13 ޖަނަވަރީ 2024 - 23:01 1
މުހައްމަދު އުޝާމް
މާލެ މޭޔަރު ބައި-އިލެކްޝަނުން ލިބުނު ނާކާމިޔާބީއަށް ފަހު ބޭއްވި ޕްރެސް ކޮންފެރެންސް ތެރެއިން - ފޮޓޯ: ޕީއެންސީ
13 ޖަނަވަރީ 2024 - 23:01 1
މާލެ މޭޔަރު ބައި-އިލެކްޝަނުން ވެރިކަންކުރާ ޕީއެންސީއަށް ނާކާމިޔާބުވީ ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ އާންމު މެންބަރުންނާ އެކު ގުޅުން ކުޑަވުމުގެ ސަބަބުން ކަމަށާއި އެ ކަމަށް ސަޕޯޓަރުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށް، އެ ކޯލިޝަނުން ބުނެފި އެވެ.
މާލޭގެ މޭޔަރުގެ މަގާމު މިދިޔަ ދެ އަހަރު ފުރުއްވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ޕީއެންސީގެ ރައީސްގެ މަގާމުގައި ވެސް މިހާރު ހުންނެވި މުއިއްޒު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި މާލޭން 54 އިންސައްތަ ވޯޓު ހޯއްދަވައިފަ އެވެ.
އޭގެ 100 އެއްހާ ދުވަސް ފަހުން ބޭއްވި މޭޔަރު އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބުގެ ކެމްޕެއިނަށް ލީޑާޝިޕުން ދޭން ޖެހޭ ވަރަށް ސަމާލު ކަން ނުދެވުނު ކަމަށެވެ.
"ސަރުކާރުގެ މަސައްކަތުގައި އުޅެން ޖެހުމުން މި އިންތިހާބަށް ދޭން ޖެހޭ ވަރުގެ ސަމާލުކަން ނުދިނުމުގެ ސަބަބުން މި އިންތިހާބު ގެއްލިގެން މި ދިޔައީ،" ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު އަބްދުލްރަހީމް ވިދާޅުވި އެވެ.
މިއީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެތި އެ ކޯލިޝަނުން ނުކުތް ފުރަތަމަ އިންތިހާބަށް ވުމުން، ޔާމީން ނެތުމުގެ ސަބަބުން ލިބުނު ނާކާމިޔާބީއެއްތޯ ސުވާލު ކުރުމުން އަބްދުލްރަހީމް ވިދާޅުވީ އެ ގޮތަށް އެ ކަން ހިނގި ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އެއް ގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ. ރައީސް ޔާމީން ނެރުއްވި ކެންޑިޑޭޓެއް، އެ ކެންޑިޑޭޓާއި އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއް ކޮށްލުމުން ކުރި ލިބޭނަމަ އެ ގޮތަށް ގަބޫލު ކުރެވުނީސް، އެކަމަކު އެ ކަން ހިނގީ އެ ގޮތަކަށް ނޫން،" އަބްދުލްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގެ ވޯޓާސް ޓާންއައުޓް އެހާ ދަށްއިރު، އާންމު މެންބަރުންނާއެކު ގާތުން ކެމްޕެއިނުގެ މަސައްކަތްތައް ކުރެވުނު ނަމަ ގިނަ ބަޔަކު ވޯޓު ލުމަށް ނުކުންނަ ވަރު ކުރެވުނީހެވެ. އެހެންކަމުން ބަލިވި އެންމެ ބޮޑު ސަބަބަކީ އާންމު މެންބަރުންނާ އެކު ގާތުން މަސައްކަތް ނުކުރެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އާންމު މެންބަރުންނާ އެކު ބާއްވަން ޖެހޭ ގާތް ގުޅުން ނުބޭއްވުނީތީ ވަރަށް ބޮޑަށް މައާފަށް އެދެން،" އަބްދުލްރަހީމް ވިދާޅުވި އެވެ.
މިއަދު ކުރިއަށް ދިޔަ ބައި އިލެކްޝަނުން މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމެވެ. އެމްޑީޕީގެ ކުރީގެ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އާޒިމަށް ވަނީ ވޯޓުލީ މީހުންގެ 44.8 ޕަސެންޓް ވޯޓެވެ.
ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރަށް ލިބުނީ 29.6 ޕަސެންޓް ވޯޓެވެ. ތިންވަނައަށް ދިޔައީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ސައިފް ފާތިހަށް ލިބުނީ 13.8 ޕަސެންޓެވެ. ރައީސް ޔާމީން ތާއީދުކުރެއްވި ކެންޑިޑޭޓު، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދަށް ލިބުނީ 11.1 ޕަސެންޓެވެ.
Comment