Advertisement

ޓްރަމްޕުގެ މަންދޫބު ގޯ އާއި ޑިފެންސް މިނިސްޓަރު ޣައްސާން ބޭއްވެވި ބައްދަލުވުމުގެ ވާހަކަ ސަރުކާރުން ހާމައެއް ނުކުރޭ

about 1 hour 0

ގޯ އާއި ޣައްސާންގެ ގްރެފިކްސްއެއް: ގޯ ފުރާވަޑައިގަތީ ރައީސް މުއިއްޒުއާ ބައްދަލު ނުކުރައްވާ -- ފޮޓޯ: އަދަދު


ޓްރަމްޕުގެ މަންދޫބު ގޯ އާއި ޑިފެންސް މިނިސްޓަރު ޣައްސާން ބޭއްވެވި ބައްދަލުވުމުގެ ވާހަކަ ސަރުކާރުން ހާމައެއް ނުކުރޭ

about 1 hour 0

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދިވެހިރާއްޖެއަށް ފޮނުއްވި މަންދޫބު ސާޖިއޯ ގޯ އާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ދެއްކެވި ވާހަކަތައް ހާމަ ކުރަން ޑިފެންސް މިނިސްޓްރީ އިން ދެކޮޅު ހަދައިފި އެވެ.

ޓްރަމްޕުގެ އެޑްވައިޒަރު އަދި ސައުތު އަދި ސެންޓްރަލް އޭޝިއާއަށް އެމެރިކާއިން ކަނޑައަޅާފައިވާ މަންދޫބު ގޯ އާއި ޣައްސާން ބައްދަލު ކުރެއްވެވީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ބައްދަލުވުން ކުރިއަށްދިޔަ ކަމަށް ގޯ ވަނީ ހާމަ ކުރައްވައިފަ އެވެ.

ނަމަވެސް އެ ބައްދަލުވުމުގެ ވާހަކަ ޑިފެންސް މިނިސްޓްރީ އިން ބުނެފައެއް ނުވެ އެވެ. އެފަދަ މުހިންމު ބައްދަލުވުންތަކުގެ ވާހަކަ މީގެ ކުރިން ޑިފެންސް މިނިސްޓްރީ ހާމަކޮށްފައި އެބަހުއްޓެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމުގެ މައުލޫމާތު ހޯދަން މި ނޫހުން ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަށް ގުޅި ނަމަވެސް މިހާތަނަށް ކޮމެންޓެއް ލިބިފައެއް ނުވެ އެވެ.

ޣައްސާންގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ހަލީލުއާ ވެސް ގޯ އިއްޔެ ބައްދަލު ކުރެއްވި އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ސަރަހައްދީ މައްސަލަތަކުގެ ވާހަކަ އެ ބައްދަލުވުންތަކުގައި ދެކެވުނު ކަމަށް ގޯ ވިދާޅުވެފައިވެ އެވެ.

ގޯ އާއި ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލު ކުރަން އޮތީ ހަމަޖެހިފަ އެވެ. އެކަމަކު އިއްޔެ ގޯ ފުރާވަޑައިގަތީ މުއިއްޒުއާއެކު ބައްދަލު ކުރަން ހަމަޖެއްސި އެޕޮއިންޓްމަންޓް ކެންސަލް ކުރުމަށްފަހު އެވެ. އެ ބައްދަލުވުން ގޯ ކެންސަލް ކުރެއްވިއިރު، ރައީސް މުއިއްޒު ވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އިރާނުން އެމެރިކާއަށް ހަމަލާދޭން ވެސް ރައީސް ހިތްވަރުދެއްވި އެވެ.

"މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [އަސްކަރީ ބޭސްތަކަށް] އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނާ ބައްދަލު ކުރައްވަން ގޯ އެދިވަޑައިގެންނެވި ކަމަށް ވެސް މުއިއްޒު އިއްޔެ ވިދާޅުވި އެވެ. އެކަމަކު، ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާއާ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ބެހޭ ގޮތުން ވާހަކައެއް ދައްކަންޏާ އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމައަށް އަދި އެއްވެސް ހަނގުރާމައެއް ކުރާކަށް. އެކަމެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، ގޯ ރާއްޖެއިން ފުރާވަޑައިގެންނެވިއިރު އޭނާ ރާއްޖޭގައި ހުންނަވަނިކޮށް މަރާލަން ގޮވާލި މައްސަލައެއް ވެސް ފެންމަތިވެފަ އެވެ. ގޯ މަރާލަން ގޮވައިލީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ހުސެއިން އަހުސަންގެ ނަމުގައި ހިންގާ އެކައުންޓަކުންނެވެ. ގޯ މަރާލަން ޖެހޭ ކަމަށް އެ އެކައުންޓުން ބުނީ ރާއްޖެއަށް ކުރައްވާ ދަތުރު އިއުލާނު ކުރި ދުވަހު އެވެ.

"އެންމެން ނުކުމެ ރަޖަމްކޮށް މަރާލަންވީ. ސާޖިއޯ ގޯ އެބަ ރާއްޖެ އާދޭ ދިވެހި ސަރުކާރާ ބައްދަލު ކުރަން. އޭނާއަކީ އެމެރިކާ މީހެއް،" އިނގިރޭސިން ކުރި ޕޯސްޓެއްގައި އެ އެކައުންޓުން ބުނެފައިވެ އެވެ.