Advertisement

ހުލާސާކޮށް އިއްޔެ: އެސްޓީއޯގެ މުވައްޒަފަށް ފިޔަވަޅު އެޅީ ރައީސްއަށް ފާޑުކިޔައިގެން ނޫން ކަމަށް ވިދާޅުވުން

10 މާރިޗު 2024 - 07:20 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ޅ. ކުރެންދޫގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: އެސްޓީއޯގެ މުވައްޒަފަށް ފިޔަވަޅު އެޅީ ރައީސްއަށް ފާޑުކިޔައިގެން ނޫން ކަމަށް ވިދާޅުވުން

10 މާރިޗު 2024 - 07:20 0

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކީ އެސްޓީއޯގެ ރީޖަނަލް ފާމަސީތަކުގެ މެނޭޖަރު ޑީމޯޓުކުރި ވާހަކައަކީ ހަގީގަތެއް ނޫން ކަމާއި އޭނާއަށް ފިޔަވަޅު އެޅީ "ސީރިއަސް ތުހުމަތުތަކެއްގައި" ކަމަށް އެ މަނިކުފާނު ވިދާޅުވި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް ރައީސް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން އިއްޔެ ޅ. ކުރެންދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރަށް ފާޑުކިޔާ މީހުންނަށް ފިޔަވަޅު އެޅުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި އެ ހަބަރު ނޫހަކުން ފެނިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ އެ މަނިކުފާނު ސުވާލު ކުރެއްވި ކަމަށެވެ. އެ މަނިކުފާނު ވަކި ކުންފުންޏެއްގެ ނަން ވިދާޅެއް ނުވެ އެވެ. ނަމަވެސް މި ގޮތަށް ފިޔަވަޅު އަޅާފައިވަނީ އެސްޓީއޯގެ މުވައްޒަފަކަށެވެ.

"އިހަށް ދުވަހު އަޅުގަނޑަށް ފެނުނީ ނޫހަކުން. ސަރުކާރު ކުންފުންޏަކުން ކޮންމެވެސް މުވައްޒަފަކަށް ފިޔަވަޅުއެޅީ ކަމަށް، އަޅުގަނޑާ ދިމާއަށް ކޮންމެވެސް އެއްޗެއް ސޯޝަލް މީޑިއާގައި ލިޔެގެން. އަޅުގަނޑު އެ ކުންފުނީގެ އެމްޑީއަށް ގުޅިން ވަގުތުން. ގުޅާފައި އެހިން، މިކަން ނޫހުން ފެނިގެންނޭ. މިއީ ތެދެއްތޯއޭ؟ އެއީ، އަޅުގަނޑު ބޭނުމެއް ނޫން، އަޅުގަނޑާ ދިމާއަށް އެއްޗެއް ބުނެގެން ފިޔަވަޅެއް އަޅާކަށް. އެކަހަލަ ކަންތައް ކުރާ މީހެއް ނޫން އަޅުގަނޑަކީ އެއްވެސްއިރެއްގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް ފާޑުކީ ކަމަށް ބުނެ ފާމަސީގެ މެނޭޖަރުގެ މަގާމުން ސްޓޮކު ބަލަހައްޓާ މީހެއްގެ މަގާމަށް ބަދަލު ކުރީ ގދ. އަތޮޅުގެ ފާމަސީތަކުގެ މެނޭޖަރު އަހުމަދު ޝިޔާޒު ނައީމް އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ ސޮއިކުރައްވައި ޝިޔާޒަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ "ރައީސުލްޖުމްހުރިއްޔާ އަށާއި ސަރުކާރުގެ އިސްފަރާތްތަކަށް ނިސްބަތްވާ ގޮތަށް ޒިންމާދާރުކަން ކުޑަގޮތަކަށް ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓުތަކަކީ އަހުމަދު ޝިޔާޒު ފަދަ ޒިންމާދާރު މަގާމެއްގައި ކުންފުނި ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ މުވައްޒަފެއް ފަރާތުން އެއްގޮތަކަށް ވެސް އަމަލެއް ނޫން" ކަމަށެވެ.

އެ މުވައްޒަފަށް ފިޔަވަޅު އެޅީ ރައީސްއަށް ފާޑުކިޔައިގެން ނޫން ކަމަށާއި ތުހުމަތު ކުރެވުނީ "މާ ސީރިއަސް ކަންތައްތަކެއް" ކަމަށް އެމްޑީ ވިދާޅުވި ކަމަށް ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

"ތިމަންނަމެން ކުންފުނީގެ އޮންނަ އުސޫލުތަކާއި، ތިމަންނަމެން ކުންފުނީގައި އޮންނަ ޕޮލިސީގެ ތެރެއިން ކުރިއަށް ގެންދިޔަ ކަންތައްތަކެކޭ އޮންނާނީ ގެންގޮސްފައި. އަޅުގަނޑު ދަންނަވާފައި އޮންނާނެ އެމްޑީ އަށް. ރައްޔިތުންނަށް ސާފުކޮށްދެއްވާށޭ ވީގޮތް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް މިހާތަނަށް އެސްޓީއޯއިން އެކަން ސާފުކޮށްދީފައެއް ނެތެވެ.

މުހިއްމު ބައެއް ހަބަރު