Advertisement

ޓްރައިބިއުނަލްގެ އަމުރާ އެއްގޮތަށް ސުޕްރީމް ކޯޓުގެ ކުރީގެ އެސްޖީ ފާއިޒަށް ބަދަލު ނުދޭތީ ސިވިލް ކޯޓަށް

26 ފެބުރުވަރީ 2024 - 12:32 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސުޕްރީމް ކޯޓުގެ ކުރީގެ އެސްޖީ ފާއިޒު: ޓްރައިބިއުނަލްގެ އަމުރާ އެއް ގޮތަށް ބަދަލު ނުދޭތީ ސިވިލް ކޯޓަށް ވަޑައިގެންފި


ޓްރައިބިއުނަލްގެ އަމުރާ އެއްގޮތަށް ސުޕްރީމް ކޯޓުގެ ކުރީގެ އެސްޖީ ފާއިޒަށް ބަދަލު ނުދޭތީ ސިވިލް ކޯޓަށް

26 ފެބުރުވަރީ 2024 - 12:32 0

ފަނޑިޔާރުންނަށް ފާރަލިކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޑރ. ހުސެއިން ފާއިޒު ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ކުރި އަމުރު ތަންފީޒު ނުކުރާތީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ފާއިޒު ވަޒީފާއިން ވަކިކުރި ތާރީހު، ނޮވެމްބަރު 2، 2022، އިން ފެށިގެން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހު ކަމަށްވާ ޖެނުއަރީ 6، 2024 އާ ހަމައަށް މުސާރަ އާއި އިނާޔަތަށް ޖެހޭ އަދަދު ފާއިޒަށް ދިނުމަށް ޓްރައިބިއުނަލް އިން ހުކުމް ކުރީ އޮކްޓޯބަރު 9، 2023، ގަ އެވެ.

ގާނޫނުގައި ބުނާ ގޮތުން 30 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފު ކުރަން ޖެހެ އެވެ. އިސްތިއުނާފީ މުއްދަތު މިދިޔަ އަހަރު ނޮވެމްބަރު މަހު ހަމަވި ފަހުން ވެސް ބަދަލުގެ ގޮތުގައި ދިނުމަށް އަމުރު ކުރި އެއްވެސް މިންވަރެއް ނުލިބޭތީ ފާއިޒު ވަނީ އެ އަމުރު ތަންފީޒު ކުރުމަށް އަންގަން އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

އެ މައްސަލާގައި މިއަދު ހެނދުނު ސިވިލް ކޯޓުގައި އަޑުއެހުމެއް ވެސް ބޭއްވި އެވެ.

ފާއިޒު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ އަޑުއެހުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ވަކީލުން ބުނި ގޮތުގައި ޑިސެމްބަރު 13، 2023، ގައި އިސްތިއުނާފުގެ ހުއްދައަކަށް އެދި ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

އެއީ އިސްތިއުނާފުގެ މުއްދަތަށް ވުރެ އެއް މަސް ފަހުގެ ތާރީހެކެވެ.

މިއަދާ ހަމައަށް ވެސް ހައި ކޯޓުން ޖަވާބެއް ލިބިފައި ނުވާތީ، ސިވިލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ހަތް ދުވަހުގެ ތެރޭގައި އެއްވެސް ޖަވާބެއް ހައި ކޯޓުން ނުދޭނަމަ މައްސަލަ ކުރިއަށް ގެންދަން ނިންމައިފަ އެވެ.

މި ކަމުގައި ޖޭއެސްސީގެ ބަހެއް އަދި ނުލިބެ އެވެ. އިސްތިއުނާފުގެ ހުއްދައަށް އެދުނު ތާރީހު ސާފުކޮށްދިނުމަށް އެ ކޮމިޝަނުގައި "އަދަދު" ނޫހުގެ ފަރާތުން ވަނީ އެދިފަ އެވެ.

ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އަލުން ސެކެޓްރީ ޖެނެރަލްގެ ވަޒީފާ އިއާދަކޮށްދިނުމަށް ފާއިޒު އެދިފައި ނުވެ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މާޗު 31, 2022, ގައި ފާއިޒު ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ އޮޑިޓަކުން ފާހަގަވި މައްސަލަތަކަކާ ގުޅިގެންނެވެ.

ޑީޖޭއޭއިން ނޮވެމްބަރު 2، 2022، ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާއިޒު ވަޒީފާއިން ވަކިކުރީ ސުޕްރީމް ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށްގެން އޭނާ ހުންނެވި ކޮޓަރިއަށް ކެމެރާގެ ފީޑް ލިބޭ ގޮތް ހަދައި ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލާފައިވާތީ ކަމަށެވެ.