ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު (ވ) 206 ޕްރޮޖެކްޓު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި: މި އަހަރުގެ ބަޖެޓު ހުށަހަޅަމުން އަދި ކޮމިޓީ ބައްދަލުވުންތަކުގައި ވެސް ޒަމީރު ވަނީ ސުކޫކު ދައްކަން ދައްޗެއް ނެތް ކަމަށް ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް
ސުކޫކު ރިފައިނޭންސް ކުރުމަށްޓަކައި ބޮޑު އިންޓްރެސްޓް ރޭޓެއްގައި ސަރުކާރުން ލޯނެއް ނަގަން އުޅޭ މައްސަލާގައި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ ކަންބޮޑުވުންތަކެއް ހުރިކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
މިކަމުގެ މައުލޫމާތު އެނގޭ އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް މެދުވެރިކޮށް ނަގަން އުޅޭ ލޯނާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު ވަނީ ބައެއް ބައްދަލުވުންތަކުގައި އަދި ސަރުކާރުގެ ބައެއް ވެރިންގެ އަރިހުގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"އެއީ ބޮޑު ކުށެއް ކަމަށް ވެސް ޒަމީރު ވިދާޅުވި،" ޒަމީރުއާއެކު ބޭއްވި ބައްދަލުވުމެއްގައި ބައިވެރި ސަރުކާރުގެ ވެރިޔަކު އަދަދު ނޫހަށް ވިދާޅުވި އެވެ.
"ޒަމީރު ވިދާޅުވީ 14 ޕަސެންޓު އިންޓްރެސްޓުގައި ބޮރޯކުރުމަކީ ކްރައިމް އެއް ކަމަށް. ރައްޔިތުންގެ ހައްގުގައި ކުރާ ވަރަށް ބޮޑު ގޯހެއް ކަމަށް. އެކަން ކިތަންމެ ރީތިކޮށް ބްރޭންޑްކޮގެން ކުރަން އުޅުނަސް އެއީ ގޯހެއް ކަމަށް ވިދާޅުވި،"
މިނިސްޓަރުގެ މި ވާހަކަތަކަކީ ބޮޑު އަގުގައި ލޯނު ނަގަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް މަސްދަރުތަކުން ބުނެ އެވެ.
ކާގިލްއިން ލޯނު ނަގަން އުޅޭނީ މި އަހަރުގެ އޭޕްރީލް މަހުގައި މުއްދަތު ހަމަވާ 500 މިލިއަން ޑޮލަރުގެ ލޯނު ދެއްކުމަށެވެ. އެ ދެއްކުމުގެ މާލީ ގާބިލްކަމެއް ދިވެހި ދައުލަތުގެ ބަޖެޓުގައި މިހާރު ނެތެވެ.
މި ސުކޫކު ބޮޑު އިންޓްރެސްޓު ރޭޓެއްގައި ރިފައިނޭންސް ކުރަން އުޅޭކަމުގެ އަޑުތައް ގަދަވެ، އިދިކޮޅު ސިޔާސީ ލީޑަރުންގެ ކަންބޮޑުވުން ފާޅުކުރި ނަމަވެސް ސަރުކާރު މިހާތަނަށް މިކަމާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު މުއިއްޒު ވިދާޅުވީ ސުކޫކު އަނބުރާ ދެއްކޭނެ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ. މުއިއްޒެކޭ އެއް ގޮތަށް ޒަމީރު ވަނީ ލޯނު ދެއްކޭނެ ކަމުގެ ޔަގީންކަން ބަޖެޓު ފާސްކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގައި އަރުއްވާފަ އެވެ.
ޕީއެންއެފްއިން ނިމުނު ހަފުތާގެ ތެރޭގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ސުކޫކު ރިފައިނޭންސް ކުރުމަށް 17 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގައި 350 މިލިއަން ޑޮލަރު ހޯދަން މަސައްކަތް ކުރުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ޔާމީން ވިދާޅުވީ 17 ޕަސެންޓުގެ ރޭޓަކީ އާދައިގެ ލޯނު ދޭ އުސޫލެއް ނޫން ކަމަށާއި، މިއީ "ލޯން ޝާކްސް" ނުވަތަ ބޮޑު އިންޓްރެސްޓުގައި ފައިސާ ދޫކުރާ ފަރާތްތަކުން އަމަލުކުރާ އުސޫލެއް ކަމަށެވެ. އަދި މިހާ ބޮޑު އިންޓްރެސްޓެއްގައި ލޯނު ނެގުމަކީ ހަގީގަތުގައި މަނީ ލޯންޑަކުރުން ފަދަ ކަމެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީ ކަމުގައިވާ މޫޑީސް އާއި ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފައި އޮތުމުން، ހެޔޮ އަގުގައި ލޯނު ލިބުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ދަރަންޏަށް ފައިސާ ދޭ ފަރާތްތަކުން މިހާ ބޮޑު އިންޓްރެސްޓެއް ކަނޑައަޅަނީ، ކޮންމެ އަގެއްގައި ވިޔަސް ފައިސާ ހޯދަން ރާއްޖެއަށް މަޖުބޫރުވެފައިވާކަން އެ ފަރާތްތަކަށް އެނގޭތީ އެވެ.
Comment