Advertisement

ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު ފުނޑުފުނޑުވަމުންދާތީ އދ. ގެ ކަންބޮޑުވުން

25 ސެޕްޓެންބަރު 2025 - 20:29 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު ފުނޑުފުނޑުވަމުންދާތީ އދ. ގެ ކަންބޮޑުވުން

25 ސެޕްޓެންބަރު 2025 - 20:29 1

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ފާއިތުވި އަހަރުގެ ތެރޭގައި ގެނެސްފައިވާ ބަދަލުތަކުން ރާއްޖޭގައި އޮތް ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު ފުނޑުފުނޑުވަމުންދާތީ އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދައުލަތުގެ ބާރުތަކަށް ނުފޫޒު ފޯރުވައި އެމަނިކުފާނުގެ މުށުތެރެއަށް ލެއްވުމަށް ގާނޫނުއަސާސީ އާއި ގާނުނުތަކަށް ވަނީ ބަދަލުތަކެއް ގެންނަވާފަ އެވެ. އެންމެފަހުން ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވާ މީޑިއާ ކޮންޓްރޯލް ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށް ޓާކް ނެރުއްވި ބަޔާނުގައި ވަނީ ސަރުކާރުގެ އަމަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އާ ގާނޫނެއް މި ގެނައީ ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމަށް އޮންނަ ނިޒާމު ކަންބޮޑުވާ މިންވަރަށް ހީނަރުކޮށްފައި ވަނިކޮށް. މިނިވަން އަދި ތަފާތު މީޑިއާތައް އޮތުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ޑިމޮކްރަޓިކް މުޖުތަމައުގެ އަސާސެއް،" ޓާކްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ސިޔާސީ ޕާޓީއެއްގެ ކުޑަ ކޮމިޓީއަކަށް ގެއްލުވާލެވޭ ގޮތަށް ގެނައި ބަދަލާއެކު މަޖިލީހުގެ މިނިވަންކަން ވަނީ ގެއްލިފަ އެވެ. މަޖިލިސް މިހާރު އަމަލުކުރަމުން އަންނަނީ މުއިއްޒު ސަރުކާރުން ބޭނުންވާ ކަންކަން ގާނޫނުތައް ބަދަލުކޮށްގެން ރަބަރު ސްޓޭމްޕް ޖަހައިދޭ ތަނެއްގެ ގޮތުގަ އެވެ.

އެއަށްފަހު މުއިއްޒުގެ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ޣައިރު ގާނޫނީ ތަހުގީގަކަށް ފަހު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރި އެވެ. ތިންވަނަ ފަނޑިޔާރަކު އިސްތިއުފާ ދެއްވިއިރު އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރެއްވި އެވެ. އެއާއެކު ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުން އައްޔަންކުރީ މުއިއްޒު އެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން ހިމެނޭހެން ކަމަށް އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު، މާގަރެޓް ސެޓާވެއިޓް ވެސް މީގެކުރިން ވިދާޅުވެފައި ވެ އެވެ.

ޖޭއެސްސީގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކުއްލި ގޮތަކަށް ބަދަލުވުމާއި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރި ދުވަސްކޮޅު ފަނޑިޔާރުން ސަސްޕެންޑު ކުރުމަކީ އިއްތިފާގެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން ފަނޑިޔާރުން ވަކިކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މެއި 19، ގައި ނެރުނު ބަޔާނަށް ބަލައިލާއިރު އެ އޮފީހަށް އެއީ އިއްތިފާގެއް ޖަމަށް ބަލައިގަނެވޭނެ ޖާގައެއް ނެތްކަން ސާފުވެ އެވެ.

"ސަރުކާރުގެ އެކި ގޮފިތަކުގެ މެދުގައި ޗެކް އެންޑް ބެލެންސް، ހަރުދަނާ އަދި މިނިވަން ޖުޑީޝަރީއެއް ހިމެނޭހެން އޮތުމަކީ، ދައުލަތެއްގެ ހުރިހާ ގޮފިތަކުން ވެސް ގާނޫނުގެ ވެރިކަމަށް ބޯލެނބުމަށާއި، އިންސާނީ ހައްގުތައް ހަރުދަނާ ގޮތެއްގައި ހިމާޔަތް ކުރުމުގައި ވަރަށް މުހިންމު ކަމެއް،" ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ދައުލަތުގެ ތިން ބާރަށް ފަހު މުއިއްޒު ދެން އަމާޒު ހިއްޕެވީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކޮންޓްރޯލް ކުރެއްވުމަށެވެ. އެކަމަށް މަގުފަހި ކުރުމަށް ލިޔާ ހަބަރާއި ގެނެސްދޭ ޕްރޮގްރާމުތަކުގެ ސަބަބުން މީޑިއާތައް ބަންދުކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަކަށް ލިބިދޭ ގާނޫނު މުއިއްޒު ތަސްދީގުކުރެއްވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

ސަރުކާރު ފަހަތުގައި އޮވެގެން އަމިއްލަ މެންބަރެއް ލައްވާ މަޖިލީހަށް ހުށަހަޅައި އޮގަސްޓު 27، ގައި ބިލު ބަލައިގަތުމާއެކު ވެސް ބައިނަލްއަގުވާމީ އިދާރާތަކުގެ ކަންބޮޑުވުން ފާޅުކުރި އެވެ. މިއަދު އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ އޮފީހުން ވެސް ވަނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނަކީ ހިޔާލު ފާޅުކުރުމާއި މީޑިއާގެ މިނިވަންކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.