Advertisement

ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި

އަންހެން ފަނޑިޔާރުންގެ މަހާސިންތާގެ ތެރެއިން: ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ހާއްސަ ގޮތްޕެއް ހަދަން ނިންމައިފި - ފޮޓޯ: ޑީޖޭއޭ


ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި

އަންހެން ފަނޑިޔާރުންގެ ހައްގުގައި ވަކާލާތު ކުރުމަށް ޓަކައި ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ހާއްސަ ގޮތްޕެއްގެ ގޮތުން "ވިމެންސް ވިންގް" ގެ ނަމުގައި ގޮތްޕެއް ހެދުމަށް ނިންމައިފި އެވެ.

މި ގޮތަށް ނިންމީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އިން އިންތިޒާމުކޮށްގެން މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ބޭއްވި މަހާސިންތާގަ އެވެ.

ރާއްޖޭގައި ބޭއްވި ދެވަނަ އަންހެން ފަނޑިޔާރުންގެ މަހާސިންތާގައި ވެސް އަންހެން ފަނޑިޔާރުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް ޑީޖޭއޭން ބުންޏެވެ.

އަންހެން ފަނޑިޔާރުންގެ ހައްގުގައި ވަކާލާތުކުރުމަށްޓަކައި ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ހާއްސަ ގޮތްޕެއްގެ ގޮތުން ވިމެންސް ވިންގްގެ ނަމުގައި ގޮތްޕެއް ހެދުމަށް ވެސް ވަނީ ނިންމާފަ،" ޑީޖޭއޭން "އަދަދު" ނޫހަށް ހިއްސާކުރި މައުލޫމާތުގައިވެ އެވެ.

ޖޭއެސްސީގެ ރައީސް ހިސާން އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް، އަންހެން ފަނޑިޔާރުންގެ މަހާސިންތާގައި - ފޮޓޯ: ޑީޖޭއޭ


އޭގެ އިތުރުން، އަންހެނުންނަށް ކުރިމަތިވާ ކަންކަމުގައި ޝަރުއީ ދާއިރާގެ ހިދުމަތްތައް ވަރުދަގަ ކުރުމަށް މި ފަހަރުގެ މަހާސިންތާގައި ވަރަށް ބޮޑަށް މަޝްވަރާކުރި ކަން ޑީޖޭއޭން ފާހަގަ ކުރި އެވެ.

އެ ގޮތުން ގެވެށި އަނިޔާއާއި ޖިންސީ ކުށްތަކާ ގުޅިގެން ކޯޓުތަކުން އިންސާފު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކި އެވެ. އަދި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދުމުގައި ދިމާވާ ދަތިތަކާ އެ ކަންކަން ހައްލުކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ހިޔާލުތައް ފާޅުކޮށް ބަދަލު ކުރި އެވެ.

ހަޟާނާތާއި ފޮސްޓަރިންއާ ގުޅޭ ޝަރުއީ ކަންކަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ. އެ ކަންކަމާ ބެހޭ ގޮތުން ގާނޫނުތަކާއި ގަވާއިދުތަކާއި ކޯޓުތަކުގެ އުސޫލުތަކާއި ޕްރެކްޓިސްތަކަށް ގެނެވިދާނެ އިސްލާހުތަކަށް ގިނަ ހުށަހެޅުންތަކެއް ލިބިގެން ދިޔަ ކަމަށް ޑީޖޭއޭން ބުންޏެެވެ.