about 1 hour 0
ޑިފެންސް މިނިސްޓަރު ޣައްސާން: ޓްރަމްޕުގެ މަންދޫބު އެނބުރި ގައުމަށް ވަޑައިގަތީ ރައީސް މުއިއްޒުއާ ބައްދަލު ނުކުރައްވާ -- ފޮޓޯ: މަޖިލިސް
about 1 hour 0
ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރާއްޖެއަށް ފޮނުއްވި މަންދޫބު ސާޖިއޯ ގޯއާއެކު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ކުރެއްވި މަޝްވަރާތައް ހާމަކުރެވެން ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.
ޓްރަމްޕުގެ އެޑްވައިޒަރު އަދި ސައުތު އަދި ސެންޓްރަލް އޭޝިއާއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ގޯ ވަނީ ޣައްސާންގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ހަލީލުއާ ބައްދަލު ކުރައްވައިފަ އެވެ. އެ ދެ ބައްދަލުވުން ވެސް ކުރިއަށްގެންދިޔައީ ވެރި ރަށް މާލޭގައި އިއްޔެ އެވެ.
އަދަދު އާ ވާހަކަ ދައްކަމުން ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ބުނީ، ގޯއާއެކު ޣައްސާން ކުރެއްވި މަޝްވަރާތައް ހާމަކޮށްފި ނަމަ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން އެ މަޝްވަރާތަކުގައި ދެއްކި ވާހަކަތައް ހާމަކުރެވެން ނެތް ކަމަށް އޭނާ ބުންޏެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މަޝްވަރާތަކާއި ސަރަހައްދީ މައްސަލަތަކުގެ ވާހަކަ ދިވެހި ހާރިޖީ ވަޒީރާއި ޑިފެންސް މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ދެކެވުނު ކަމަށް ޓްރަމްޕުގެ މަންދޫބު އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
ގޯ އާއި ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލު ކުރަން ވެސް އޮތީ ހަމަޖެހިފަ އެވެ. އެކަމަކު ގޯ އިއްޔެ ފުރާވަޑައިގަތީ މުއިއްޒުއާއެކު ބައްދަލު ކުރަން ހަމަޖެއްސި އެޕޮއިންޓްމަންޓް ކެންސަލް ކުރުމަށްފަހު އެވެ. އެ ބައްދަލުވުން ގޯ ކެންސަލް ކުރެއްވިއިރު، ރައީސް މުއިއްޒު ވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އިރާނުން އެމެރިކާއަށް ހަމަލާދޭން ވެސް ރައީސް ހިތްވަރުދެއްވި އެވެ.
"މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [އަސްކަރީ ބޭސްތަކަށް] އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނާ ބައްދަލު ކުރައްވަން ގޯ އެދިވަޑައިގެންނެވި ކަމަށް ވެސް މުއިއްޒު އިއްޔެ ވިދާޅުވި އެވެ. އެކަމަކު، ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާއާ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ބެހޭ ގޮތުން ވާހަކައެއް ދައްކަންޏާ އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމައަށް އަދި އެއްވެސް ހަނގުރާމައެއް ކުރާކަށް. އެކަމެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން، ގޯ ރާއްޖެއިން ފުރާވަޑައިގެންނެވިއިރު އޭނާ ރާއްޖޭގައި ހުންނަވަނިކޮށް މަރާލަން ގޮވާލި މައްސަލައެއް ވެސް ފެންމަތިވެފަ އެވެ. ގޯ މަރާލަން ގޮވައިލީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ހުސެއިން އަހުސަންގެ ނަމުގައި ހިންގާ އެކައުންޓަކުންނެވެ. ގޯ މަރާލަން ޖެހޭ ކަމަށް އެ އެކައުންޓުން ބުނީ ރާއްޖެއަށް ކުރައްވާ ދަތުރު އިއުލާނު ކުރި ދުވަހު އެވެ.
"އެންމެން ނުކުމެ ރަޖަމްކޮށް މަރާލަންވީ. ސާޖިއޯ ގޯ އެބަ ރާއްޖެ އާދޭ ދިވެހި ސަރުކާރާ ބައްދަލު ކުރަން. އޭނާއަކީ އެމެރިކާ މީހެއް،" އިނގިރޭސިން ކުރި ޕޯސްޓެއްގައި އެ އެކައުންޓުން ބުނެފައިވެ އެވެ.
Comment