12 ޖަނަވަރީ 2024 - 10:26 1
މުހައްމަދު ޝަހްޒާން
12 ޖަނަވަރީ 2024 - 10:26 1
އެމެރިކާ އާއި އިނގިރޭސިވިލާތް އިސްވެ އޮވެ ގިނަ ގައުމު އެކުލެވޭ ކޯލިޝަނަކުން ޔަމަނަށް ބޮން އަޅަން ފަށައިފި އެވެ.
ރަތް ކަނޑުގައި ހަރަކާތްތެރިވާ މަނަވަރުތަކާއި ސަބްމެރިން އަދި ވައިގެ މަގުން ދޭންފެށި އެ ހަމަލާތަކުގައި ލިބުނު ގެއްލުނެއް ނުވަތަ އަނިޔާވި މީހުންގެ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ވައިޓް ހައުސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމެރިކާ އާއި ގުޅިފައިވާ ގައުމުތަކުން ހަމަލާދިނީ ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ކުރަމުން އަންނަ، ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުތަކަށް ކަމަށެވެ. އަދި އެ ހަމަލާތަކަކީ ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ހޫތީން ދެމުންދާ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވައިޓް ހައުސްއިން ބުނެފައިވެ އެެވެ.
ޔަމަނުގެ އެކި ސަރަހައްދުތަކަށް ހަމަލާތަކެއް ދީފައިވާކަން ހޫތީން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. ހޫތީންގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައި ވާގޮތުގައި ހަމަލާތައް އަމާޒުކޮށްފައި ވަނީ ޔަމަނުގެ ވެރިކަން ކުރާ، ސަންނާއަށާއި ސާދާ އަދި ދަމަރުގެ އިތުރުން ހުދެއިދާއަށެވެ. އޭގެތެރޭގައި ޔަމަނުގެ އެންމެ ބޮޑު ބަނދަރު ވެސް ހިމެނެ އެވެ.
އެ ހަމަލާތައް ހޫތީން ސިފަކޮށްފައި ވަނީ އެމެރިކާ-ސިހުޔޫނީ-އިނގިރޭސި ހަރުކަށި ފިކުރުގައި ހިންގި ޖަރީމާއެއް ކަމަށެވެ. ހަމަލާތަކާ ގުޅިގެން ހޫތީން ވަނީ އެމެރިކާއަށާއި އިނގިރޭސިވިލާތަށް ވަރުގަދަ އިންޒާރެއް ދީފަ އެވެ.
ލުބުނާނުގެ ޓީވީ ޗެނަލް، އަލް މަޔާދީންއަށް ހޫތީންގެ ޑެޕިއުޓީ ހާރިޖީ ވަޒީރު، ހުސެއިން އަލް އިއްޒީ ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެމެރިކާއާއި އިނގިރޭސިވިލާތުން ދިން ހަމަލާގެ ބަދަލަށް އެ ގައުމުތަކުން ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށާއި މިހަމަލާތަކުގެ ސަބަބުން ދެން ކުރިމަތިލާންޖެހޭނީ ވަރަށް ބޮޑެތި ގެއްލުންތަކާ ކަމަށެވެ.
އެކްސްގައި ހޫތީންގެ ޕޮލިިޓިކަލް ބިއުރޯގެ މެންބަރު، ފަދްލް އަބޫ ތާލިބް ކުރެއްވި ޕޯސްޓެއްގައި ވެސް ވަނީ އެމެރިކާއާއި އިނގިރޭސިވިލާތާ ދެކޮޅަށް ކުރަންޖެހުނު ހަނގުރާމައެއް ކުރަން ތައްޔާރަށް އޮތް ކަމަށް ބުނެ އިންޒާރު ދީފަ އެެވެ.
އެމެރިކާގެ ރައީސް، ޖޯ ބައިޑެން ވިދާޅުވީ އެ ހަމަލާތަކުން ސާފު ވާންވީ ކަމަކީ ދުނިޔޭގެ ވިޔަފާރި ދަތުރުކުރާ އެންމެ މުހިންމު ސަރަހައްދުގެ ދަތުރުފަތުރު ކުރުމުގެ މިނިވަން ކަމަށް އަރައިގަންނަން އެމެރިކާ އާއި ގުޅިފައިވާ ގައުމުތަކުން ފުރުސަތު ނުދޭނެކަން ކަމަށެވެ.
ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރު ކުރާ ސަރަހައްދު ރައްކާތެރި ކުރުމަށް އިތުރަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ޔަމަނަށް ހަމަލާދިނުމުގައި އޮސްޓްރޭލިއާ އާއި ބަހުރެއިން އާއި ކެނެޑާގެ އިތުރުން ނެދަލޭންޑްސް ވެސް އެހީތެރިވާ ކަމަށް އިނގިރޭސިވިލާތާއި އެމެރިކާއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ހޫތީން ހަމަލާތައް ދޭން ފެށީ މިދިޔަ އަހަރު، އިޒްރޭލުން ގާޒާއަށް އަރައިގަނެ ހިންގަމުންދާ ޖަރީމާތަކަށް ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލައި ގާޒާއަށް ބޭނުންވާ އެހީ ފޯރުކޮށްނުދެނީސް އިޒްރޭލުގެ ބޯޓުފަހަރާއި އިޒްރޭލަށް މުދާ އުފުލާ ބޯޓުފަހަރަށް ރަތް ކަނޑު އަމާން ނުވާނެ ކަމަށް ހޫތީން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން އިސްވެ އޮވެ ހަމަލާދޭން ފަށާފައި މިވަނީ އދ. ގެ ސަލާމަތާ ބެހޭ މަޖިލީހުން ހޫތީންނާ ދެކޮޅަށް ގަރާރެއް ފާސްކުރިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. ޔަމަނަށް ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ވަރަށް ގޯސްވާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރެ އެވެ.
މެދުރިރުމަތީގައި ހިނގަމުންދާ ހަނގުރާމަތައް ހުއްޓައިލުމަކީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ފަލަސްތީނު ހަނގުރާމަައިގައި މިހައިތަނަށް 23،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އަދިވެސް އެމެރިކާއިން ދަނީ އިޒްރޭލަށް ވާގިވެރިވަމުންނެވެ. އޭގެއިތުރުން ވެސް މެދުއިރުމަތީގެ އެހެން ގައުމުތަކުގައި މީގެ ކުރިއެކޭ އެއްގޮތަށް އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންދެ އެވެ.
ބައިޑެންގެ ސަރުކާރުގައި ވެސް މީގެ ކުރީގެ ސަރުކާރުތަކެކޭ އެއްގޮތަށް ހަނގުރާމަތައް ކުރުމާއި ހަނގުރާމަތަކަށް ވާގިވެރިވަމުން ދާތީ އެކި ފަރާތްތަކުގެ ފާޑުކިިޔުން ވަނީ ބައިޑެންއަށް އަމާޒުވެފަ އެވެ.
Comment