about 1 hour 0
ހަސަން މުހައްމަދު
މާލޭ ބަނދަރުގައި މަސްވެރިންތަކެއް ހަރަކާތްތެރިވަނީ: ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ސަރުކާރުން ތެޔޮ ވިއްކަނީ ސަބްސިޑީ އަގެއްގައި -- ފޮޓޯ: އަދަދު ފައިލް
about 1 hour 0
ބޮޑު އަގުގައި ތެޔޮ ގަނެގެން ބޮޑުކަންނެވި މަސްވެރިކަން ނުކުރެވޭނެ ކަމަށް ބުނުމުން ސަރުކާރުން ހަމަޖައްސައިދޭން ވައުދުވި ތެޔޮ ސަބްސިޑީ އަދިވެސް ހަމަނުޖެހޭ ކަމަށް މަސްވެރިން ބުނެފި އެވެ.
ބޮޑުކަންނަނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު މިއަދު ވިދާޅުވީ، މިފްކޯއަށް މަސް ކިރުވާ މަސްވެރިންނެކޭ އެއްގޮތަށް، ބޮޑުކަންނެލި މަސްވެރިންނަށް ވެސް ސަބްސިޑީ އަގެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ވައުދުވި ނަމަވެސް މިއަދާ ހަމައަށް އެކަން ހަމަނުޖެހޭ ކަމަށެވެ.
"މިއަދުގެ މިވަގުތާ ހަމައަށް އަދި ތެޔޮ ލިބެނީ ބޮޑު އަގުގައި،" ފޯނުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
ބޮޑުކަންނެލި މަސްވެރިންނަށް ސަރުކާރުން ވި ވައުދަކީ، ހުޅުމާލޭގެ ކަންނެލި ޖެޓީގައި އެފްއެސްއެމް އިން ބަހައްޓާފައި ހުންނަ ޝެޑުން ސަބްސިޑީ އަގެއްގައި ތެޔޮ ވިއްކުމެވެ. އަދި އެކަންތައް އިއްޔެ ހަމަޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އިޒްރޭލާއި އެމެރިކާއިން އިރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ވަނީ ތެލުގެ ބޮޑު ތާށިކަމެއް ކުރިމަތިވެފަ އެވެ. ރާއްޖޭގައި ދެ ފަހަރަށް ތެލުގެ އަގު އުފުލި، މިހާރު ތެޔޮ ލިބެނީ 100 ޕަސެންޓު އަގު ބޮޑުކަށެވެ.
އެފްއެސްއެމް އިން އެއްގަމުގައި ހިންގާ ތެޔޮ ޝެޑުތަކުން ވިއްކާ ތެޔޮ ފިޔަވައި އެހެން ހުރިހާ ތެލެއްގެ އަގު ބޮޑުކުރީ ހޯމަ ދުވަހެވެ. މި ހިނގާ މާޗް މަހު ދެ ފަހަރަށް އަގު އުފުލުމުން ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީި 100 ޕަސެންޓު އުފުލިފަ އެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 103 ޕަސެންޓު އުފުލިފަ އެވެ.
މިހާރު ޕެޓްރޯލް ލީޓަރެއް ލިބެނީ 27.13 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް ކުރިން ވިއްކީ 13.50 ރުފިޔާއަށެވެ. އެހެންކަމުން އެއީ 100.96 ޕަސެންޓުގެ ކުރިއެރުމެކެވެ. ޑީސަލް ލީޓަރެއް މިހާރު ލިބެނީ 28.32 ރުފިޔާއަށެވެ. ކުރިން ވިއްކީ 13.92 ރުފިޔާއަށެވެ. އެއީ 103 ޕަސެންޓުގެ ކުރިއެރުމެކެވެ.
ސަރުކާރުން މި ފަހުން ވަނީ ބޮޑުކަންނެލި ގަންނަން ފަށައިފަ އެވެ. އެކަމަކު ކަންނެލި ކިލޯއެއް މިފްކޯއަށް ގަންނަނީ އެންމެ 55 ރުފިޔާއަށެވެ. މަސްވެރިން ބުނަނީ، ބޮޑު އަގުގައި ތެޔޮ ގަނެގެން އެހާ ކުޑަ އަގެއްގައި މަސް ވިއްކުމަކީ އުފުލޭނެ ބުރައެއް ނޫން ކަމަށެވެ.
"ޑީސަލް ލީޓަރެއްގެ އަގު 28 ރުފިޔާއަށް ކަންނެލި ކިލޯއެއްގެ އަގު 55 ރުފިޔާއަށް މަސްދޯނި ފަހަރު ހުއްޓި މަސްވެރި އާއިލާތަކަށް ބޮޑު ނިކަމެތި ކަމެއް! ކަމާއި ބެހޭ އެންމެހާ ފަރާތްތަކުން މަސްވަރާކޮށް މަސްވެރިކަން ހުއްޓާނުލާ ކުރިޔަށް ދެވޭނެ މަގެއް ހޯދުން މުހިންމު!," ތެލުގެ އަގު ބޮޑުކުރުމުން ބޮޑުކަންނަނެލި މަސްވެރިންގެ ޔޫނިއަން ބުންޏެވެ.
ތެލުގެ އަގު އުފުލުނު ނަމަވެސް މިފްކޯއަށް މަސް ކިރާ މަސްވެރިންނަށް ޑީސަލް ލީޓަރެއް 16.54 ރުފިޔާއަށް ވިއްކާނެ ކަމަށް އެ ކުންފުނިން ވަނީ އިއްޔެ ބުނެ އެވެ. އެކަމަކު، މިފްކޯއަށް އާންމުކޮށް ކިރާނީ ކަޅުބިލަމަހެވެ. ބޮޑުކަންނެލި މަސްވެރިން އަދިވެސް މަސް ކިރަން ދަނީ އަމިއްލަ ކުންފުނިތަކަށެވެ.
އޭގެ އިތުރުން، ތެލުގެ އަގު ބޮޑުވުމުން ބޮޑުކަންނެލި މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން މެދުކަނޑާލަން އެންސިސް ފިޝަރީޒް އިން ވަނީ މިއަދު ނިންމައިފަ އެވެ.
"ތެލުގެ އަގު އިންތިހާއަށް ބޮޑުވަމުންދިއުމުގެ ސަބަބުން، އައިސް އުފެއްދުމަށާއި ފޯރުކޮށްދިނުމަށް ހިނގާ ހަރަދު މިހާރު ވަނީ ފޫނުބެއްދޭވަރުގެ ބޮޑު ބުރައަކަށް ވެފަ،" އެންސިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރާ އަސަރު ކުޑަ ކުރުމުގެ ގޮތުން ރިޒާވުގައި ބަހައްޓާފައި ހުރި ތެޔޮ ގައުމުތަކުން ވަނީ ދޫކުރަން ފަށައިފަ އެވެ. އެކަމަކު، ރިޒާވުން ދޫކުރެވެން އޮތީ ވެސް ދުނިޔެއަށް ބޭނުންވާ ތެލުގެ މަދު މިންވަރެކެވެ.
ގަލްފުގެ ގައުމުތަކުން ދުނިޔެއަށް ތެޔޮ ފޯރުކޮށްދެނީ ހޮރުމޫޒު ކަނޑުއޮޅިންނެވެ. އެކަމަކު، އެތަނުން ދަތުރު ކުރާ ހުރިހާ އުޅަނދަކަށް ހަމަލާދޭން އިރާނުން ވަނީ ފަށައިފަ އެވެ. ހަނގުރާމައިގެ ކުރިން އެ ކަނޑުއޮޅިން 100 އަށް ވުރެ ގިނަ ބޯޓު ކޮންމެ ދުވަހަކު ވެސް ދަތުރު ކުރެ އެވެ. މިހާރު އެ ސަރަހައްދުން ދަތުރު ކުރަނީ އިރާނުގެ ހައެއްކަ ބޯޓު އެކަންޏެވެ.
ހޮރުމޫޒު ކަނޑުއޮޅި ބޭނުން ކުރަން ނުޖެހޭ ގޮތަށް ސައުދީ އަރަބިއްޔާއިން ވަނީ ރެޑް ސީއަށް ހޮޅިއެއް ގުޅައިފަ އެވެ. އެކަމަކު، އެ ހޮޅިން ގެންދެވެނީ ނިސްބަތުން ނިކަން މަދު މިންވަރެއްގެ ތެލެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ހޮޅިއަށް ހަމަލާއެއް އަމާޒު ނުވާނެކަމުގެ ޔަގީންކަމެއް ވެސް ނެތެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment