Advertisement

ސަހަރޯ ހީވޭ! ’ޖޫރިމަނާ‘ އިން ފެށި ބަހުސް 'ނުކަތާ' ގައި ތާށިވެފައި

29 ފެބުރުވަރީ 2024 - 09:47 2

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


ސަހަރޯ ހީވޭ! ’ޖޫރިމަނާ‘ އިން ފެށި ބަހުސް 'ނުކަތާ' ގައި ތާށިވެފައި

29 ފެބުރުވަރީ 2024 - 09:47 2

މީގެ 76 އަހަރު ކުރީގެ ދުވަހެކެވެ. ތަނަކީ އިބްރާހިމިއްޔާ އެވެ. ހިނގަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެކެވެ. އެންމެ ފުރަތަމަ އޮތީ ކުރީ ދުވަހުގެ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމެވެ. އެކަމަށްޓަކައި އިދާރީ މުވައްޒަފު ޔައުމިއްޔާ ބަޔާން އިއްވައި ނިމުމާ އެކު، މެމްބަރަކު ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. ދިވެހި ބަހުގެ ކަންކަމުގައި ވެސް އިސްކޮށް އުޅުއްވާ އެ މެމްބަރު ތެދުވެވަޑައިގެން ވިދާޅުވީ ޔައުމިއްޔާ އިއްވިއިރު ’ޖޫރިމަނާ‘ މި ބަސް ބޭނުންކޮށްފައި އޮތީ ގޯސްކޮށް ކަމަށާއި, ރަނގަޅު ގޮތަކީ ’ޖުރުމާނާ‘ ކަމަށެވެ.

”އާދެ, ’ޖޫރިމަނާ‘ އަކީ ދިވެހިންނަށް ’ޖުރުމާނާ‘ މި ބަސް ނުކިއިގެން ކީ ބަހެއް,“ އަސްލު އޮންނަން ޖެހޭނީ ’ޖުރުމާނާ‘ ކަމަށް ބާރު ދެއްވަމުން އޭނާ ވިދާޅުވި އެވެ.

ރައްދުގައި އެހެން މެމްބަރަކު ވިދާޅުވީ ’ޖުރުމާނާ‘ އަކީ ފާރިސީ ލަފުޒެއް ކަމަށާއި, ދިވެހި ބަހުން ކިޔަން ޖެހޭނީ ’ޖުރީމަނާ‘ ކަމަށެވެ.

”ބޭރު ބަހެއްގެ ބަދަލުގައި ދިވެހިން ތަބާވާން ޖެހޭނީ ދިވެހި ބަހަކަށް,“ އޭނާ ވިދާޅުވި އެވެ,.

މުސްކުޅި ލިޔުންތަކުގައި ބޭނުންކޮށްފައި ހުންނަނީ ’ޖުރީމަނާ‘ ކަމަށާއި އެހެންވެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވެސް އެހެން މެމްބަރަކު ވިދާޅުވި އެވެ.

އެންމެ ފަހުން މި ބަހުސެއް މާބޮޑަށް ދިގުލައިގެން ގޮސް އެހެން މަސައްކަތްތަކަށް ހުރަސް އެޅިދާނެތީ މަޖިލީހުގެ ރައީސް އެދިވަޑައިގަތީ އެ މައްސަލަ ބަސް ކޮމިޓީއަށް ހުށަހަޅާ ގޮތަށް ނިންމަވައި, މިވަގުތަށް ޔައުމިއްޔާ ފާސްކުރާށެވެ. ނަމަވެސް މެމްބަރުން އެކަމާ އެއްބަހެއް ނުވި އެވެ. އެ ބޭފުޅުން ބޭނުންވީ, އެކަން ބަސް ކޮމިޓީއާ ނުބައްސައި, މިވަގުތުން ވަގުތަށް މަޖިލީހުން ގޮތެއް ނިންމާށެވެ.

އެންމެ ފަހުން ހޫނު ބަހުސްތަކެއްކުރުމަށް ފަހު, ނިންމީ ރަނގަޅު ގޮތަކީ ”ޖޫރީމަނާ“ ކަމަށެވެ. ޔައުމިއްޔާ ފާސްވީ އެގޮތަށް ލަފުޒު ބަދަލުކުރުމުންނެވެ.

މިއީ މިއަދު ވެސް ހިނގަމުން އަންނަ ކަމެކެވެ. ނޫސްތަކުގައި ހުންނަ ލިޔުންތަކާއި، ސޯޝަލް މީޑިއާގައި ހުންނަ ލިޔުންތަކުން، ނުބައި ލަފުޒުތައް ފާހަގަކޮށް ބޮޅު އަޅައި، ބަހާ ބެހޭގޮތުން ބަހުސްތަކާއި، ޒުވާބުތައް ހިނގަ އެވެ.

ދާދި މިދާކަށް ދުވަހު ނޫހެއްގައި ’ނުތަކާ‘ މިހެން އޮތުމުން, އަޅުގަނޑުގެ އެކުވެރިންތަކެއް ތިބޭ ވަޓްސްއަޕް ގްރޫޕެއްގައި ބަހުސެއް ހިނގި އެވެ. އެއް ބަޔަކު ބުނަނީ ރަނގަޅު ގޮތަކީ ’ނުކަތާ‘ ކަމަށެވެ. އަނެއް ބަޔަކު ބުނީ ނޫހުގައި އެއޮތީ ރަނގަޅަށް ކަމަށާއި, ނަމަވެސް ގިނަ ބަޔަކު ’ނުކަތާ‘ ބޭނުންކުރާތީ އެއީ ރަނގަޅު ގޮތް ކަމަށް ހީވެފައި އޮންނަނީ ކަމަށެވެ.

ގަރުނެއް ވާއިރު ވެސް ލަފުޒެއް އޮންނަންވީ ގޮތް ކަށަވަރުވެފައި ނެތުމަކީ ދެރަ ކަމެކެވެ. ހަގީގަތުގައި މިހާރު ކުރަން ޖެހޭ ބަހުސަކީ، ބަސް ކުރިއެރުވޭނީ ކިހިނެއްތޯ އެވެ؟ މަޝްވަރާކުރެވެން ޖެހޭނީ އަދަބިއްޔާތާ މެދު އެވެ. ބަދަލުކުރެވެން ޖެހޭނީ ދިވެހި ބަހުގެ މޮޅު ލިޔުންތަކާއި، ފޮތްތަކާ ބެހޭ އަދަބީ ހިޔާލުތަކެވެ. ނަމަވެސް، އަހަރެމެން އެންމެންގެ ހަކަތަ އާއި ވަގުތު މި ދުއްވާލަނީ ލަފުޒެއް ނުބައިކޮށް އޮވެގެން ބޮޅު އެޅުމުގަ އެވެ.

މިކަމުގެ ހައްލަކީ ކޮބާ ހެއްޔެވެ? އެއް ބަޔަކު ބުނަނީ ލަފުޒުތައް ޒަމާނާ އެކު ބަދަލުވަމުން އަންނަނީ ކަމަށާއި އެގޮތް ބަލައިގަންނަން ޖެހޭ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ލަފުުޒު އޮންނަން ޖެހޭނީ ގަވާއިދުގައިވާ ގޮތަށް ކަމަށެވެ. ގަވާއިދޭތޯ އެވެ? އެކި ދުވަސްވަރު އެކި ގަވާއިދުތަކެވެ. ސީދާ ތަބާވާންވީ އެއްޗެއް ވެސް ނޭނގެ އެވެ. އެކަޑަމީން އެއްޗެއް ނެރުނަސް އެ ބަލައިގަތުމެއް ވެސް ނޯވެ އެވެ. އާއްމު މީހާއާ، އެކެޑެމީއާ މާބޮޑު ގުޅުމެއް އޮތަތީ ވެސް ނުފެނެ އެވެ.

އިހަށް ނަމަ ދިވެހިން ބަހުގެ ކަންކަމުގައި އަރާ އޮޅުން ފިލުވަނީ މުހައްމަދު ޖަމީލު ދީދީ ފަދަ ބޭފުޅުންގެ އަރިހުންނެވެ. ފަހުން ނަމަ, އަބްދުﷲ ސޯދިގު (ސޯދުބެ) ނުވަތަ މޫސާ ފަތުހީ ފަދަ ބޭފުޅުންގެ އަރިހުންނެވެ. މިހާރު ވާދަވެރިކަން ބޮޑުވެ ބަހުގެ ކަންކަމުގައި ވެސް އޮތީ ތަފާތު މަޒުހަބުތަކެވެ. ތިބީ އެކިއެކި އިމާމުންނެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބަހަށް މިފަދަ އޮޅުންތައް އަރަނީ, ލަފުޒު އުފެއްދުމާއި, އާއްމުކުރުމުގައި ރާއްޖޭގައި ތަރުތީބު އޮޅިފައި އޮތުމުންނެވެ. ބަހަކީ, އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ތަހުޒީބީ މުޖުތަމައުތަކުގައި، ބަސް ކޮމިޓީތަކުން، އާއްމުން ވާހަކަ ދައްކާ ގޮތް ބަލައި ދިރާސާކުރެ އެވެ. ވަކި ލަޒުފެއް މާބޮޑަށް އާއްމުވެއްޖެ ނަމަ, އުސޫލުތަކުގެ ތެރެއިން އެ ލަފުޒެއް ބަސް ފޮތަށް އިތުރުކުރެ އެވެ. ނުވަތަ އާއްމުން ބަހެއް ބޭނުންކުރާ ގޮތަށް ބަދަލެއް އަތުވެއްޖެ ނަމަ ބަސް ފޮތުގައި، އެކަން ވެސް ފާހަގަކުރެ އެވެ. އޭގެ ސަބަބުން އާއްމުންނަށް ވެސް މިވާނުވާ އެނގެ އެވެ.

"ހަގީގަތުގައި ރަނގަޅު ގޮތަކީ ’ނުތެކުން‘ އެވެ. އެކަމަކު މިހާރު ގިނަ މީހުން ބޭނުންކުރަނީ ’ނުކެތުން' ކަމަށްވީމާ ބަސް ފޮތް އެގޮތަށް ބަދަލުކުރުމަކީ ރަނގަޅު ކަމެއް ނޫންތޯ؟ ނޫނީ ނޯޓެއް ޖަހައި, ރަނގަޅު ގޮތަކީ 'ނުތެކުން' ކަމަށާއި ނަމަވެސް 'ނުކެތުން' މިއީ ވެސް ބޭނުންކުރާ ގޮތެއް ކަމަށް ޖެހިދާނެތާ!،" ތަޖުރިބާކާރު ވިދާޅުވި އެވެެ.

މިސާލަކަށް ބަލާ ނަމަ 'އުޅަނދު' އެއީ ދިވެހި ބަހުގައި، ރަދުންގެ ކަނޑު ބޯޓެވެ. ނަމަވެސް މިހާރު އެއްގަމާއި، ކަނޑުގައި، ރަދުން ވިޔަސް ނުވަތަ އާއްމު މީހާ ވިޔަސް ދުއްވާ އެއްޗެއް ވިއްޔާ ބޭނުންކުރަނީ އެ ލަފުޒެވެ. އެހެންކަމުން އެ ބަދަލުތައް، ބަސް ފޮތުން ފެންނަ ނަމަ، އާއްމުންނަށް އޮޅުން ނާރާނެ ކަމަށް ގަބޫލުކުރެވެ އެވެ.

ބަހަކީ ގިނަ ބަހުރުވަތަކުގައި އާއްމުންގެ ދޫދޫމަތިން ގޮސް, ބަސް ފޮތަށް އަރާ އެއްޗެކެވެ. ނަމަވެސް ރާއްޖޭގައި ބޮޑަށް އޮންނަނީ ކޮމިޓީއަކުން ބަސް ހެދުމެވެ. މުޖުތަމައު އަށް ނެރެނީ އޭގެ ފަހުންނެވެ. އެހެން ގައުމުތަކުގައި ބަސް ހަދަނީ ވެސް އެހެން ގޮތެއް ނެތް ނަމަ އެވެ. މައްސަލައަކީ އެއެއް ވެސް ނޫނެވެ. ލިންގުއިސްޓިކް އިން ކިޔަވާވިދާޅުވެގެން ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ކޮމިޓީން ބަސް ހަދާއިރު ވެސް, ދިވެހި ބަސް ބޭނުންކުރާ ޕެޓާނާއި، އަޑު ގެންގުޅޭ ގޮތާއި ބަލައި އެ ތަތްގަނޑަށް ބަސް ހަދާ ނަމަ އާއްމުން ބަލައިގަންނާނެ އެވެ. މިސާލަކަށް ކަޕްބޯޑަށް, ކަބަޑު ނުވަތަ ގޯޑައުނަށް ގުދަން ކިޔަން އޮޑެއް ނޫނެވެ. ނަމަވެސް އިނގިރޭސި އަކުރާ ވީހާ ވެސް ދުރުކޮށް ބަސް ހަދަން ކުރާ މަސައްކަތުގައި ހެދެނީ އޮޑު ނަމެކެވެ. އެ ހިސާބުން އާއްމުންގެ ތެރޭގައި އެ ލަފުޒެއް ޖޯކަކަށްވެ އެވެ. އެ ބޭނުންކުރަން ގިނަ މީހުންނަށް ނުކުރެ އެވެ.

އަނެއް ކަމަކީ, ދިވެހި ވެފައި ހުންނަ ލަފުޒުތައް އެގޮތަށް ބަލައިނުގަނެ، ކޮންމެ ކަމަކަށް ލަފުޒެއް ހަދަން އުޅުމެވެ. ބަހުގެ އުސްތާޒު ޖަމީލު ދީދި ވިދާޅުވެފައިވަނީ، ޗީސް، ޖޫސް ފަދަ ލަފުޒުތައް ދިވެހިވެފައިވާ ކަމަށާއި އެހެންވެ އެ ބަސްތަކަށް ކޮންމެހެން ދިވެހި ބަހެއް ބޭނުންނުވާ ކަމަށެވެ. ނަމަވެސް މިއަދު ބައެއް ފަހަރަށް ފެންނަނީ، ދިވެހިވެފައި ހުންނަ ބަސްތަކުގެ ބަދަލުގައި އާ ބަސްތައް އުފައްދާތަނެވެ. އޭގެ ސަބަބުން ކުޑަކުދިންނަށް އޮޅެނީ އެވެ. ބޮޑެތި މީހުންނަށް ވެސް ބަސް ބީރައްޓެހިވަނީ އެވެ. ދެން ފެންނަނީ ބަހާ ދުރުވާތަނެވެ.

އިހުގައި ތައުލީމީ ބައެއް ދިވެހިން އަރަބި ބަހާއި، އުރުދޫ ބަހަށް ފަރިތަކަމުން ދިވެހި ބަހަށް، އެ ބަސް ބަހުގެ އަސަރުކުރި އެވެ. އޭގެ ސަބަބުން ދިވެހި ބަސް މުއްސަނދިވި އެވެ. ހަމަ އެގޮތަށް މިއަދު ގިނަ މީހުން މައިގަނޑުކޮށް އިނގިރޭސި ބޭނުންކުރާތީ، އޭގެ އަސަރު ވެސް ކުރާނެ އެވެ. އިނގިރޭސި ބައެއް ބަސް ބަސް ދިވެހި ބަހަށް ވަންނާނެ އެވެ. އެހެންކަމުން އެފަދަ ބަސްތަކަށް އެބަ މަރުހަބާ ކިޔަން ޖެހެ އެވެ.

ދިވެހި ބަަސް މުއްސަނދިވެ، ކުރިއަރައިދާން އޮތީ އަޅުގަނޑު ދެކޭ ގޮތުގައި ގަދަބަދަވިކަން ދޫކޮށްގެންނެވެ. ބަހަކީ، ވަކި ބައެއްގެ މިލްކެއް ކަމަށް ދެކޭ ދެކުން ބަދަލުކޮށް، މިއީ އެންމެންގެ ވެސް އެއްޗެއް ކަމާއި، މިކަމުގައި އެއްޗެއް ބުނުމުގެ ހައްގު އެންމެންނަށް ވެސް އޮތްކަމަށް ގަބޫލުކޮށްގެންނެވެ. އަދި ޒުވާނުންނާއި، ލިޔުންތެރިންނާއި، ނޫސްވެރިންނާއި، ލިންގުއިސްޓުންގެ ވެސް ބައިވެރިވުން ބާއްވައިގެންނެވެ.