Advertisement

ރަތް ކަނޑުގައި ހޫތީން ދޭ ހަމަލާތައް ހުއްޓާލަން އދ. ގެ ސަލާމަތާ ބެހޭ ކައުންސިލުން ގޮވާލައިފި

12 ޖަނަވަރީ 2024 - 08:21 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ރަތް ކަނޑުގައި ހޫތީން ދޭ ހަމަލާތައް ހުއްޓާލަން އދ. ގެ ސަލާމަތާ ބެހޭ ކައުންސިލުން ގޮވާލައިފި

12 ޖަނަވަރީ 2024 - 08:21 0

ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ހޫތީން ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވައިލާ ގަރާރެއް އދ. ގެ ސަލާމަތާ ބެހޭ ކައުންސިލުން ފާސްކޮށްފި އެވެ.

ސަލާމަތާ ބެހޭ ކައުންސިލުގެ 11 މެންބަރުންގެ ތާއީދާއެކު ފާސްކުރި އެ ގަރާރުގައި ބުނެފައި ވަނީ ހޫތީންގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށާއި ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަށް ބުރޫ އަރާ ކަމަށެވެ. އަދި މިދިޔަ އަހަރު ހޫތީން ހިފެހެއްޓި ޖަޕާނުގެ، ގެލެކްސީ ލީޑާ ބޯޓު ދޫކޮށްލުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

އެ ގަރާރާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓު ދީފައެއް ނުވެ އެވެ. ނަމަވެސް ޗައިނާ އާއި ރަޝިޔާގެ އިތުރުން އަލްޖީރިއާ އަދި މޮޒަންބީކުން އެ ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. އެ ކައުންސިލުގެ ދާއިމީ މެންބަރުގެ ގޮތުގައި ތިބި ރަޝިޔާއާއި ޗައިނާއަށް އެ މައްސަލަ ވީޓޯ ކުރުމުގެ ބާރު އޮތް ނަމަވެސް އެ ދެ ގައުމުން ވެސް އެ ބާރުގެ ބޭނުން ހިފައިފައެއް ނުވެ އެވެ.

ގަރާރު ފާސް ކުރުމަށްފަހު ނެރުނު ބަޔާނެއްގައި އެމެރިކާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލިންޑާ ތޯމަސް ގްރީންފީލްޑް ވިދާޅުވީ ހޫތީންނަށް މުޅި ދުނިޔެއިން ދޭ މެސެޖު ވަރަށް ސާފު ކަމަށާއި މިހާރުން މިހާރަށް ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ހަމަލާދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ފަލަސްތީނު ހަނގުރާމަ ފެށުނީއްސުރެއް މިއަދާ ހަމައަށް ރަތް ކަނޑުން ދަތުރު ކުރި އުޅަނދުފަހަރަށް އަމާޒުކޮށް 26 ހަމަލާ ހޫތީން ދީފައިވާ ކަމަށް އެމެރިކާއިން ބުނެފައިވެ އެވެ.

ރަތް ކަނޑުން ދަތުރު ކުރާ ހޫތީންނާ ގުޅުން އޮންނަ ނުވަތަ އިޒްރޭލަށް މުދާ އުފުލާ ބޯޓުފަހަރަށް ހޫތީން ހަމަލާ ދޭން ފެށީ އިޒްރޭލުން ގާޒާގައި ހިންގާ ގަތުލުއާންމުތަކަށް ބަދަލު ހިފުމުގެ ގޮތުންނެވެ. ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ކުރާ އެ ޖަމާއަތުން ބުނެފައި ވަނީ އިޒްރޭ؛ލުން ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލައި އެކަށީގެންވާ އެހީ ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުން ނޫނީ، އިޒްރޭލާ ގުޅުން އޮންނަ އުޅަނދުފަހަރަށް ރަތް ކަނޑު އަމާން ނުވާނެ ކަމަށެވެ.

ސަލާމަތާ ބެހޭ ކައުންސިލުން ފާސްކުރި އެ ގަރާރުގައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލަފު ނުވާ ގޮތެއްގެ މަތިން އދ. ގެ ގައުމުތަކަށް އެގައުމުތަކުގެ އުޅަނދުފަހަރު ރައްކާތެރި ކުރުމުގެ ބާރު ވެސް ދީފަ އެވެ.

އެފަދަ ގަރާރެއް އދ. ގެ ސަލާމަތާ ބެހޭ މަޖިލީހުން ފާސްކުރިއިރު، އެމެރިކާ އިސްވެ އޮވެ އެކުލަވާލާފައިވާ ގިނަ ގައުމު ހިމެނޭ ކަނޑުގެ ލަޝްކަރަކުން ގެންދަނީ ރަތް ކަނޑުގެ އަމަން ބަލަހައްޓަމުންނެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު ވެސް ހޫތީންގެ 21 މިސައިލާއި ޑްރޯން ވައްޓާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

ހޫތީންގެ ހަމަލާތަކަކީ އިރާނުގެ އެހީތެރިކަމާ އެކުގައި އިރާނު އަޑީގައި އޮވެގެން ކުރުވާ ކަމެއްގެ ގޮތުގައި ސިފަކޮށް އެމެރިކާއިން ވަނީ އިރާނަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. ނަމަވެސް އިރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.