Advertisement

މަސްވެރިންނަށް މިއަދުން ފެށިގެން ފައިސާ ދޫކުރަން ފަށައިފި

21 ފެބުރުވަރީ 2024 - 18:44 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކޫއްޑޫ ބަނދަރު ސަރަހައްދުގައި މަސްވެރިން ހުއްޓިލައިގެން، އަދި މަސްދޯނި ފަހަރުތައް ފަޅު ތެރޭގައި - ފޮޓޯ: އަދަދު


މަސްވެރިންނަށް މިއަދުން ފެށިގެން ފައިސާ ދޫކުރަން ފަށައިފި

21 ފެބުރުވަރީ 2024 - 18:44 0

މަސްވެރިންގެ އަތުން މަސް ގަތުމަށް ފަހު މިފްކޯއިން ދޭން ޖެހޭ ފައިސާގެ ތެރެއިން މިދިޔަ ތިން މަސް ދުވަހު ފައިސާ ނުދެވިގެން ދޭން ޖެހިފައިވާ 300 މިލިއަނެއްހާ ރުފިޔާ އޮތް އިރު، މިއަދުން ފެށިގެން ފައިސާ ދޫކުރަން ފަށާފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.

ސަރުކާރުގެ މަސްވެރި ކުންފުނި، މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ގއ. ކޫއްޑޫގައި މަސްވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް މަސްވެރިންނާ ހިއްސާކޮށްފައިވާ، ފައިސާ ދޫކުރާނެ ގޮތުގެ ތާވަލާއި އޭގެ ތަފުސީލުގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން ފައިސާ ދޫކުރަމުންދާނެ ކަމަށެވެ.

މިފްކޯއިން މިހެން ބުނިއިރު، މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 119 މިލިއަން ރުފިޔާ ދެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވަނީ އިއްޔެ ކޫއްޑޫގައި ތިބި މަސްވެރިން ގާތު ވިދާޅުވެފަ އެވެ.

އެ ފައިސާ ދޫކުރާނެ ގޮތުގެ ތަފްސީލެއް ވެސް އޭނާ މަސްވެރިންނާ ހިއްސާކުރެއްވި އެވެ.

ފިޝަރީޒް މިނިސްޓަރު އަހުަމަދު ޝިޔާމް "އަދަދު" އަށް ވިދާޅުވިގޮތުގައި މި ދެ ދުވަހު އޭގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި 30 މިލިޔަން ރުފިޔާ އަންނަ އާދީއްތަ ދުވަހު ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކުރިން ވިދާޅުވެފައިވާ ގޮތުގައި މާޗު 5، ގެ ކުރިން މި ވަގުތު ނުދެވި ހުރި ހުރިހާ ފައިސާއެއް ދައްކާ ހަލާސް ކުރެވޭނެ އެވެ. ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާގައި ވެސް ޝިޔާމް ވަނީ ހޯމަ ދުވަހުގެ ކުރިން 100 މިލިއަން ރުފިޔާ ދެއްކޭނެ ކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރު އައި ފަހުން ތިން މަސްވީއިރު، އެއިން ދެ މަސް ދުވަހުގެ ފައިސާ ނުލިބޭ ކަން މަސްވެރިން ފާހަގަ ކުރެ އެވެ. ސަރުކާރުން ބުނާ ގޮތުގައި، ސަރުކާރާ ހަވާލުވި އިރު ވެސް 250 މިލިއަން ރުފިޔާ ބެކްލޮގުގައި ހުއްޓެވެ. މަސްވެރިންނަށް ނުދީ ހުންނަ ފައިސާގެ އަދަދު، މި ފަހުން އަބަދުވެސް 300 މިލިއަނެއްހާ ރުފިޔާގައި އުޅެ އެވެ.

މި މައްސަލަ ބޮޑުވެ، ކޫއްޑޫގައި މަސްވެރިން ދަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މުޒާހަރާ ކުރަމުންނެވެ. މަސްވެރިން ބުނަމުން ދަނީ، ލިބެން ހުރި ފައިސާގެ ބޮޑުބައެއް ދައްކާ ނިމެންދެން މުޒާހަރާގައި ދެމިތިބޭނެ ކަމަށެވެ. މަސްވެރި ކޮންމެ ދޯންޏަކަށް ވެސް ނުދީ، ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތް ކަން، އެއިން ކޮންމެ ދޯންޏެއްގެ މަސްވެރިން ވަނީ "އަދަދު" ނޫހަށް ކިޔައިދީފަ އެވެ.

ސެޕްޓެމްބަރު 16, 2023 ގައި ރިޔާސީ އިންތިހާބުގެ ދެބުރުގެ ދޭތެރެއިން މަހުގެ އަގު 25ރ. އަށް ބޮޑުކުރި އެވެ. މި ސަރުކާރުން ދެކޭ ގޮތުގައި އެއީ "ސިޔާސީ" ބޭނުމަށް ގެނައި ބަދަލެކެވެ. އަދި އެ އަދަދަށް މަސްވެރިންގެ އަތުން މަސް ގަނެވެން ނެތް ކަމަށް ސަރުކާރުން ބުނެ އެވެ. މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން މަހުގެ އަގު 20ރ. އަށް ވެސް ކުޑަކޮށްފަ އެވެ.