Advertisement

މުޅި ރާއްޖެއިން ސިމެންތި ހުސްވުމާ ގާތަށް ގޮސް ބަސްތާއެއްގެ އަގު 250 ރުފިޔާއިން މައްޗަށް އަރައިފި

about 1 hour 0


މުޅި ރާއްޖެއިން ސިމެންތި ހުސްވުމާ ގާތަށް ގޮސް ބަސްތާއެއްގެ އަގު 250 ރުފިޔާއިން މައްޗަށް އަރައިފި

about 1 hour 0

މުޅި ރާއްޖެއިން ސިމެންތި ހުސްވުމާ ގާތަށް ގޮސް، ސިމެންތި ބަސްތާއެއްގެ އަގު 250 ރުފިޔާއިން މައްޗަށް އަރައިފި އެވެ.

އިޒްރޭލާއި އެމެރިކާއިން އިރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހޮރުމޫޒު ކަނޑުއޮޅި ބަންދު ކުރުމުގެ ކުރިން ރާއްޖޭގައި ސިމެންތި ބަސްތާއެއް ވިއްކަމުން އައީ 90 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

އެކަމަކު، ހަނގުރާމައިގެ ސަބަބުން ސިމެންތި ވިއްކާ ބޮޑެތި ކުންފުނިތަކުން ވަނީ ސިމެންތި ހުސްވެފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ކުންފުނި އެސްޓީއޯ އަދި އެޕޯލޯ ހިމެނެ އެވެ. މިވަގުތު ސިމެންތި ލިބެނީ ހަމައެކަނި ވިލާއިންނެވެ.

ވިލާއިން ސިމެންތި ބަސްތާއެއް ވިއްކަނީ 254 ރުފިޔާއަށެވެ. އެކަމަކު ވިލާގެ ހުޅުމާލެ ބްރާންޗުން ސިމެންތި ބަސްތާއެއް ވިއްކަނީ 237 ރުފިޔާއަށެވެ. އެހެންކަމުން އެއީ 154 ޕަސެންޓާއި 137 ޕަސެންޓުގެ އިތުރުވުމެކެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ އެސްޓީއޯ އާއި އެޕޯލޯއިން ސިމެންތި ގެންނަމުން ދިޔައީ މެދުއިރުމަތިންނެވެ. ވިލާއިން ސިމެންތި ގެންނަނީ އިންޑޮނީޝިއާއިންނެވެ. މިއިން ކޮންމެ ކުންފުންޏަކުން ގާތްގަނޑަކަށް 15،000 ޓަނުގެ ސިމެންތި ކޮންމެ މަހަކު އެތެރެ ކުރަމުންދިޔަ އެވެ.

ސިމެންތީގެ އިތުރުން ދަގަނޑުގެ ތާށިކަން ވެސް ވަރަށް ބޮޑުވެފައިވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުންޏެވެ. ވިޔަފާރިވެރިން ބުނަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ހުރިހާ މުދަލެއްގެ އަގު ވެސް ގާތްގަނޑަކަށް 30 ޕަސެންޓު ބޮޑުވެއްޖެ ކަމަށެވެ.

އޭގެ އިތުރުން، މާލޭ ބަނދަރުން މުދާ ކޮންޓެއިނަރުތައް ކްލިއާ ނުކުރެވޭ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. ކޮންޓެއިނަރު އެކަށީގެންވާ އަވަސް މިނެއްގައި ކްލިއާ ނުކޮށްދޭ ކަމަށް މި ނޫހާ ވާހަކަ ދެއްކި ވަރަށް ގިނަ ވިޔަފާރިވެރިން ބުންޏެވެ.

ފަތުރުވެރިކަން ނެގުމަށްފަހު ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ހިއްސާއެއްދޭ ދެ އިންޑަސްޓްރީ އެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގެ ޖީޑީޕީގެ 5.5 ޕަސެންޓެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ތަކެތީގެ އަގުބޮޑުވިއިރު، ތެލާއި ކާބޯތަކެއްޗާއި ދަތުރުފަތުރާއި ނާލު ވެސް ވަނީ އަގުބޮޑުވެފަ އެވެ. ދަތުރުފަތުރާއި ނާލުން އަގުބޮޑުވީ ސަރުކާރުން ތެލުގެ އަގު ބޮޑުވުމުންނެވެ.

އެފްއެސްއެމް އިން އެއްގަމުގައި ހިންގާ ތެޔޮ ޝެޑުތަކުން ވިއްކާ ތެޔޮ ފިޔަވައި އެހެން ހުރިހާ ތެލެއްގެ އަގު ވަނީ ބޮޑުކޮށްފަ އެވެ. މި ހިނގާ މާޗް މަހު ދެ ފަހަރަށް އަގު އުފުލުމުން ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީި 100 ޕަސެންޓު އުފުލިފަ އެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 103 ޕަސެންޓު އުފުލިފަ އެވެ.

މިހާރު ޕެޓްރޯލް ލީޓަރެއް ލިބެނީ 27.13 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް ކުރިން ވިއްކީ 13.50 ރުފިޔާއަށެވެ. އެހެންކަމުން އެއީ 100.96 ޕަސެންޓުގެ ކުރިއެރުމެކެވެ. ޑީސަލް ލީޓަރެއް މިހާރު ލިބެނީ 28.32 ރުފިޔާއަށެވެ. ކުރިން ވިއްކީ 13.92 ރުފިޔާއަށެވެ. އެއީ 103 ޕަސެންޓުގެ ކުރިއެރުމެކެވެ.

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު އުފުލެމުންދާއިރު، ހަނގުރާމައިގެ މާ ބޮޑު އަސަރެއް ދިވެހިންނަށް ނުކުރާނެ ފަދަ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު ވަނީ ވާހަކަ ދައްކަވައިފަ އެވެ. ހަނގުރާމަ ފެށުނު ފަހުން މާޗް 2، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ އިގްތިސާދު އޮތީ ދުޅަހެޔޮކޮށް ކަމަށާއި އެމަނިކުފާނުގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ.

"ދެން، ވަރަށް ހެލްތީކޮށް އަޅުގަނޑުމެންގެ އިގްތިސާދު އޮތީ މި ވަގުތު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކަންބޮޑުވުމެއް ނެތް އަދި. އެހެންނަމަވެސް، އަޅުގަނޑުމެން ވާސްޓް ކޭސްއަށް ވެސް ތައްޔާރުވަމުން މިދަނީ،" މުއިއްޒު ވިދާޅުވެފައިވެ އެވެ.