26 ސެޕްޓެންބަރު 2025 - 13:17 0
އަހުމަދު އާއިދު
މިދިޔަ އަހަރުގެ އދ. ގެ އަހަރީ އާންމު ޖަލްސާގައި ރައީސް މުއިއްޒު ތަގުރީރުކުރައްވަނީ: މި އަހަރުގެ ޖަލްސާއަށް ވަޑައިނުގަތުމަށް މުއިއްޒު ނިންމެވީ ކީއްވެކަން ސަރުކާރުން ނުބުނި ---- ފޮޓޯ: ރައީސް އޮފީސް
26 ސެޕްޓެންބަރު 2025 - 13:17 0
އދ. ގެ 80 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވި ސަބަބު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
އެމެރިކާގެ ނިއު ޔޯކުގައި ކޮންމެ އަހަރަކު ކުރިއަށް ގެންދާ އދ. ގެ އަހަރީ އާންމު ޖަލްސާއަށް ދިވެހި ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ވަޑައިގެންނެވީ މުއިއްޒެވެ. އެމަނިކުފާނުގެ ބަދަލުގައި މި އަހަރު ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އާއި ޓޫރިޒަމް އެންޑް އެންވަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
އދ. އިން ދިވެހި ސަރުކާރާ މެދު ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާ މި ދުވަސްވަރު، އަހަރީ އާންމު ޖަލްސާއަށް ވަޑައިނުގަތުމަށް ނިންމެވި ސަބަބު ސާފުކުރުމަށް މި ނޫހުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލަށް ގުޅުމުން ދެއްވީ ނުސީދާ ޖަވާބެކެވެ. ސީދާ ސަބަބެއް ވިދާޅެއް ނުވެ އެވެ.
"މީގެ ކުރިން ވެސް އެހެން ރައީސުން ވެސް ކޮންމެ އަހަރަކު ނެތް އދ. ގެ އަހަރީ އާންމު ޖަލްސާއަށް ވަޑައިގެންފައެއް. ރައީސް ސޯލިހު ވެސް ޖައްސަ ޖައްސައިގެން ދެ އަހަރު ވަޑައިނުގަންނަވާ،" ހަލީލު ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވެ އެވެ.
އދ. ގެ އާންމު ޖަލްސާއަށް ވަޑައިނުގަންނަވަން މުއިއްޒު ނިންމަވާފައިވާއިރު، އިއްޔެ ވެސް އދ. އިން ވަނީ ސަރުކާރުގެ ސިޔާސަތުތަކާމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ މީޑިއާ ކޮންޓްރޯލް ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއް ކަމަށް ބުނެ އެ ގާނޫނު ބާތިލު ކުރުމަށް ދިވެހި ސަރުކާރަށް އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް ވަނީ ގޮވާލައްވައިފަ އެވެ.
މުއިއްޒުގެ ސަރުކާރުން ފާއިތުވި އަހަރުގެ ތެރޭގައި ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު ހަލާކުވާތީ ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މީގެ އިތުރުން، މި އަހަރުގެ ކުރީކޮޅު ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދިޔަ އިރު އދ. އިން ވަނީ ތަކުރާރުކޮށް ކަންބޮޑުވުމުގެ ބަޔާން ނެރެފަ އެވެ.
މީޑިއާ ކޮންޓްރޯލް ކުރަން ގެނައި ގާނޫނާއެކު އދ. އާއި ގައުމުތަކުން ކުރިމަތިކުރަމުންދާ ޕްރެޝަރަށް މުއިއްޒު މި ހަފުތާގެ ތެރޭ ވަނީ ރައްދު ވެސް ދެއްވައިފަ އެވެ. ސެޕްޓެމްބަރު 19، ގެ ރޭ ވ. ވ. ފެލިދޫގައި ހުންނަވާ މުއިއްޒު ވިދާޅުވީ ބޭރުގެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ނުބައްލަވާނެ ކަމަށެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ފިތުނަ ފަސާދަ އުފެއްދުމަކީ ގަތުލުކުރުމަށްވުރެ ނުބައި ކަމެއް ކަމަށް ގުރުއާނުގައި އޮންނަ ކަމަށެވެ. ނޫސްވެރިން ދޮގު ހަބަރު ފަތުރާ ފިތުނަ ފަސާދަ އުފައްދާ ކަމަށާއި އެކަން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ދެން ގުރުއާނަށް ގޮންޖަހާލާފަ ލިޔަންވީތޯ ހަމަ. ނުކުރެވޭނެ އެކަމެއް. މި ގައުމަކު ނުކުރެވޭނެ އެކަމެއް. އެކަން ކުރަން ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަކަސް އަޅުގަނޑަށް ފަރުވާލެއް ނެތް އެކަމަކަށް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment