Advertisement

ޕާޓީތަކުގެ ދޯހަޅި ހާރިޖީ ސިޔާސަތުތަކުގެ އަސަރު ކުރަނީ ގައުމަށް!

11 ޖަނަވަރީ 2024 - 09:19 4

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރާއްޖޭގައި މިފަހުން ވެރިކަން ކުރެއްވި ބޭފުޅުން. ވެރިކަން ބަދަލުވެ ހާރިޖީ ސިޔާސަތުތަކަށް އަންނަމުންދާ ބަދަލުތަކާ އެކު ހުރިހާ ގެއްލުމެއް އޮތީ ދިވެހި ރައްޔިތުންނަށް --- އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު


ޕާޓީތަކުގެ ދޯހަޅި ހާރިޖީ ސިޔާސަތުތަކުގެ އަސަރު ކުރަނީ ގައުމަށް!

11 ޖަނަވަރީ 2024 - 09:19 4

ރަސްމީ ސިފައެއްގައި މިނިވަން ދިވެހި އޮޑި ދުނިޔޭގެ ކަނޑަށް ނިކުތީ 1965 ގައި އދ. ގެ މެމްބަރު ގައުމަކަށް ވީ ހިސާބުންނެވެ. އޭރު ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގެ ހާރިޖިއްޔާގެ ހުންގާނުގައި ތިއްބެވީ ހިކުމަތްތެރި, ވިސްނުން ތޫނު މާލިމީންނެވެ. ދިވެހި އޮޑީގެ ފަންވަރާއި ފެންވަރު އެ މާލިމީން ނިކަން ރަނގަޅަށް ދަނެތެވެ. ކަނޑުގެ އޮއިވަރަށް އަންނަ ބަދަލަށް ރިޔާ ހެޔޮވަރުކުރަނީ އަބަދުވެސް ބުއްދި އިސްކުރައްވަމުންނެވެ.

ފަޅުވެރިންނަށް ވުރެ ވަކި މުހިންމު އެހެން ބައެއް އެ މާލިމީން ނުދަނެތެވެ. ބިންކޮޅާއި މީސްތަކުން ކިތަންމެ މަދެއް ކަމަކު މި ގައުމުގައި ފަހުރުވެރި ތާރީހެއް އޮތްކަން ދަނެެއެވެ. ކާބަފައިންގެ މަތިވެރި ޖިހާދުތަކުން ޖީލުތަކަށް ފޯރުކޮށްދިން މިިނިވަންކަމުގެ އަގު ރަނގަޅަށް ދަނެތެވެ. ދުނިޔޭގެ ގަދަ ކަނޑުގައި ދިވެހި އޮޑި ތާއަބަދަށް ދުއްވާނޭ ގޮތް ނިކަން ވިސްނުންތެރިކަމާ އެކު ކަނޑައަޅައި އެކަން ދުނިޔެއަށް އިއުލާން ކުރެއްވެވީ ވެސް މިކަންކަން ދަނެތިބެ އެވެ.

މީގެ ކުރިން 1966 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ދިވެހިރާއްޖެއިން އދ. އަށް ކަނޑައެޅުއްވި އެންމެ ފުރަތަމަ ދާއިމީ މަންދޫބު ކަކާގޭ އަހުމަދު ހިލްމީ ދީދީ ފާށަނާކިލެގެފާނު ވިދާޅުވެފައި ވަނީ, "ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރާނީ ވަކި ކޮޅަކަށް ނުޖެހި އަމާންކަމާއެކު އެހެން ގައުމުތަކާއި ގުޅިގެން އުޅުމުގެ މައްޗަށް" ކަމަށެވެ.

އެއީ މި ކުޑަ އޮޑި ދުއްވޭން އޮތް ހަމައެކަނި ގޮތްކަން އެ ބޭފުޅުންގެ ދުރުވިސްނޭ ސިކުނޑިއަށް އޭރު ވެސް ފެންނާތީ އެވެ.

ވަކި ކޮޅަކަށް ޖެހެވެން ނެތް; ކޯޅުތަންތަކުގައި ތާށިވެވޭކަށް ނެތް

އިނގިރޭސީންގެ "ހިމާޔަތުން" ރާއްޖެ މިނިވަންވިތާ ފަސް އަހަރުގެ ތެރޭގައި އެ ކަނޑެއްގެ މެދުގައި 1,192 ދިވެހި ޖަޒީރާ އޮތް އިންޑިއާ ކަނޑަކީ "ޕީސް ޒޯން" އެއްގެ ގޮތުގައި އދ. އިން ކަނޑައެޅި އެވެ. އެ ޑިކްލެރޭޝަން ތަންފީޒު ކުރުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދިޔައީ ދެމުންނެވެ.

"އަޅުގަނޑުމެންގެ ގައުމު ހިމެނޭހެން އިންޑިއާ ކަނޑުގެ ރާޅުތައް އޭޝިއާ ބައްރުގެ ގިނަ ގައުމުތަކުގެ ގޮނޑުދޮށްތަކަށް ބީއްސާލާ. މި ކަނޑަކީ ބާރުތައް ހޯދުމުގެ ވާދަވެރިކަމާއި ހަމަނުޖެހުންތަކުން އެއްކިބާވެފައިވާ ސުލްހައިގެ ސަރަހައްދަކަށް ހެދުމަށް މި ސަރަހައްދުގެ ގައުމުތަކާ އަޅުގަނޑުމެން މިވަނީ އަތު ގުޅާލާފައި," 1977 ވަނަ އަހަރު ބޭއްވި އދ. ގެ އާންމު މަޖިލީހުގައި މި ދިވެހި ދީބު ތަމްސީލުކުރައްވަމުން ހާރިޖިއްޔާގެ ބައްޕަ ފަތުހުالله ޖަމީލް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރުކަން އެންމެ ގިނަ ދުވަހަށް ކުރެއްވި ފަތުހުالله ޖަމީލް. އެމަނިކުފާނުގެ ވަޒީރު ކަމުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ވަކި ކޮޅަކަށް ބުރަނުވާ "ޕްރޯ މޯލްޑިވްސް" ސިޔާސަތެއް --- ފޮޓޯ: އދ.


ހާރިޖީ ސިޔާސަތު ބައްޓަންވަނީ ދުނިޔޭގެ ހަގީގަތްތަކުގެ މައްޗަށެވެ. ގައުމުގެ އިސްތިގުލާލު ގެއްލުނަ ނުދީ ހިފެހެއްޓޭނޭ ގޮތެއްގެ މައްޗަށެވެ. އެކަމަށްޓަކައި އިންތިހާއަށް ދުރުވިސްނުން ބޭނުންވެ އެވެ. ދުނިޔެއާ މެދު އަސްލީ ނަޒަރަކުން ވިސްނާން ޖެހެ އެވެ. ޖޯގްރަފީ އާއި އިގުތިސޯދީ ހަގީގަތް ގަބޫލުކުރަން ޖެހެ އެވެ.

"ނޮން-އެލައިންމެންޓް" ނުވަތަ ވަކި ކޮޅަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް ދިވެހިރާއްޖެއިން ބައްޓަންކުރަން މަޖުބޫރުވީ ވެސް އެހެންވެ އެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކޯޅުންތަކުގެ ތެރޭގައި ތާށިވެފައި ތިބެވެން ނެތްކަން އެނގޭތީ އެވެ. އެއީ ގައުމަށް ގެއްލުން ބޮޑު ގޮތްކަން އެނގޭތީ އެވެ.

ދުނިޔޭގެ އޮއެވަރު ކޮންމެ ގޮތަކަށް ބަދަލުވަމުން އައި ނަމަވެސް, ދިވެހިރާއްޖެއިން ހިފަހައްޓަމުން ގެންދަނީ މި ސިޔާސަތެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރުވެސް ހިފެހެއްޓީ އެ ސިޔާސަތެވެ. ރައީސް މައުމޫންގެ ދިގު 30 އަހަރުވެސް ހިފަހައްޓަމުން ގެންދެވީ އެ ސިޔާސަތެވެ. ހަގީގަތުގައި ވެސް ދިވެހިންނަށް އެންމެ ފައިދާ ބޮޑީ އެގޮތް ކަމަށް ފެންނާތީ އެވެ.

އާ ގާނޫނު އަސާސީއާއެކު ހާރިޖީ ސިޔާސަތަށް ބަދަލުތަކެއް

މަލްޓި ޕާޓީ ޑިމޮކްރަސީ 2008 ގައި ދިވެހިރާއްޖެއަށް ތައާރަފު ވެގެން އައިއިރު "އިންސްޓިޓިއުޝަނަލް ލެވެލް" ގައި ހަރުދަނާ ވާންޖެހޭ ވަރަށް ގިނަ ކަންކަން ހުރީ ހަރުދަނާ ނުކުރެވި އެވެ. ރައްޔިތުން ކުރިމަތީ ދައްކާން ޖެހޭ ވަރަށް ގިނަ ވާހަކަތައް ހުރީ ނުދެކެވި އެވެ.

ހާރިޖީ ސިޔާސަތަކީ ޔަގީނުން ވެސް އޭގެތެރެއިން އެއް ވާހަކައެވެ. ނަތީޖާއަކަށްވީ ކޮންމެ ވެރިޔަކު ވެސް އަމިއްލަފުޅު ހިޔާލަށް ފެންނަ ގޮތަކަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރަން ފެށުމެވެ. ހިފަހައްޓަވާ ކަމަށް ވިދާޅުވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތެވެ. އެކަމަކު, ރައްޔިތުންގެ މާ ބޮޑު ހިޔާލެއް ނުވަތަ މަޝްވަރާއެއް ވެސް އެކަމުގައި ނޯވެ އެވެ. އެ ވާހަކަ ރައްޔިތުން ކުރިމަތީ ދައްކާކަށް ވެސް ނުކެރެ އެވެ.

ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުހައްމަދު ނަޝީދު ސިޔާސަތު ބައްޓަން ކުރެއްވީ އެމަނިކުފާނަށާއި އެމަނިކުފާނުގެ ސަރުކާރަށް ފެނިވަޑައިގެންނެވި އެންމެ ރަނގަޅު ގޮތަށެވެ. އެއީ އޭރު އަރަމުން އަންނަ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޗައިނާއާ ގާތް ގުޅުމެއް ބޭއްވުމެވެ.

ނަޝީދު 2010 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ އޭރުގެ ރައީސް ހޫޖިން ޓާއޯއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން. ނަޝީދު ސަރުކާރުން ހިންގި ގިނަ ހައުސިން ޕްރޮޖެކްޓެއް ހިންގީ ޗައިނާއިން --- ފޮޓޯ: ރައީސް އޮފީސް


ރާއްޖެ އޮތް ޖިއޮގްރޮފިކަލް ލޮކޭޝަން ބަދަލުނުކުރެވޭނެ ކަމާއި, އިންޑިއާ-ރާއްޖޭގެ ގުޅުމަކީ ޒަމާންވީ ގުޅުމެއްކަން އެމަނިކުފާނަށް ގަބޫލު ކުރެއްވުނެވެ. އެ ގުޅުމަށް ލޮޅުމެއް ނާރުވައި ޗައިނާއާ ވެސް ގާތް ގުޅުމެއް ބޭއްވި އެވެ. "ފްލެޓު ދޮންބެ" އެޅުއްވި ޗައިނާ ފްލެޓުތަކަކީ އެކަމުގެ ހެއްކެވެ. ޗައިނާ އެމްބަސީގެ ބިންގާ ވެސް އެޅުއްވީ ސާކް ސަމިޓަށް އިންޑިއާގެ އޭރުގެ ބޮޑުވަޒީރު މަންމޯހަން ސިންހް ރާއްޖެ ވަޑައިގެން ހުންނެވި ދަނޑިވަޅެއްގަ އެވެ. އެއީ ބޮޑު މެސެޖެކެވެ.

ނަޝީދު ވެރިކަމުން ވައްޓާލުމާ ހިސާބަށް ދިޔައީ ވެސް އިންޑިއާގެ ކުންފުންޏަކަށް އެއާޕޯޓު 25 އަހަރަށް ދިނުމަށް ހެދި އެއްބަސްވުމަކާ އިދިކޮޅު ނުރުހި ސީދާ ހަރަކާތަށް ނުކުތުމާ އެކު އެވެ. އެހާ ހިސާބުން ފެށިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިންޑިއާ އާ ދެކޮޅު ރޫހެއް އޮތީ އުފެެދިފަ އެވެ. އެއާއެކު, ޗައިނާއާ ދެކޮޅު ރޫހެއް ވެސް އޮތީ އުފެދިފަ އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި އޮޑި ދުއްވާން އޮތީ ގަދަ ކަނޑެއްގަ އެވެ. ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމާ އެކު އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ވަރަށް ބޮޑަށް ހީނަރުވެގެންދިޔަ އެވެ. އެ ކޯޅުންގަނޑުގެ ތެރޭގައި ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައްކަން ޖެހި އިގުތިސޯދީ ދަތިތަކެއް ވެސް ކުރިމަތިވީ އެވެ.

ވައި ބާރުވެ ރާޅު ބޮޑުވާން ފެށީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގަ އެވެ. ޔާމީން އިހުތިޔާރު ކުރެއްވީ އިންޑިއާ ދުރުކޮށްލުމަށްފަހު ޗައިނާއާއެކީ ކުރިއަށްދިޔުމަށެވެ. ދިވެހިންނާ އެކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމުގެ ބަދަލުގައި އިހުތިޔާރު ކުރެއްވީ އެ ކަމުގައި ހަނު ހުންނެވުމަށެވެ.

ޗައިނާގެ ރައީސް ޝީޖިންޕިންއާ ޔާމީން ސަލާމް ކުރައްވަނީ. ޗައިނާގެ ނުފޫޒު ރާއްޖެއަށް އެންމެ ބޮޑުވި އެއް ދުވަސްވަރަކީ ޔާމީންގެ ވެރިކަން --- ފޮޓޯ: ރައީސް އޮފީސް


އިންޑިއާ ކަނޑުގެ ސަރަހައްދަށް ޗައިނާއިން އަތްގަދަ ކުރަމުންދާ ކަމަށް އިންޑިއާއިން ތުހުމަތުކުރަމުން ދިޔަ ވަގުތެއްގައި, ޗައިނާއާ ގާތް ގުޅުމެއް އުފައްދަވަން ފެއްޓެވި އެވެ. ރާއްޖޭގައި ބޮޑެތި ބިޔަ ޕްރޮޖެކްޓްތަކެއް ޗައިނާ ސަރުކާރާއެކު ހިންގެވި އެވެ. އެ ޕްރޮޖެކްޓްތަކާ އެކު ދިވެހި އޮޑިއަށް ބިންދާލީ ދަރަނީ މާސިންގާ ރާޅެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތު ވެސް ބައްޓަން ކުރެއްވީ އެމަނިކުފާނަށް ފެންނަ އެންމެ ރަނގަޅު ގޮތަށެވެ. ޗައިނާ މުޅިން އެކަހެރިނުކޮށްލި ނަމަވެސް ރައީސް ސޯލިހުގެ ޕޮލިސީއަކަށްވީ "އިންޑިއާ ފަސްޓް" އެވެ. ގައުމުގެ ތަރައްގީގައި ދެގައުމުގެ ހިއްސާ ވެސް ހިމެނުއްވުމަށް މަސައްކަތްކުރެއްވެވި އެވެ. އެހެނަސް, ކޮވިޑާއެކު ނަގަން ޖެހުނު ދަރަނިތަކާއެކު ދަރަނީގެ އިތުރު ރާޅެއް ދިވެހި އޮޑިއަށް ބިންދާލި އެވެ.

ސޯލިހުގެ ހާރިޖީ ސިޔާސަތުގައި ވެސް ފެނުނީ ހުޅުވާލެވިގެން ރައްޔިތުންނާއި އެ ވާހަކަތައް ދެއްކުން މަދު ކަމެވެ. "ދައުލަތެއްގެ ސިފަ ޖެއްސުމަށްޓަކައި" ސިއްރު ކުރަން ނިންމެވި ޑޮކިއުމެންޓްތައް ވެގެންދިޔައީ އެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށެވެ. ޒަމާންތަކަކަށް ދެމިގެންދާނޭ ގެއްލުން ހާރިޖީ ސިޔާސަތަށް ލިބެމުންދިޔައިރު, އެންމެ ފަހު ވަގުތާ ޖެހެންދެން ހުންނެވީ ހަނެވެ.

އިންޑިއާ އައުޓް: ހާރިޖިއްޔާގެ މޫނުމަތީގައި އެޅުނު ބޮޑު ކޫރުމެއް

އެ ވެރިކަމުގައި އިންޑިއާ އައުޓް ކެމްޕޭނަކީ ރޭވިގެން އިންތިޒާމު ވެވިގެން ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަށް ދިން އެންމެ ބޮޑު ގެއްލުމެވެ. އެ ކެމްޕޭނަކީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭން ފޭބުމަށް ގޮވާލައި ފެށި ކެމްޕޭނެކެވެ. ގައުމުގެ އިސްތިގުލާލަށް އިންތިހާއަށް ނުރައްކާ އޮތް ކަމަށް ބުނެ އެވެ.

އެކަމަކު, ހަގީގަތަކީ އެ ކެމްޕޭން އެންމެފަހުން ގޮސް ބަދަލުވީ އިންޑިއާ އާ މެދު ދިވެހިންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން ކައްކުވާލި ކެމްޕޭނަކަށެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މާލި ހާދައި, އެ ގައުމުގެ ދިދައިގައި ކުރަހައި ރާއްޖޭގައި އުޅެމުންދާ އިންޑިއާ ޓީޗަރުންނާއި, ނަރުހުންނާއި އަދިވެސް އެ ނޫން ރައްޔިތުންނަށް ފުރައްސާކުރީ ހާރިޖީ ގުޅުންތަކާއި ދޭދޭ ގުޅުންތަކާ މެދު އެއްވެސް ވަރަކަށް ވިސްނާ ނުލަ އެވެ.

އިންޑިއާ އައުޓް ކެމްޕޭނާ އެކު ފެނުނީ އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރުމަށް ވުރެ އިންޑިއާއާ ޖައްސާލި މަންޒަރު. މި ގްރެފިޓީގައި ވެސް "އިންޑިއާ މިލިޓަރީ އައުޓް" ޖެހުމުގެ ބަދަލުގައި އޮތީ "ސޭ ނޯ ޓު އިންޑިއަންސް" --- ފޮޓޯ: ސޯޝަލް މީޑިއާ


ހިޔާލަށް ގެންނަންވީ ދިވެހި ދިދައަށް ކުޑައިމީސް ކުރީމާ ދިވެހިންގެ ލޭކެކޭނެ ވަރެވެ. ދިވެހި ވަލިއްޔުލް އަމުރަށް މަލާމާތްކޮށް މާލި ހަދައިފިނަމަ އަހަރުމެން ރިއެކްޓް ކުރާނެ ގޮތެވެ.

ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި ދުރުވިސްނުމުގެ އިތުރަށް ޒަމާންވީ ގުޅުންތަކަށް އިހުތިރާމު ކުރަންޖެހޭނެ އެވެ. ވެރިން ބަދަލުވިޔަސް, ވެރިކަން ކުރާ ޕާޓީ ބަދަލުވިޔަސް, ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އެގޮތުގައި ކުރިއަށް ދާންޖެހޭނޭކަން ވިސްނައި, ކެތްތެރިކަން އިސްކުރަން ވާނެ އެވެ.

އިންޑިއާ އަކީ ޒަމާންވީ ބައިވެރިއެކެވެ. ދިވެހިންގެ އެތައް މުހުތާދެއް ފުއްދައިދޭ އަވައްޓެރިއެކެވެ. އެކަން ސިޔާސީ ވެރިންގެ ހަނދާނުން އެންމެ ހިނދަކުވެސް ކައްސާލައިގެން ނުވާނެ އެވެ.

ހާރިޖީ އޮޑި އިންޑިއާ ކަނޑުގެ ތޫފާނެއްގެ މެދުގައި

ޔާމީން އުފަން ކުރުވި އިންޑިއާ އައުޓް ކެމްޕޭނަަށްފަހު, ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނަށް މި އޮޑީގެ މިސްރާބު ކަނޑައަޅުމުގެ ދުރުވިސްނުން ހުރިކަމަށް ބުނަން ދައްޗެވެ. އިންޑިއާ-ޗައިނާ ކޯޅުން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި, އޮޑީގެ މިސްރާބު އަބަދުވެސް ކަނޑައަޅަންވާނީ ތޫފާނެއްގައި ނުޖެހޭނޭ ގޮތަށް ނިކަން ހިކުމަތްތެރިކޮށެވެ.

އެއީ އަވައްޓެރި ގައުމުތަކާއި ދެމެދު އޮތް ޒަމާންވީ އިޖްތިމާއީ, އިގްތިސާދީ އަދި ސިޔާސީ ގުޅުންތަކަކީ ފަސް އަހަރުގެ ދައުރަކަށް ހޮވޭ މީހަކު ފުނޑާލަން ހެޔޮވާވަރު ކަންކަމެއް ނޫންކަން ދަނެގެންނެވެ. ޒަމާންވީ އާދަކާދަތަކަށް ނުހަނު އިހުތިރާމު ކޮށްގެންނެވެ.

ހަގީގަތުގައި ރައްޔިތުން މާލިމީއަކު އައްޔަންކުރަނީ ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަކީ އޭނާގެ ވާޖިބު ކަމުގައި ކަނޑައަޅައިގެން ތިބެއެވެ. ކަންމިހެން އޮތްއިރު ހާރިޖީ ގުޅުން ގާއިމުކޮށްފައިވާ އެއްވެސް ގައުމެއްގެ ވެރިޔަކާ މެދު ދައުލަތުގެ މަތީ ފަންތީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރެ ބޭފުޅަކު ކުޑައިމީސްކޮށް ބަސްބުނެގެން ނުވާނެ އެވެ.

މޯދީއަށް ކުޑައިމީސްކޮށް ސަސްޕެންޑު ކުރި ތިން ނައިބު ވަޒީރުން: ޝިއުނާ، މަލްޝާ އަދި މަހުޒޫމް ސަސްޕެންޑު ކުރީ މުއްދަތެއްނެތް ގޮތަށް އެކަމަކު މުސާރަ ލިބޭ ގޮތަށް.


އެފަދަ ކަމެއް ހިނގައިފިނަމަ ވަގުތުން އެންމެ ހަރުކަށި ފިޔަވަޅެއް އަޅަންވާނެ އެވެ. ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރެވުނު ކަމަށްވާނީ އެއިރުންނެވެ.

ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތު ބައްޓަންކުރައްވާ މަންޒަރު ފެންނަނީ މިކަމާއި އިދިކީލަކޮށެވެ. އެ ބޭފުޅުން މަގާމުން ވަކި ނުކުރައްވަ އެވެ. އިންޑިއާގެ ނުރުހުމަށް ތަސައްލީއެއް ހޯއްދައިދެއްވަން މަސައްކަތް ކުރައްވާ މަންޒަރެއް ވެސް ނުފެނެ އެވެ.

އިންޑިއާ ސިފައިންގެ އަދަދު 2,000 އެރުން ވެސް އެކަށީގެންވާ ކަމަށް ބުނެ "އަލް-ޖަޒީރާ" އަށް އިންޓަވިއު ދެއްވީ ކުޑަކޮށް ވެސް އޭގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ކޮށްފާނޭ އަސަރު ނުވިސްނަވަ އެވެ. ހަގީގަތް ބަޔާންކުރަން ފުރުސަތު ލިބި 50 އެތަކެއް ދުވަހެއް ވޭތުވިއިރު ވެސް އެ އަދަދާ ކައިރި ކުރާ އަދަދަކަށް ވެސް ސަރުކާރުން އިންޑިއާ ސިފައިން ތިބި ކަމަށް ނުބުނެ އެވެ.

މަޝްވަރާގެ މަތިން ކަންކަން ހައްލުކުރުމުގެ ބަދަލުގައި ގެންގުޅުއްވަނީ އެމަނިކުފާނަށް ފެންނަ އެންމެ ރަނގަޅު "ޕްރޯ-މޯލްޑިވްސް" ސިޔާސަތެވެ. ގައުމީ ވެސް ވާން ޖެހޭނެ އެވެ. އެކަމަކު އެއީ ގައުމަށް ކުޅަދާނަ މިންވަރަކަށެވެ.

ހަގީގީ ޕްރޯ-މޯލްޑިވްސް ސިޔާސަތެއް ބޭނުން

"ޕްރޯ - މޯލްޑިވްސް" ސިޔާސަތަކީ ރައީސް މުއިއްޒު އުފަންކުރި ސިޔާސަތެއް ނޫނެވެ. އެއީ ކަކާގޭ އަހުމަދު ހިލްމީ ދީދީވެސް ހާރިޖީ ސިޔާސަތު ބައްޓަންކުރެއްވި ގޮތެވެ. ދިވެހި އޮޑީގެ މިސްރާބު ކަނޑައެޅުމުގައި އެއްވެސް ގައުމަކަށް ބަސްނުކިޔޭނޭކަމާއި, އިންޑިއާ, ޗައިނާ, އެމެރިކާ ނުވަތަ އެނޫން ބާރަކުން ބުނި ނަމަވެސް ދިވެހިރާއްޖެއިން ދީލައިނުލުމަކީ އެ ބޭފުޅުން ވެސް ގެންގުޅުއްވި މަގެވެ.

އެކަމަކު އެކަން ކުރެވެނީ ނިކަން ބުއްދި ބޭނުންކޮށްގެންނެވެ. ވަރުގަދަ ހާރިޖީ ގުޅުންތައް ގާއިމުކުރަން ޒަމާންތަކެއް ނެގިނަމަވެސް, ހެދޭ ގޯހަކުން ނިކަން އަވަހަށް އެ ގުޅުންތައް ހަލާކުވެދާނެކަން ހަނދާނުގައި ބަހައްޓައިގެންނެވެ.

ޗައިނާއަކީ މިވަގުތު ދުނިޔޭގެ ބޮޑު ބާރެކެވެ. އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އިންޑިއާއަކީ ރާއްޖޭގެ އެންމެ އަވައްޓެރި ސަރަހައްދީ ބާރުވެރިކަން އޮތް ގައުމެވެ. އެއީވެސް ދެބަސްވެވެން ނެތް ހަގީގަތެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދާރުލްއާސާރަށް ކުރެއްވި ޒިޔާރަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވީޑިއޯއެއް ބައްލަވާލައްވަނީ. އިންޑިއާ އާ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި ރައީސް ހުންނެވީ ޗައިނާގައި --- ފޮޓޯ: ރައީސް އޮފީސް


މި ދެ ހަގީގަތުގެ މައްޗަށް ހާރިޖީ ސިޔާސަތު ބައްޓަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. އެކަން ކުރަން އޮތް ގޮތަކީ އެ ދެ ގައުމު ނުޖެއްސުމެވެ. އެ ތޫފާނުގެ މެދަށް ދިވެހި އޮޑި ދަތުރު ނުކުރެމެވެ. އެއްވެސް ގައުމަކާ މެދު ނަފްރަތު ނުއުފައްދައި, ކެތްތެރިކަން އިސްކޮށްގެން މަސައްކަތްކުރުމެވެ. ލިބެން އޮތް ސިޔާސީ މޮޅު ދޫކޮށް, ގައުމާއި މެދު ވިސްނާން ފެށުމެވެ.

މިވަގުތު އިންޑިއާ އާ ރާއްޖޭގެ ހާރިޖީ ގުޅުންތައް މިވަނީ ދުވަހަކުވެސް ނުދާހާ މިންވަރަށް ހީނަރުވެފަ އެވެ. ރައީސް މުއިއްޒުގެ ވެރިކަމަށް އަދި އެންމެ ދެ މަސް ނުފުރޭއިރު, އެންމެ އަވައްޓެރި ގައުމާއި މޫނު ކެނޑުމަކީ ކަންބޮޑުވާން ޖެހޭނޭ ކަމެކެވެ.

ދުނިޔޭގެ އާޖުފާޖު ނޭނގޭ ތިން ޑެޕިއުޓީ މިނިސްޓަރެއްގެ ސަބަބުން ހާރިޖީ ގުޅުންތަކަށް އިންތިހާއަށް ގެއްލުން ލިބިފައިވާއިރު, މީގެ އަސަރު ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިންނަށް ނުފެންނާނޭ ބުނުމަކީ ގޯހެކެވެ. އާހިރުގައި މީގެ ހިތި ވެސް ލިބޭނީ އެންމެ އާންމު ރައްޔިތު މީހާއަށެވެ.