ ނަމެއް، ބަދަލުގެ ގޮތުގައި ދިން އެއްޗެއް، ބަދަލު ދިނުމަށް ހުށަހެޅި މައްސަލައެއް ހިއްސާކުރަން ރައީސް އޮފީހުން އިންކާރުކުރި އެވެ. ސަބަބަކަށް ދެއްކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ގާނޫނުގެ 23 ވަނަ މާއްދާ


(ހ) ދައުލަތުގެ އިދާރާއަކުން ދޫކުރަން ޖެހޭ މައުލޫމާތަކީ، ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ކަމުގައިވާނަމަ، އެ މައުލޫމާތެއް އެ ތިންވަނަ ފަރާތުގެ ރުހުމާއެކުގައި މެނުވީ ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރު ދޫކޮށްގެންނުވާނެ އެވެ. (ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، އެފަދަ ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ދޫކުރުމަކީ، އާންމު މަސްލަހަތު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމުގައި ފެނިއްޖެނަމަ، އެ ތިންވަނަ ފަރާތުގެ ރުހުމާ ނުލައި، އެކަމަކު، މި ގާނޫނުގެ ދަށުން ދައުލަތުގެ އެ އިދާރާއެއްގައި އެކުލަވާލާ މުރާޖައާ ކޮމިޓީގެ ހުއްދައާއެކު އެ މައުލޫމާތެއް އެ ސަބަބަށްޓަކައި އެ ނިސްބަތަށް ދޫކުރެވިދާނެ އެވެ.

މި މާއްދާއަކީ ޒާތީ މައުލޫމާތާ ގުޅޭ މާއްދާ އެވެ. މިއީ ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު އެ ފަރާތައްގެ ރުހުމާއެކުގައި މެނުވީ ހިއްސާކުރުން މަނާކުރާ މާއްދާ އެވެ. މިފަހަކަށް އައިސް މައުލޫމާތު ނުދޭން ނިންމާ ގިނަ މައްސަލަތަކުގައި ސަރުކާރުން ދައްކަނީ މި ސަބަބެވެ.

ރައީސް އޮފީހުން ދިން ޖަވާބާ ގުޅިގެން "އަދަދު" ނޫހުން ވާނީ މި މައްސަލައިގައި ހިމެނޭ މައުލޫމާތަކީ އާންމު މަސްލަހަތު ދެމެހެއްޓުމަށް މުހިންމު މައުލޫމާތެއް ކަމުގައި ދެކޭ ކަމަށް ބަޔާންކޮށް، ބަދަލު ދިން ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދި ޖަވާބު މުރާޖައާކުރަން އެދި އެ އޮފީހުގެ ރިވިއު ކޮމިޓީއަށް ހުށަހަޅާފަ އެވެ.

މައްސަލައިގެ ފަސްފަހަތް

ކުރީ ސަރުކާރުން އެކުލަވާލީ ސެޓްލްމަންޓް ކޮމިޓީން ނަހަމަ ގޮތުގައި އެތައް ބަޔަކަށް ބަދަލު ދީފައިވާ ކަމަށް ތުހުމަތުކުރީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިބި ދުވަސްވަރެވެ. އޭރު ބުނަމުން ދިޔައީ ވެރިކަމަށް އައިސް މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ރައްޔިތުންނާ ހަމައަށް ތިލަކޮށް، ހުރިހާ ކަމެއް ހާމަކުރާނެ ކަމަށެވެ.

އެގޮތުން ވެރިކަމާ ހަވާލުވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ސެޓްލްމަންޓް ކޮމިޓީ އުވާލެއްވި އެވެ. މި ކޮމިޓީ އުވާލަމުން ސަރުކާރުން ބުނީ ބަދަލު ދިނުމާ ގުޅޭ އުސޫލަކީ ގާނޫނީ އޮނިގަނޑެއް ނެތް، ގާނޫނީ ބާރެއް ނެތް އުސޫލެއް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާދެއްވާފައިވާ ކަމަށެވެ.

އޭރު ނެރުނު ބަޔާނުގައި ރައީސް އޮފީހުން ބުނި ގޮތުގައި ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ފަސް މައްސަލައެއް ނިންމާފައި އޮތީ ބަންޑާރަ ނާއިބުގެ ފަރާތްޕުޅުން ޝަރުއީ މަރުހަލާގައި ފާހަގަކުރަމުން ގެންދެވި ނުކުތާތަކަށް ރިއާޔަތްކުރުމަކާ ނުލައި ކަމަށެވެ. އޭރު ވެސް އެއީ ކޮން އެއްބަސްވުންތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ބަދަލު ދިން ބަޔަކު ހާމަ ނުކުރި ނަމަވެސް މި މައްސަލައިގައި ސަރުކާރުގެ ކަންބޮޑުވުން ހުރީ އިންތިހާގަ އެވެ. އިއްޔެ އިއްވި ރިޔާސީ ބަޔާނުގައި ވެސް ރައީސް ވަނީ ބަދަލު ދިނުމުގެ ނަމުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި މުދަލާއި ފައިސާ ބަހާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ހަޒާނާއިން އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާ ފައިސާ އެކި ފަރާތްތަކަށް ބަހާލައިފައިވޭ،" ރައީސް ވިދާޅުވި އެވެ.

އޭގެ ކުރިން ވެސް އެކި މަންސަތަކުގައި ރައީސް އާއި ސަރުކާރުގެ އިސްވެރިން މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ އެވެ. އޭނާ ތުހުމަތުކުރެއްވީ ބަދަލު ދިނުމުގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރީ ދައުރުގެ ފަހު ދުވަހު ކަމަށެވެ.

މީގެ ކުރިން "އަދަދު" ނޫހުން ވާނީ މިގޮތަށް އެއްބަސްވުންތައް އެކުލަވާލާފައިވާ މިލޭނިއަމް ކުންފުންޏާ ގުޅޭ ރިޕޯޓެއް ކިޔުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. ކުރިއަށް އޮތް ތަނުގައި އެހެން އެއްބަސްވުންތަކާ ގުޅޭ ރިޕޯޓުތައް ވެސް ޝާއިއުކުރެވޭނެ އެވެ.