1 ޖަނަވަރީ 2024 - 08:26 1
މުހައްމަދު ޝަހްޒާން
1 ޖަނަވަރީ 2024 - 08:26 1
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އިމްރާން ހާންގެ ކެންޑިޑެސީ ބަލައިނުގަންނަން އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ޕާކިސްތާނުގައި އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިމްރާން ހާން ކެންޑިޑެސީ ފޯމު ހުށަހެޅީ ފަސް އަހަރު ދުވަހަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި އޭނާއަށް ބައިވެރި ނުވެވޭނެ ކަމަށް އެގައުމުގެ އިލެކްޝަނުން ނިންމާފައި ވަނިކޮށެވެ.
އިމްރާންގެ ކެންޑިޑެސީ ބަލައި ނުގަތުމަށް އިލެކްޝަނުން ނިންމާފައި ވަނީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ކޮރަޕްޝަންގެ މައްސަލައިގެ ސަބަބުން އިންތިހާބެއްގައި ވާދަ ކުރުމުގެ ހައްގު ގާނޫނޫން އިމްރާނަށް ނުލިބޭތީ އެވެ.
އިމްރާންގެ އިތުރުން އޭނާގެ ސަރުކާރުގައި ވަޒީރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ކެންޑިޑެސީ ވެސް ބަލައި ނުގަތުމަށް ޕާކިސްތާނުގެ އިލެކްޝަނުން ވަނީ ނިންމައިފަ އެވެ.
އެ ނިންމުމާ ގުޅިގެން އިމްރާން ނިސްބަތްވެލައްވާ ޕާޓީ، ޕާކިސްތާން ތަހްރީކްއީ އިންސާފް (ޕީޓީއައި) އިން ވަނީ އެ ޕާޓީގެ ގިނަ ކެންޑިޑޭޓުންގެ ފޯމު ބަލައި ނުގަތުމަށް އިލެކްޝަނުން ނިންމީ އެގައުމުގެ ސަރުކާރުގެ ނުފޫޒުން ކަމަށް ތުހުމަތުކޮށްފަ އެވެ.
އުމުރުން 71 އަހަރުގެ އިމްރާން އަކީ ޕާކިސްތާނުގައި އެންމެ މަގުބޫލު ލީޑަރުގެ ގޮތުގައި ފާހަގަ ކުރެވޭ ބޭފުޅާ އެވެ. އޭނާގެ ޕާޓީން ވަނީ އެމެރިކާ އަޑީގައި އޮވެގެން ޕާކިސްތާނުގެ އަސްކަރިއްޔާގެ ބޭނުން ހިފައި އިމްރާންގެ ސިޔާސީ ހަޔާތް ފުނޑުފުނޑު ކޮށްލުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއަކީ އެގައުމުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމުގެ ތާރީހެއް އޮތް ބައެކެވެ. 1947 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަން ވުމަށްފަހު ވެސް ޕާކިސްތާނުގައި ގިނަ އަހަރުތަކެއް ވަންދެން ހިންގަމުން ދިޔައީ މިލިޓަރީ ވެރިކަމެކެވެ.
އިމްރާންގެ ވެރިކަން ބަދަލުވީ ރަޝިޔާއިން ޔުކްރެއިންއަށް ހަމަލާދިނުމުގެ ދުވަސްކޮޅެއް ކުރިން ރަޝިޔާއަށް ކުރި ދަތުރަކަށްފަހު އެވެ. އޭރުވެސް އިމްރާން ވަނީ އެކަމުގެ އަޑީގައި އޮތީ އެމެރިކާ ކަމަށް ތުހުމަތު ކޮށްފަ އެވެ. ނަމަވެސް އެމެރިކާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ކޮރަޕްޝަންގެ ތުހުމަތު ހުއްޖަތަކަށް ހަދައި އިމްރާންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމިއިރު، އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކެންޑިޑެސީ ވަނީ ބަލައިގަނެފަ އެވެ.
އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ހަތަރު އަހަރު އުޅުއްވުމަށްފަހު މިދިޔަ އޮކްޓޫބަރު މަހު އެނބުރި ޕާކިސްތާނަށް ވަޑައިގެންނެވި ޝަރީފްއަކީ މުޅި އުމުރު ދުވަހު ވެސް ސިޔާސީ މަގާމެއް އަދާ ނުކުރެއްވޭނެ ކަމަށް ޝަރީއަތުން ނިންމާފައިވާ ބޭފުޅެކެވެ. އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ޖެނުއަރީ މަހަށް ވަނީ ތާވަލު ވެސް ކޮށްފަ އެވެ.
އިމްރާންގެ ޕީޓީއައި އިން ވަނީ ޝަރީފްގެ ކެންޑިޑެސީ ބަލައިގަތުމަށްފަހު އިމްރާންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމުމުން އެކަމަށް ފާޑުކިޔައިފަ އެވެ.
Comment