Advertisement

ހޫތީންގެ ހަމަލާތައް ހުއްޓުވަން ލަންކާއިން ވެސް ރަތް ކަނޑަށް މަނަވަރެއް ފޮނުވަނީ

7 ޖަނަވަރީ 2024 - 07:01 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ހޫތީންގެ ހަމަލާތައް ހުއްޓުވަން ލަންކާއިން ވެސް ރަތް ކަނޑަށް މަނަވަރެއް ފޮނުވަނީ

7 ޖަނަވަރީ 2024 - 07:01 1

ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ހޫތީން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ސްރީލަންކާއިން ވެސް މަނަވަރެއް ފޮނުވުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ރައީސް، ރަނިލް ވިކްރަމްސިންހަ ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުތަކަށް ބަދަލު ހިފުމުގެ ގޮތުން ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ކުރާ، ހޫތީން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި 20 އަށްވުރެ ގިނަ ހަމަލާދީފަ އެވެ.

ހޫތީންގެ ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ ވިޔަފާރިގެ 12 ޕަސެންޓު މުދާ އުފުލުމަށް ބޭނުން ކުރާ ރަތް ކަނޑު ވަނީ ބޯޓުފަހަރަށް ނާމާން ތަނަކަށް ވެފަ އެވެ.

އިގުތިސާދީ ބޮޑު އަނދަވަޅެއްގައި އޮތް ލަންކާގެ ރައީސް، ރަނިލް ވިދާޅުވީ ހޫތީންގެ ހަމަލާތަކާ ގުޅިގެން, ހުރިހާ ޝިޕިން ލައިންތަކުން ރަތްކަނޑު ބޭނުން ކުރުން ހުއްޓާލައި އެފްރިކާ ވަށާލާފައި ދަތުރު ކުރަން ފަށައިފި ނަމަ ދަތުރު ހަރަދާ އެއްވަރަށް މުދަލުގެ އަގު ވެސް އުފުލިގެން ދާނެ ކަމަށެވެ.

"ހަމަލާތަކުގެ ސަބަބުން މުދަލުގެ އަގު އުފުލިގެން ހިނގައިދާނެ، އެހެންވެ އަޅުގަނޑުމެން އެއްބަސްވެއްޖައިން ހޫތީންގެ ހަމަލާތައް ނާކާމިޔާބު ކޮށްލުމަށް ރަތް ކަނޑަށް މަނަވަރެއް ފޮނުވަން،" ރަނިލް ވިދާޅުވި އެވެ.

ރަތް ކަނޑުގެ އަމަން ބެލެހެއްޓުމަށް އެމެރިކާއިން އިސްވެ އޮވެ ވަނީ ގިނަ ގައުމު ހިމެނޭ ލަޝްކަރެއް ވެސް އެކުލަވާލައިފަ އެވެ. މިދިޔަ މަސްތެރޭގައި އަވައްޓެރި އިންޑިއާއިން ވެސް ވަނީ ރަތް ކަނޑަށް މަނަވަރެއް ފޮނުވައިފަ އެވެ.

ހޫތީން ބުނެފައި ވަނީ އިޒްރޭލުން ފަލަސްތީނަށް ހަމަލާދިނުން ހުއްޓާލައި އެކަށީގެންވާ މިންވަރަށް ގާޒާއަށް އެހީ ފޯރުކޮށް ނުދެނީސް ރަތް ކަނޑުން ދަތުރު ކުރާ އިޒްރޭލާ ގުޅުން އޮންނަ ނުވަތަ އިޒްރޭލަށް މުދާ އުފުލާ އުޅަނދުފަހަރަށް އެ ކަނޑުގައި ރައްކާތެރިކަމެއް ނޯންނާނެ ކަމަށެވެ.

އިންޑިއާ ކައިރިން ދަތުރު ކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް ވެސް ހޫތީން ވަނީ މިދިޔަ މަހު ހަމަލާ ދީފަ އެވެ. އެ ހަމަލާއާ ގުޅިގެން އިންޑިއާއިން ވަނީ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުން ފުޅާކޮށް ވަރުގަދަކޮށްފަ އެވެ.